English Edition
Dhivehi Edition

އިތުރު 4 މީހަކު ފައްސިވެ، ގއ. ގެމަނަފުށީގައި ކޮވިޑް19 އަށް ފަރުވާ ދެމުންދާ މީހުންގެ އަދަދު މިހާރު ވަނީ 31އަށް އަރާފައެވެ.

“އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ގެމަނަފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު (ނާޝިދު) ވިދާޅުވީ މިފަހަރު ވެސް ފައްސި ވެފައިވަނީ ކުރީގެ ކޭސްއަކާއި ގުޅުންހުރި ފަރާތްތަކެއް ކަމަށާއި، މިހާރު ޖުމްލަ 31 މީހުން ކޮވިޑަށް ފައްސި ވެފައިވާ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ނާޝިދު ވިދާޅުވީ ރަށުގައި ބަލިފެތުރެމުންދާ މިންވަރު އިތުރު ވަމުން ދިޔަނަމަވެސް ނުރައްކާތެރި ހާލަތަކަށް ނުދާ ކަމަށާއި، ފައްސި ވަމުންދާ ގިނަ ފަރާތްތަކަކީ ކުރީގެ ކޭސްތަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތްތަކެއް ކަމަށެވެ. ނަމަވެސް މިއޮތް ހާލަތުން އަރައިގަތުމަށް ރަށުގެ ހުރިހާ ރައްޔިތުންވެސް ކެތްތެރި ކަމާއިއެކު ގޭގައި މަޑުކުރެއްވުމަށް ނާޝިދު ވަނީ ރަށުގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

ކޮވިޑް 19 އާއި ގުޅިގެން ރަށުގެ ރައްކާތެރި ކަމަށްޓަކައި އެޅިގެންދިޔަ ބައެއް ފިޔަވަޅުތަކަށް މާދަމާއިން ފެށިގެން ލުއި ލިބިގެން ދާނެ ކަމަށާއި، މިގޮތުުން މަސްވެރިންނާއި، އެހެނިގެން މަސައްކަތް ކުރާ ފަރާތްތަކަށް ވަކި ޚާއްސަ އުސޫލެއްގެ ދަށުން މަސައްކަތް ކުރުމުގެ ހުއްދަ ލިބިގެންދާނެ ކަމަށްވެސް ނާޝިދު ވިދާޅުވިއެވެ.

ހުވަދު އަތޮޅުގެ ގިނަ ރަށްތަކުގައި އެކްޓިވް ކޭސްތައް ދުވަހުން ދުވަހަށް އިތުރު ވަމުންދާކަން ފާހަގަ ކޮށްލެވޭ އިރު ގެމަނަފުށީގެ އިތުރުން އެއަތޮޅު ވިލިނގިލި، ކޫއްޑޫ، ދެއްވަދޫ އަދި ދާންދޫއިން ވެސް ވަނީ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ފައްސިވެފައެވެ.