English Edition
Dhivehi Edition

ދިވެހި ރާއްޖޭގައި ހިންގުނު އެންމެ ބޮޑު ވައްކަމާއި ޚިޔާނާތުގެ މައްސަލަ އަކަށް އެންމެންގެ ކަންފަތުގައި ޖެހުނު އެއް އަޑަކީ އެމް އެމް ޕީ އާރް ސީ ގެ އަޑެވެ. ޚިޔާނާތް ބަލައި އެކަން ދިރާސާ ކުރަމުންދާ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ވަނީ ރިޕޯޓް ފާސްކޮށް މުޅި ލިސްޓް އާއްމުކޮށްފަ އެވެ. ލިސްޓް އާންމު ކުރި އިރު ފާހަގަވި ނަންތަކުގެ ތެރެއިން ފަހާގަވި އެއް ނަމަކީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު، އަލީ އާޒިމްގެ ނަމެވެ.

އާޒިމަށް އެއް މިލިއަން ރުފިޔާ ލިބުނު ކަމަށް އާއްމުވި ލިސްޓެއްގައި ވެއެވެ. ދެން އިވުނު އަޑަކީ ޚިޔާނާތް ބެލުމަށް ރައްޔިތުންގެ މަޖިލީހުން އެކުލަވާލާފައިވާ ސަބް ކޮމެޓީން އާޒިމް ފަހު ވަގުތު އެކަހެރިވެވަޑައިގެން ވާހަކައެވެ. މިވާ ގޮތެއް އެގެން ޔަގީނުންވެސް ރައްޔިތު މީހާ ބޭނުންވެފައިވާ ދަނޑިވަޅެއްގައި އަދަދު ނޫހުން މިވަނީ އެތެރެފުށް ޕްރޮގްރާމްގެ އެޕިސޯޑް އެކެއް ގައި އަލީ އާޒިމް ބައިވެރިވަޑައިގަންނަވާ ވާހަކަ ބުނެފައެވެ. ޕްރޮގްރާމް އަމާޒުވެފައިވަނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ތުޙުމަތު ކުރެވިފައިވާ ފަރާތްތަކަށް ކަމަށާއި އެޕްރޮގްރާމް މެދުވެރި ކޮށް ކުރެވިފައިވާ ތުޙުމަތުން ބަރީއަ ވުމަށްޓަކައި ނުވަތަ ތުހުމަތަށް ޖަވާބުދާރީ ވުމަށް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދިވަޑައި ގަންނަވާ ކަމަށެވެ.

އެތެރެފުށް ޕްރޮގްރާމް ފެށުނު އިރު އާޒިމް ވިދާޅުވަނީ އެއީ ތަޙްޤީޤެއްނަމަ ބައިވެރިވާން ބޭނުން ނުވާ ކަމަށެވެ! ޕްރޮގްރާމް ހުށަހަޅައިދިން ފިޔާޒު ވަނީ އެއީ ހަމަ ތަޙުޤީޤެއް ކަމަށާއި އެކަމު ބަޔާން ނަގައި ސޮއި ކުރާ ހިސާބަށް ނުދާނެ ކަމަށެވެ. އެޅިފައިވާ ތުހުމަތަށް ރައްޔިތުންނަށް ޖަވާބުދާރީ ވަމުން ކުރިއަށް ގެންދާނީ ކަމަށެވެ. ރައްޔިތުންގެ މީހެއްގެ ގޮތަށް ހުރެ ރައްޔިތުންނަށް ޖަވާބުދާރީ ވާންވާނެ ނޫންތޯ ފިޔާޒު ދެންނެވުމުން އާޒިމް އަނެއްކާވެސް އެއީ ތަޙްޤީޤެއް ނޫންކަން ޔަޤީން ކުރައްވަން ސުވާލުކުރައްވާފައިވެއެވެ. ފުރިފައި ހުންނަ އެއްޗެއް ގުނޑު ގުނޑު ނާޅާނެ ކަން ޔަޤީނެވެ. އެކަމު އާޒިމް އަށް މިވީ ކީއްހޭ ހިތަށް އެރިއެވެ.

