English Edition
Dhivehi Edition

ދިވެހި އަދަބިއްޔާތު ބެހިގެންވަނީ މައިގަނޑު ދެ ބަޔަށެވެ. އެއީ ލިޔުންތެރިކަމާއި ޅެންވެރިކަމެވެ. ލިޔުންތެރިކަމަކީ ވަކިޒަމާނަކަށް ވަކި ޖީލަކަށް ވަކި މީހަކަށް ބުރަވެ ކުރެވޭ ކަމެއްނޫނެވެ. އަދި ހަމަ އެހެންމެ ލިޔުންތެރިކަމަކީ ދިވެހިރާއްޖޭގައި މީހުން އާބާދުވީއްސުރެ މިއަދާ ހަމައަށްވެސް ރާއްޖޭގައި ކުރަމުން އައި އަގުހުރި މަސައްކަތެކެވެ. ކުރީޒަމާނުގައި ވަސީލަތުގެ ދަތިކަން ހުރި ކަމުގައިވީނަމަވެސް އަދުގެ ޖީލަށް ފޯރުކޮށްދީފައިވާ ލިޔުންތައް މަދެއްނޫނެވެ.

ދިވެހިރާއްޖެ ދުށް އެންމެވަރުގަދަ އެއް އަދީބަކީ އައްޝައިޚުލް މަރްހޫމް މުޙައްމަދު ޖަމާލުއްދީން އެވެ. ނުވަތަ ދިވެހީން އާންމުކޮށް ކިޔާގޮތުން ނަމަ ނައިބު ތުއްތު އެވެ. އޭނާގެ ލިޔުންތެރިކަން ފެނިފައިވަނީ އަދަބިއްޔާތުގެ ފިރުކެން ފެށި ދައުރުގައެވެ. މަރުހޫމް ނައިބު ތުއްތުގެ ޒަމާނުގައި ހިނގާފައިވާ ކަންތައްތަކުގެ ތަސްވީރުތައް ދިވެހި މުޖުތަމައުގައި ލިޔެވި ޗާޕްކުރެވިފައި ނުވި ނަމަވެސް ބައެއް ބޭބޭފުޅުންގެ ލިޔުންތަކުން ކޮންމެވެސް ވަރަކަށް ފެންނާން އެބަހުއްޓެވެ.

މަރުހޫމް ނައިބުތުއްތުގެ ދުވަސްވަރު ސަރުކާރުން ހިންގި ބައެއް ސިޔާސަތުތަކާއި އެއްބަސްނުވުމުގެ ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ ދުވަސްތަކެއްގައި އޭނާ އަރުވާލާފައި ހުއްޓެވެ. އަޙްމަދު ޝަފީޤު (1997) ހާމަކުރާގޮތުން 1888 ވަނައަހަރު އޭރު ރަސްކަމުގައި ހުންނެވި މުޢީނުއްދީނުލްއައްވަލު 2 ގެ ރަސްކަމުގައި އިނގިރޭސިންނާއި ދިވެހިންނާދެމެދު ލިޔެވުނު “ޙިމާޔަތުގެ އެގްރިމެންޓް” އަށް ހުރަސްއެޅުމުގެ ސަބަބުން ބ. ފެހެންދުއަށް ނައިބުތުއްތު އަރުވާލެވުނެވެ. ފެހެންދޫގައި ހުންނެވި އިރު ތަހައްމަލުކުރަންޖެހުނު ހިތްދަތިކަމުގެ ވާހަކަ ”ސުއްކަތުރާ ޚަބަރު” މިފޮތުގައި ލިޔުއްވާފައިވެއެވެ. ދެވަނަފަހަރަށް ނައިބުތުއްތު އަރުވައިލެވުނީ ޙާޖީ ޢިމާދުއްދީން ރަދުން، ދީނާއި ދުނިޔޭގެ ހަމަތަކުން ޢަޒުލުނުކޮށް ޝަމްސުއްދީނު ރަދުންނަށް ރަސްކަން ބަދަލުކުރުމަކީ ހުއްދަކުރެވޭނެ ކަމެއްނޫންކަމަށް ފާޅުގައި ވިދާޅުވުމުންނެވެ. 11 ޛުލްޙައްޖާ 1321 ގައި ނާއިބުތުއްތު ދ.މާއެނބޫދޫ އަށް އަރުވާލެވުނެވެ. އެރަށުގައި ހުންނަވަނިކޮށް 23 ރަމަޟާން 1325 ގައި އުމުރުން 63 އަހަރުގައި ނައިބުތުއްތު އަވަހާރަވިއެވެ. ނައިބުތުއްތު އަވަހާރަވުމާއި ހަމައަށްވެސް ހުންނެވީ ސިޔާސީ ކުށްވެރިއެއްގޮތުގައެވެ. އަޅުގަނޑަށް ފެންނަފެނުމުގައި ނައިބުތުއްތުއާއި ރައީސް ނަޝީދާއި ލިޔުންތެރިކަމުގައި އެއްގޮތް ކަންތައްތަކެއް އެބަހުއްޓެވެ.

