މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހިންގި މަސްތުވާތަކެތީގެ ތިން އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަން ތަކުގައި ހައްޔަރު ކޮށްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިނެއްގެ އިތުރުން 39 އަހަރުގެ ފިރިހެނަކު ކަމަށާއި، އެ ތިން މީހުންނަކީވެސް ދިވެހިން ކަމަށެވެ.
މީގެ އިތުރުން ފުލުހުން ހާމަކުރާ ގޮތުގައި އެ ތިން މީހުންގެ ތެރެއިން 23 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ ގދ. ވާދުއަށް ޑިންގީއެއްގައި މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި މެއި މަހުގެ 10 ވަނަ ދުވަހުއެވެ. އަދި އެ އޮޕަރޭޝަނުގައި، އޭނާ ހައްޔަރުކޮށް އެ ޑިންގީ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.
ފުލުހުން ބުނީ 31 އަހަރުގެ މީހާއާއި 39 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ނ. ކެނދިކުޅުދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މަނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ކަމަށާއި، އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 31 ކަރުދާސްކޮޅު ފެނިފައިވާ ކަމަށެވެ.
މީގެ އިތުރުން، އައްޑޫސިޓި ގަން ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައްޑޫސިޓީ ފޭދޫގެ ފަޅު ގެއެއްގެ ތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މިހާރު މި މައްސަލަތައް ތަޙުޤީޤު ކުރަމުންނެވެ.