އާނއެކެވެ! ރައްޔިތުން ހޮވާފައިވާ މެމްބަރެއްގެ ބޮލުގައި އެފަދަ ބޮޑު ތުހުމަތެއް އެޅިފައިވާއިރު ރައްޔިތުންވެސް ޖަވާބު ބޭނުންވާނެއެވެ. ޖަވާބު ދާރީވާން ޖެހޭ ކަން ޤަބޫލުކޮށް އާޒިމް ޕްރޮގްރާމާއިގެން ކުރިއަށް ދިޔުން އާޒިމް އަށް ވޯޓު އެޅި މެދު ހެންވޭރު ދާއިރާ ރައްޔިތުންވެސް އުފާކުރާނެ ކަމަކަށް ވާނެތާއެވެ. ކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުން އެއްވެސް ފައިސާއެއް ހޯދާފައި ނުވާނެ ކަމަށާއި އެފަދަ މައްސަލައެއްގައި ދައުވާ އުފުލާ ހިސާބުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. އިތުރަށް ވިދާޅުވީ އޭނާއަށް ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވެސް ތުހުމަތު ނުކުރާ ކަމަށާއި ކުރާ ނަމަ އެ ކޮމިޝަން އުފެދުނުތާ ތިން އަހަރު ވާއިރު އެކަމާ ގުޅޭގޮތުން ސުވާލެއް ކުރާނެ ކަމަށެވެ.އާޒިމް ޤަބޫލުފުޅު ކުރައްވާ ގޮތުގައި އެ ލިސްޓްގައި އޭނާގެ ނަން ހިމަނާފައިވަނީ ވަކި ފަރާތެއްގެ އިރުޝާދުގެ ދަށުން، ސިޔާސީ ގޮތުން ދައްކާ ވާހަކަތަކާ، ފާޅުކުރާ ހިޔާލުތައް ބަލައި ނުގަނެވޭތީ ނަން ކިލަނބު ކޮށްލުމުގެ ބޭނުމުގައި ކަމަށެވެ. އޭނާގެ މައްސަލައެއް އޮތްނަމަ އަވަހަށް ތަހުގީގުކޮށް ދައުވާ ކުރުމަށް ފޮނުވައި ތަހުގީގަށް ވީހާވެސް އަވަހަކަށް ހާޒިރު ކުރުމަށް އެދޭ ކަމަށް ވެސް ވިދާޅުވި އެވެ.

ޚިޔާނާތާއި ކައިރި ނުވާކަމަށް ވަރަށް ޔަޤީންކަން ބޮޑު ރާގަކަށް ޖަވާބު ދެމުން ދަނިކޮށް ދެން ފެނިގެން ދިޔައީ އެވާހަކަތައް ތެދުކަމާއި މެދު ޝައްކު އުފެދޭނެ ގޮތަކަށް ވާހަކަ ބަދަލުވި ތަނެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަރިސް މުހައްމަދު ހުސައިން (އޮއިއްޓޭ)، އާޒިމް ދިރިއުޅުއްވާ ގެއަށް ގޮސް އެއް މިލިއަން ރުފިޔާ ދިން ކަމަށް ތުހުމަތުކުރެވޭ ކަމަށް ދެކެވުނު ވާހަކަތަކެކެވެ. އާޒިމް ބުނެފައިވަނީ ވަރަށް ސާފުކޮށް އެގެއަށް ފައިސާ ހިފައިން އޮއިއްޓޭ ގޮސްފައިނުވާނެ ކަމަށެވެ.

ނިމުމެއްނެތް އިލްޒާމް ތަކެއް ބާއޭ ހިވާ ކަހަލަ އިޙްސާސް އެއް އާޒިމް އަށް ކުރެވޭނެ ކަން ޔަގީނެވެ. ދެން ދެކެވިގެން ދިޔައީ އާޒިމް 2014 ވަނަ އަހަރު އަދީބަށް ފޮނުއްވި މެސެޖުތަކެއް ލީކް ވެފައިވާ ކަމާމެދު ދެކެވުނު ވާހަކަ ތަކެކެވެ. ޔަގީނުންވެސް އެއްވެސް މީހަކު އަނެކާ އަށް ފޮނުވާ މެސެޖް ތަކެއް ލީކް ވުމަކީ އެދޭނެކަމެއް ނޫނެވެ. އެކަމު މިފެނުނީ މެސެޖް ތަކެއްވެސް ލީކް ވެފައިވާ ތަނެވެ. ހާސްކަމެއް އާޒިމް މޫނަށް ވެރިވިތަން ފެނުނެވެ. ނަމަވެސް އާޒިމް ބުނެފައިވާ ގޮތުގައި އެމެސެޖްތަކަކީ ސައްޙަ އެއްޗެއް ނޫނެވެ. ޕްރޮގްރާމް ހުށަހަޅަން އިން ފިޔާޒް އަށާއި ފިޔާޒް ގެ ޓީމަށްވެސް ޗެޓް ލޮގް ހަދާލެވޭނެ ކަމަށް ދެންނެވިއެވެ. ފިޔާޒު ތަކުރާރުކޮށް އެއީ ސައްޙަ އެއްޗެއް ކަމަށް ބުނެ ޗެޓްލޮގް ގައިވާ ވާހަކަތަކާއި އެކު ކުރިއަށް ދިޔައެވެ.