“ސަންގު” ނަމަކަށްކިޔާ މަޖައްލާއެއްގައި ނޫސްވެރިއެއްގެ ހައިސިއްޔަތުން ރައީސް ނަޝީދު މަސައްކަތް ކުރައްވަން ފެއްޓެވީ 1990 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. ރައީސް ނަޝީދު އެންމެ ފުރަތަމަ ފޮތެއް ޝާއިއުކުރީ 1996 ވަނަ އަހަރުއެވެ. ދަގަނޑު ދަހަނާ ކިޔާ މިފޮތަކީ ރާއްޖޭގެ ބޮޑުންގެ މެދުގައި ހިނގި ކޯޅުންތަކުގެ ނަތީޖާއެއްގެގޮތުން ރާއްޖެ އިނގިރޭސި ވިލާތުގެ ހިމާޔަތުގެ ދަށަށް ދިއުމަށް މެދުވެރިވި ވާހަކަ ބަޔާންކުރާ ތާރީޚީ ފޮތެކެވެ. އޭރުގެ ސިޔާސަތާބެހޭ އެއްވެސް ވާހަކައެއް އެފޮތަކު ނުވެއެވެ. އެހެނަސް، އެފޮތަކީ ދައުލަތާއި ޚިލާފް ޣައިރުގާނޫނީ ފޮތެއްކަމަށް ދެކި އެފޮތް ވިއްކުން އެޑިޔުކޭޝަން މިނިސްޓްރީން މަނާކުރިއެވެ. ރައީސް ނަޝީދު ލިޔުއްވި އަނެއްފޮތަކީ “ހިތާއި ހިތުގެ ގުޅުން” ކިޔާ ލޯބީގެ ވާހަކައެކެވެ. އެހެންނަމަވެސް މިފޮތް ޝާއިއުކުރީ އެހެންމީހެއްގެ ނަމުގައެވެ. މިފޮތް ރާއްޖޭގައި ވިކުނެވެ. މިއީ އެއްވެސް ވަރަކަށް ސިޔާސީ ކުލަވަރެއް އެކުލެވިގެން ނުވާ ފޮތެކެވެ. ދެން އެންމެ ފާހަކޮށްލެވޭ ލިޔުމަކީ “ދަންފުޅި މަޖައްލާ” އަށް ލިޔުއްވި “ވެރިޔެއްގެ ނިމުން” މި މަޒްމޫނެވެ. މިއީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ލިޔުއްވި މަޒްމޫނެކެެވެ.

ދަގަނޑުދަހަނާ ނެރުނުތާ މާގިނަދުވަސްތަކެއްނުވެ ރައީސް މައުމޫނުގެ ސަރުކާރުން ރައީސް ނަޝީދުގެ ކޮމްޕިއުޓަރާއި، ހުރިހާ ލިޔެކިޔުމަކާއި، އެވަގުތު އަދި ޝާއިއުނުކޮށް ހުރި އެތައް ލިޔުމެއް ފުލުހުން ގެންދިއައެވެ. މިދެންނެވި ލިޔުންތައް މިހާތަނަށްވެސް ރައީސް ނަޝީދަށް އަނބުރާ ރައްދުކޮށްފައެއް ނުވެއެވެ. އަދި ވެލާނާގެއިން ނޫސްވެރިކަމަށް ބޭނުންހިފޭ ލިޔެކިޔުންތަކެއް ނެންގެވި މައްސަލައެއްގައި ވައްކަން ކުރިކަމުގެ ތުހުމަތު ކުރެވި އެކަމުގެ އަދަބުވެސް ރައީސް ނަޝީދު ލިބިގަނެފައިވެއެވެ.

ގިނަމީހުންނަށް ރައީސް ނަޝީދު އެނގިފައިވަނީ ސިޔާސީ މީހެއްގެ ގޮތުގައެވެ. ލިޔުންތެރިކަމުގައި ރައީސް ނަޝީދަކީ ކުޅަދާނަ ބޭފުޅެކެވެ. ލިޔުންތަކުގައި ބަސްމަގު ގެންނަވާފައިވާ ގޮތަކީ ތަފާތު އަދި އެހާމެ ކިޔާހިތްވާކަހަލަ ގޮތްތަކެކެވެ. ނަމަވެސް އިސްވެ ދެންނެވުނު ފަދައިން ރައީސް ނަޝީދަކީ މިހާރު އަދަބީ ދާއިރާގެ ބޭފުޅެއް ނޫނެވެ. އަދަބީ ދާއިރާއަށްވުރެ ބޮޑަށް ސިޔާސީ ބޭފުޅެކެވެ. ރައީސް ނަޝީދާއި ނައިބުތުއްތުއާއި ބެހޭ މި މަޢުލޫމާތުކޮޅު ކިޔާލުމުން ދެބޭފުޅުންގެ ހަޔާތްޕުޅުން ކޮންމެވެސް ވަރަކަށް އެއްގޮތް ކަންތައްތަކެއް ފެންނާނެކަން ޔަގީނެވެ. ދެ އަދީބުންނަކީވެސް ސިޔާސީ ކުށްވެރިންނެވެ. ސިޔާސީގޮތުން އަދަބު ތަހައްމަލް ކުރެއްވި ދެބޭފުޅުންނެވެ.

1 ކޮމެންޓް
ސާލިހު
ޖޫން 5, 2021
ނައިބުތުއްތުއާ އެއްފަދަ ކުރެވޭނެ މީހެއް ނޫން ތިޔަ ބުނާ މީހަކީ. އޮޅުވާނުލާ. ހޮޅިވާހަކަ ނުދައްކާ އަނެއްކާވެސް އަނެކައްޗެކޭ ކިޔައިގެން ރައްޔިތުން ވާވައްދަން ނޫޅޭ!