English Edition
Dhivehi Edition

ޖަންގައްޔެއްގައި ބޯއަލިފާންގަޑެއް ފެތުރޭހެން ކޮވިޑް ފެތުރި ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް ނުކުޅަދާނަވެއްޖެ ކަމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ޑޮކްޓަރ މުޙައްމަދު އަލީ މީގެއިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް19 އަށް ފަރުވާ ކުރަމުން ދަނިކޮށް ނިޔާވީ މީހުންގެ އަދަދު 100 އަށް އަރައިފި ކަމަށާއި، ކޮވިޑް ކޭސް މަދުނުވެ ބޯއަލިފާން ގަޑެއް ފެތުރޭހެން ފެތުރެމުން އަންނަ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް މިހާރު ނުކުޅަދާނަ ވެފައިވާ ކަމަށާއި ސިއްޚީދާއިރާގެ މުވައްޒަފުން ވަރުބަލިވެ އައިޖީއެމްއެޗްގެ ބައެއް ވޯޑުތަކުގެ މަސައްކަތް ހުއްޓުމަކަށް އައިސް، ހޮސްޕިޓަލްގެ ސްޓާފުންގެ ޑިއުޓީ 12 ގަޑިއިރަށް ދިގުވެފައިވާކަމަށެވެ.

އައިޖީއެމްއެޗްގެ ބައެއް އާންމު ވޯޑްތަކުގެ މަސައްކަތް ހުއްޓުމަކަށް އަންނަން ޖެހުނީ އެވޯޑްތަކުގައި މަސައްކަތް ކުރާ ސްޓާފުން ކޮވިޑްބަލީގެ މީހުންނަށް ފަރުވާ ކުރަން ފޮނުވަން ޖެހުމުން ކަމަށް ޑޮކްޓަރ ވިދާޅުވެއެވެ.

މީގެ އިތުރަށް ޑޮކްޓަރ ވިދާޅުވީ ދުއާކުރުމުގައި ދެމިތިބުމަށާއި އިރާދަކުރެއްވިއްޔާ މިކަމުން ސަލާމަތްވާނެކަމަށެވެ. އަދި ކޮވިޑްޖެހިފައިވާ ކަމަށް ޝައްކުވެގެން ރަށްރަށުން ނަގާފައިވާ އެކްސްރޭތައް ޑޮކްޓަރުން ބަލައިލާއިރު އޭގެން ދައްކާގޮތުގައި ބަލިމީހާގެ ފުއްޕަމޭގައި ކޮވިޑްޖެހިފައިވާ ކަމަށް ފެންނަން ހުރެ ޕީސީއާއު ޓެސްޓް ހެދުމުން ބަލި ރަނގަޅުވެފައި ވާކަމަށްދައްކާ ފައި އެބަހުރިކަމަށެވެ. އެހެން ކަމުން ނޭނގިމިބަލި ޖެހި ފަސޭހަވެފައި ހުރުމަކީ ހިނގައިދާނެ ކަމެއްކަމުން ރަށްރަށުގެ މީހުންވެސް މިކަމަށް ސަމާލުވެތިބުމަށް ޑޮކްޓަރ އިލްތިމާޒް ކުރައްވައެވެ.

މިހާލަތުގައި ސިއްޚީ ދާއިރާގެ މުވައްޒަފުން ނަފްސާނީ އަދި ޖިސްމާނީ ގޮތުންވެސް ބަލިކަށިވާނެކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

އަދި އައިޖީއެމްއެޗްގެ ހިތުމަތް ކޮވިޑްބަލީގެ މީހުންނަށް އެކަނި ހިދުމަތް ދޭތަނަކަށް ހެދުމަށްފަހު އެހެން ބަލިތަކަށް ފަރުވާ ހޯދަން ދާންޖެހޭ މީހުން މިދުވަސްކޮޅު އެހެން ހޮސްޕިޓަލްތަކަށް ފޮނުވުމުން ސްޓާފުންނަށް ފަސޭހަވާނެ ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. ނަމަވެސް ހުރިހާ ސްޓާފުން ވަރުބަލިވެގެން ގޮތްހުސްވަންދެން ބަލިމީހުންނަށް ފަރުވާ ކުރުމަށް މަސައްކަތް ކުރާނެކަން ޔަގީންވާ ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.