English Edition
Dhivehi Edition
ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރ އަޙްމަދު ސަޢީދު

ފުވައްމުލައް ސިޓީ ގައި ކޮވިޑްގެ ބަލި ބާރުމިނެއްގައި ފެތުރެމުން އަންނަ ކަމަށާއި ހޮސްޕިޓަލުގެ ގިނަ މުވައްޒިފުންތަކެއް ގޭގައި މަޑުކުރުވަން ޖެހުމާއި، ބައެއް މުވައްޒިފުންނާއި ޑޮކުޓަރުން ބައްޔަށް ފައްސިވެފައިވާތީ ހޮސްޕިޓަލުގެ ކަންކަން މެނޭޖުނުކުރެވޭފަދަ ހާލަތަކަށް މިހާރު ގޮސްފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖާރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ސިޓީގައި ކޮވިޑުގެ ކޭސްތައް ގިނަވެ، ބަލިފެތުރުން ކޮންޓުރޯލުން ނެއްޓިފައިފައިވާތީ އެކަމާއި ގުޅިގެން ސިޓީ ކައުންސިލުގެ ފަރާތުން މިއަދު ބޭއްވި ޕްރެސް ގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އިތުރުވަމުން އަންނަ ކޭސްތަކާއި އެކު ރަށުގެ ހާލަތު މިހާރު ސީރިއަސް ހާލަތަކަށް ދާކަމުގައެވެ. އަދި މިބަލިމަޑުކަމުން އަރައިގަތުމަށްޓަކައި، މިހާރު އެޅިފައިވާ ފިޔަވަޅުތަކަށް ބޯލަބައި، ރައްޔިތުންގެ ހޭލަމޭލަވުން ވީހާވެސް މަދުކުރަން އެބަޖެހޭކަމަށާއި މި ބައްޔަކީ އާދައިގެ ކަމެއްކަމަށް ހަދައި މާކަބޮޑު ފަރުވާތެރިކަމެއް ނުދީ ބައެއް މީހުން އުޅުމުގެ ނަތީޖާއަކަށްވީ މުޅިރަށަށް ބަލިފެތުރި މާބަނޑުއަންހެނުނާއި ތުއްތުތުއްތު ކުދިންވެސް މީގެ ޝިކާރައަށްވެގެން ދިޔުން ކަމަށް ސައީދު ވިދާޅުވިއެވެ.

“ފުވައްމުލަކު ސިޓީގެ މިއަދާއި އިއްޔެގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ހެނދުނު ހަޔަކުން ހަވީރު ހަޔަކަށް 30 މީހުން ވަނީ ފައްސިވެފައި. ރޭގެ ހަޔަކުން މިއަދުގެ ޕްރެސްއާއި ހަމަޔަށް 71 ފަރާތެއް ބައްޔަށް ފައްސިވެފައިވޭ. މިނަތީޖާއާއިއެކު މިވަގުތު ރަށުގެ ކޮވިޑުބަލީގައި ތިބި މީހުންގެ އަދަދު 221އަށް ވަނީ އިތުރުވެގެން ގޮސްފައި” ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ހޮސްޕޓަލުގެ ޑޮކުޓަރުންގެ ތެރޭގައި،އޮޕްރޭޝަން ޑޮކުޓަރާއި، އެތެރެހަށީގެ ޑޮކުޓަރުވެސް ވަނީ ބައްޔަށް ފައްސިވެފައިކަމަށާއި މިހާލަތުގައި ބަލީގެ ސުންކު ނެގުންފަދަ ކަންކަމުގައި ރަށުގެ އެހެނިހެން މުވައްސަސާތަކުގެ އުޅަދުތައް ބޭނުންކުރަންޖެހިފައިވާ ކަމަށެވެ. އަދި މިހާރު ބައްޔަށް ފައްސިވެފައިވާ މީހުންގެ ތެރޭގައި އެންމެ ހައިރިސްކު މީހުންވެސް ހިމެނޭކަމަށް މެނޭޖަރ ސައީދު ވިދާޅުވިއެވެ.

މި ޕްރެސްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ ހާލަތަށް ތައްޔާރުވުމުގެ ގޮތުން ހޮސްޕިޓަލުން މިހާރު ކުރެވިފައިވާ ކަންކަމުގެ ތެރޭގައި، މިވަބާގެ ފުރަތަމަ ކޮޅުގައި އޭރުގެ އެޗްއޯސީގެ ފަރާތުން މިޒޯނަށް ވަކި ޕްލޭނެއްހެދިފައިވާ ކަމަށެވެ.

“އެ ޕްލޭންގެ ތެރޭގައި، ގާތްގަނޑަކަށް 30އަކަށް މީހުނަށް ޚިދުމަތްދެވޭވަރުގެ ޒޯންފެސިލިޓީއެއް އައްޑޫސިޓީގައި ގާއިމުކުރުމާއި، ފުވައްމުލަކުގައި ކޮވިޑު އައިސީޔޫއެއް ގާއިމުކުރުން ހިމެނިފައިވޭ. އެތަން ތައްޔާރުކޮށްފައިވަނީ ތިން އެނދުގެ ޚިދުމަތް ބަލިމީހުނަށް ލިބޭނޭފަދަ ގޮތަކަށް. އަދި ހަމަ އެތަނުގައި ދެ ވެންޓިލޭޓަރާއި އެކު އައިސީޔޫއެއްގެ ފެންވަރުހުންނާނެ. އަދި ހަމަ މީގެ އިތުރުން އައިސޮލޭޝަން ފެސިލިޓީއެއް ހޮސްޕިޓަލުގެ އެއް ވޯޑު ހުސްކޮށްގެން ތައްޔާރުކުރެވިފައިވާނެ.”

އިތުރަށް ސައީދު ވިދާޅުވީ އެއީ މިހާރު ބޭނުންކުރަމުން އަންނަ މެޓާނިޓީ ވޯޑާއި އެންއައިސީޔޫ ވޯޑުކަމަށާއި، މިހާރު މި ފައްސިވަމުން މިއަންނަ ރޭޓަކަށް ހޮސްޕިޓަލް ތައްޔާރުވެފައި ނެތް ކަމަށެވެ. އަދި ހަމަ އެ ވަރަކަށް އިންސާނީ ވަސީލަތެއްވެސް ނެތްކަމަށް ވިދާޅުވިއެވެ.

” ސިއްޙީ ޚިދުމަތްތެރިން ވަރުބަލިވެއްޖެ.. ދެން އޮތީ ރައްޔިތުންގެ އެއްބާރުލުން.. އަޑުއަހައި ގަބޫލުކުރުން.” ސައީދު ވިދާޅުވިއެވެ.

ފުވައްމުލަކުގައި ކޮވިޑްގެ ބިރުވެރިކަން އިންތިހާއަށް ފެތުރިފައިވާ އިރު ރަށުގައި ޕީސީއާރު މެޝިނެއްނެތުމުގެ ސަބަބުން ރަށުން ނެގޭ ސުންކުތަކުގެ ނަތިޖާ ނުލިބި ލަސްވަމުންދާތީ ރަށުގެ ރައްޔިތުންތިބީ އިންތިހާ ދަރަޖައަށް ކަންބޮޑުވެފައެވެ. ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމް ތަކުގައި މިކަމާ ގުޅިގެން ރައްޔިތުން ގެންދަނީ ޝަކުވާ ކޮށް އަޑުއުފުލަމުންނެވެ.