މެސެޖްތަކުން އެނގޭ ގޮތުގައި އަދީބު ބޭނުންވާ ކަންކަން ކުރުމަށް ބައެއް އެމްޑީޕީ މެމްބަރުން ރުއްސުމަށް އަދީބު ވަނީ އާޒިމް ބޭނުންކޮށްފަ އެވެ. އާޒިމް ވިދާޅުވީ ސިޔާސީ ކަންކަން “ސުމޫތުކޮށް” ގެންދަން އިދިކޮޅު މީހުންނާ ވާހަކަ ދައްކަން ޖެހޭ ކަމަށާއި އެ މަގުސަދުގައި ވާހަކަ ދައްކާފައި ހުންނާނެ ކަމަށެވެ. އަދި ވަރަށް ގިނަ ކަންކަން މަޝްވަރާ ކުރާކަމަށާއި އަދީބު އާއި ގާތް ގުޅުމެއް އޮންނަ ކަމަށް ބުނެފައެވެ. ތަކުރާރުކޮށް ނޫނެކޭ ބުނަމުން ދިޔަ ދަނޑިވަޅެއްގައި މެސެޖް ތެރެއިން ކަޅުދަބަހެއް ހިފައިން އަދީބުގެ އައްޑާ އަށް އާޒިމް ދިޔުމަށް އެދުނު މެސެޖެއްވެސް ފެނިއްޖެއެވެ. ދެން މިދިޔައީ އޭ މަގޭ ޒަމާން ހިވާކަހަލަ ރާގަކަށް ދަބަހުގެ ވާހަކަ އަަހާލުމުން އާޒިމް ޖަވާބު ދިންތަން ފެނުނެވެ. ލޯބި މަޢުސޫމް ކުއްޖަކަށް ދޮގެއް ހެދުމުން މަންމަ ރުޅި އައިސް ދާނެ ކަމަށް މަންމަ ރުއްސަން އެހެން ހިނިތުންވެލާނެކަންވެސް ޔަޤީނެވެ. ހިނިތުން ވުމާއި އެކު އާޒިމް ވިދާޅުވީ އެއީ ވަރަށް އެހެން ކަހަލަ ވާހަކަ އެއް ކަމަށެވެ. އަސްލު ވީ ގޮތް ކިޔާދީފާނަން ކަމެވެ. އަދި ކޮންމެ ފަހަރަކުވެސް އާޒިމް ދަންނަވަން ބޭނުން ވާހަކައެއް އެބައޮތް ކަމަށެވެ. ކަޅު ދަބަހެއް ހިފައިން އަދީބު ކައިރިއަށް ދިޔައީ އެއްވެސް ކަހަލަ ކަރުދާހެއް ބަލާ ނޫންކަމަށެވެ. އެއީ ކޮންމެސް ކަހަލަ ދިޔާ އެއްޗެއް ބަލާ ގެންދިޔަ ކަޅުދަބަހެއް ކަމަށެވެ. ދަބަހުގައި ހުންނާނީ ދިޔާ އެއްޗެހި ކަމަށެވެ. އަދި އެއީ ރައްޓެއްސަކު އަދީބު ކައިރިއަށް ދިޔަ ދިޔުމެއް ކަމަށާއި އޭގައި ހުންނާނީ ދިޔާ އެއްޗެހި ކަމަށެވެ.

މިދައްކަނީ ކުޑަ ކަމެއްގެ ވާހަކަ ހެއްޔެވެ؟ މިދެކެވުނީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު، އަލީ އާޒިމް އަދީބު އަތުން ރައްޓެއްސަކަށް ދިޔާ އެއްޗެއް އުފުލައިދިން ވާހަކައެވެ. ރައްޓެއްސަކު ވިއްޔާ އަނެއް ރައްޓެއްސަކަށް އެއްޗެއް ތާކުން ގެންގޮސްދިނުން އެއީ ހެޔޮ ކަމެކޭވެސް ބުނެވިދާނެއެވެ. ކަނޑައެޅިގެން ޔަޤީން އިބާރާތަކުން އެމް އެމް ޕީ އާރް ސީ ގެ ޚިޔާނާތުގައި ނުޖެހޭ ކަމަށް ބުނި މީހަކަށް ދަބަހުގައި ގެންދިޔަ ދިޔާ އެއްޗެއްގެ ނަން ނުބުނެވުނީ ކީއްވެހެއްޔެވެ؟ ތުހުމަތަކުން ރެކެން އުޅެނިކޮށް އަނެއްކާ ރައްޔިތުން ކުރިމަތީގައި މި ވެވުނީ އެހެން ކަމަކަށް އިއުތިރާފް ހެއްޔެވެ. އުފުލާފައި މިވަނީ އިއްޒަތްތެރި މެމްބަރު ބުނާ މީހެއްގެ އަޚްލާޤީ މިންގަޑަށް ފެތޭނެ ދިޔާ އެއްޗެއް ބާއެވެ؟ ޔަޤީނުންވެސް އެބަޔަކު ވޯޓް އަޅައިން ހޮވި މެމްބަރަކު އަދީބުގެ އައްޑާއިން ނަގައިން ދަބަހަށް ލައިން އުފުލި ދިޔާ އެއްޗަކީ ކޮން އެއްޗެއްކަން އެނގެން ބޭނުންވާނެއެވެ!

 

1 ކޮމެންޓް
ކޮކަޑި ހައްވަ
މެއި 15, 2021
ފާޔުމަޔާ އަދީބު ހެދި ކަދުރު ސުރުވާގެ އަރަގް ކަމަށް ބޮޑަށް ލަފާ ކުރެވެނީ. ޔާމީނަށް އެނގުމުގެ ކުރިން އާޒިމަށްދިނީ.