English Edition
Dhivehi Edition

ނިމިގެންދިޔަ މާރޗުމަހުގެ ފުރަތަމަ ހަފުތާތެރޭގައި ފުވައްމުލަކުން ( ހޯމް ކަރަންޓީނުގައި ނެތް) މީހަކު ކޮވިޑަށް ފައްސިވުމާއި ގުޅިގެން، ފުވައްމުލަކު ސިޓީގައި ކޮވިޑުގެ ކޭސްތައް ގިނަވެ، ބަލިފެތުރުން ކޮންޓުރޯލުން ނެއްޓިފައިފައިވާތީ އެކަމާއި ކަންބޮޑުވެ، ސިޓީގެ ކައުންސިލުގެ ފަރާތުން ކުއްލި ޕްރެސްއެއް މިއަދު ބާއްވައިފިއެވެ.

ސިޓީ ކައުންސިލުގެ މޭޔަރާއި، ހޮސްޕިޓަލުގެ މެނޭޖާރ ބައިވެރިވެ ވަޑައިގަތް މި ޕްރެސްގައި ވާހަކަ ދައްކަވަމުން ދާދި އިހަކަށް ދުވަހު މަގާމުގެ ހުވާ ކުރެއްވި ފުވައްމުލަކުސިޓީގެ މޭޔާރ އިސްމާއީލު ރަފީގު (އިއްސެ) ވިދާޅުވީ ފުވައްމުލަކުގެ ހާލަތުވަނީ ކަންބޮޑުވާ ދަރަޖައަށް ގޮސްފައިކަމަށެވެ.

“މިހާރު ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރެވެން ހުރި ހުރިހާ ކަމެއްކޮށް މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާއި ދަނީ މަޝްވަރާ ކުރެވެމުން. އަދި މިބަލިން އަރައިގަތުމަށް ރައްޔިތުންގެ އެއްބާރުލުމާއި އެކު ރަށުގެ ހޭލަމޭލަވުން ކުޑަކޮށްދިނުމަށް މޭޔަރު އިލްތިމާސް ކުރަން” މޭޔަރ އިއްސެ ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީގެ މިއަދާއި އިއްޔެގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެގެ ހެނދުނު ހަޔަކުން ހަވީރު ހަޔަކަށް 30 މީހުން ވަނީ ފައްސިވެފައެވެ. އަދި ރޭގެ ހަޔަކުން މިއަދުގެ ޕްރެސްއާއި ހަމަޔަށް 71 ފަރާތެއް ބައްޔަށް ފައްސިވެފައިވެއެވެ. މިނަތީޖާއާއިއެކު މިވަގުތު ރަށުގެ ކޮވިޑުބަލީގައި ތިބި މީހުންގެ އަދަދު 221އަށް ވަނީ އިތުރުވެގެން ގޮސްފައެވެ.

ފުވައްމުލަކު ސިޓީގައި ކޮވިޑު ބަލި ކޮންޓުރޯލުކުރުމުގެ ގޮތުން މިހާރު އެޅިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހަވީރު ހަތަރަކުން ރޭނގަޑު ހަތަރަކަށް ވަނީ ކާފިއު އިއުލާންކޮށްފައެވެ. އަދި ޕާޓިތަކާއި އާންމު އެއްވުންތައް ބޭއްވުން މަނާކުރުމާއި،ސުކޫލްތައް ބަންދުކުރުމާއި، ރަށުގެ އެއް އަވަށުން އަނެއް އަވަށަށް ދިއުންވެސްވަނީ މަނާކުރެވިފައެވެ. ހަމަ މިއާއިއެކު ރަށުގެ ހޮޓާ ކެފޭ ރެސްޓޯރެންޓުތަކާއި، ސެލޫންފަދަ ތަންތަން ހުޅުވައިގެން ޚިދުމަތް ދިނުންވެސްވަނީ ވަގުތީގޮތުން މަނާކުރެވިފައެވެ.