ގއ. ވިލިނގިލިން އިތުރު 02 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ޖުމްލަ އެކްޓިވް ކޭސްތަކުގެ އަދަދު 10 އަށް އަރައިފިއެވެ.
ހޯމް ކަރަންޓީނު ކޮށްފައިވާ ފަރާތެއް ކަރަންޓީނާއި ހިލާފުވެ އެފަރާތާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތަކެއް ޕޮޒިޓިވްވުމާއި ގުޅިގެން ކުރިއަށްގެންދާ ކޮންޓެކްޓް ޓްރޭސިން މަސައްކަތުގެ ތެރެއިން އިތުރު 02 ސާމްޕަލެއްގެ ނަތީއްޖާ ޕޮޒިޓިވް ވެފައިވާ ކަމަށް ގއ. އަތޮޅު ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
މިއާއިއެކު ވިލިނގިލީގައި އެކްޓިވް ކޭސްތަކުގެ އަދަދު މިވަނީ 10 އަށް އަރާފައެވެ. ކޮވިޑް-19 އާއި ގުޅިގެން ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް ރޭ ވަގުތެއްގައި ވަނީ ވިލިނގިލި މޮނިޓަރިންގ ހާލަތަށް ގެނެސްފައެވެ.
ގއ. އަތޮޅު ކޮވިޑް ކޭސްތަކަށް ބަލާލާއިރު، ގއ ދާންދޫގައި 19 މީހަކު، ގއ. ގެމަނަފުށީގައި 17 މީހުން، ގއ. ކޫއްޑޫގައި 04 މީހުން، ގއ. ވިލިނގިލީގައި 10 މީހުން އަދި ގއ. ކަނޑުހުޅުދޫގައި އެކަކު ވަނީ ޕޮޒިޓިވްވެފައިވެއެވެ.