English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ސައުތަމްޕްޓަން ބައްދަލު ކުރި މެޗު 1-0 ލަނޑުން މެންޗެސްޓަރ ޔުނައިޓެޑް ކާމިޔާބުކުރި އިރު ކުޓީނިއޯގެ މޮޅު ކުޅުމާއި އެކު ލެސިސްޓާ ސިޓީއަތުން 3-2 ލަނޑުން ލިވަޕޫލް ހަނިގޮތަކަށް މޮޅުވެއްޖެއެވެ.

ޕްރިމައަ ލީގުގައި ރޭ ސައުތަމްޕްޓަން އާއި މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުގެ ވަރުގަދަ ކުޅުމެއް ދައްކާއި މެޗުގެ 20 ވަނަ މިނެޓް ތެރޭގައި ލުކާކޫގެ ލަނޑުން މެޗުގެ ލީޑު ހޯދިނަމަވެސް ދެވަނަ ހާފް ފެށިގެން ސައުތަމްޕްޓަނުން ވަނީ ވަރުގަދަ ސްކޮޑަކާއި އެކު މިމެޗަށް ކުޅެން އެރި މެންޗެސްޓާރ ޔުނައިޓެޑް އާއި ދެކޮޅަށް ވަރުގަދަ ކުޅުމެއް ދައްކައި މެޗު އަނބުރާލުމަށް ޓަކައި ޔުނައިޓެޑުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވަން މަސައްކަތްކޮށްފައެވެ.

ރޭގެ މިމޮޅާ އެކު ތާވަލުގެ އެއްވަނާގައި އޮތް މެންޗެސްޓަރ ސިޓީ އާއި މެންޗެސްޓަރ ޔުނައިޓެޑް ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް ސިޓީ އޮތީ 4 ގޯލުގެ ތަފާތުން ތާވަލުގެ އެއް ވަނާގައެވެ.

ޕްރިމިއަ ލީގުގައި ރޭ ލެސްޓާ އާއި ލިވަޕޫލް ބައްދަލު ކުރި މެޗުގައި މުހައްމަދު ސަލާ އާއި ފިލިއްޕޭ ކުޓީނިއޯގެ ހިލޭ ޖެހުމުން ފުރަތަމަ ހާފްގައި ލިވަޕޫލްއިން ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް ލެސްޓާގެ ޝިންޖީ އޮކަޒާކީ ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލަނޑެއް ޖަހައި އެ ޓީމަށް މެޗުގެ އުއްމީދު އާ ކޮށްދީފަ އެވެ.

ދެ ޓީމްގެ ފަރާތުން ވެސް ހަލުވި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ލިވަޕޫލްގެ ލީޑު ފުޅާކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޑެނިއަލް ސްޓަރިޖް ދިން ބޯޅައަކުން ޖޯޑަން ހެންޑަސަންއެވެ. އެހެން ނަމަވެސް އޭގެ މިނިޓެއް ފަހުން ޖޭމީ ވާޑީ ވަނީ ލެސްޓާ އަށް އިތުރު ލަނޑެއް ކާމިޔާބު ކޮށްދީ މެޗުގެ ލީޑޫ ކުޑަކޮށްފައެވެ. އަދި އޭގެ ފަހުން ނަތީޖާ ހަމަހަމަ ކުރަން ވާޑީ ފޮނުވާލި ޕެނަލްޓީ ލިވަޕޫލް ކީޕަރު ސިމޮން މިންޔޮލޭ ވަނީ މަތަކޮށްފަ އެވެ.

ލީގުގައި ރޭ ކުޅުނު ފޯރިގަދަ އެހެން މެޗުތަކަށް ބަލާއިރު ވެސްޓް ހޭމް ޓޮޓެންހަމް ބައްދަލުކުރި މެޗު ޓޮޓެންޙަމްއިން ވަނީ 3-2 ލަނޑުން ކާމިޔާބުކޮށްފައެވެ.މި މެޗުގައި ޓޮޓެންހަމްގެ ހެރީ ކޭން ދެ ލަނޑު ޖަހާފައިވާ އިރު ކްރިސްޓިއަން އެރިކްސެން ވަނީ އެއް ލަނޑު ޖަހާފައިވާ އިރު ވެސްޓް ހޭމްގެ ދެ ލަނޑު ޖެހީ ހަވިއޭ ހެނާންޑޭޒާއި ޗެއިކް ކޮޔާޓޭ އެވެ.