English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލައި، ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި ތިން މީހުން ކޯޓުގައި އެ ތުހުމަތަށް އިންކާރުކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކުރީ ބޮން ގޮއްވާލުމުގައި ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙުމަދު ރަޝީދާ ބައިވެރިވި ކަމަށް ތުހުމަތުވާ މއ. ފޭރުގޭ، މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަޙުމަދެވެ. ތަހުމީނަކީ ގޮއްވާލި ސައިކަލުގެ ވެރިފަރާތް ކަމަށް ބުނާ މީހާ އެވެ. އެ މީހުން 15 ދުވަހަށް ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ވަނީ ނިންމައިފަ އެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި ދުރުގައި ހުރެ، ބޮން ގޮއްވާލުމަށް ރިމޯޓަށް ފިއްތި ކަމަށް ފުލުހުން ތުހުމަތު ކުރަނީ، ވ. ތިނަދޫ/ ހިޔާ، އުމުރުން 26 އަހަރުގެ އަދުހަމް އަޙުމަދު ރަޝީދަށެވެ. އޭނާ އަކީ މި މައްސަލައިގެ ޕްރައިމް ސަސްޕެކްޓެވެ

.އެ މީހުން ބަންދު ކުރަން މިއަދު ކޯޓުން ނެރުނު އަމުރުތަކުގައިވާ ގޮތުން ބަންދު މަޖިލީހުގައި ވާހަކަ ދައްކަން އަދުހަމަށް ފުރުސަތު ދިނުމުން އެކަމުގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށާއިި އަދި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި މުޖާޒް ވެސް އެގޮތަށް އެ މަޖިލީހުގައި ބުނެފައިވެ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން ތަހުމީން ބުނެފައިވަނީ އޭނާގެ ނަމުގައި އެ ސައިކަލު ރަޖިސްޓްރީކޮށްފައި ނުވާނެ ކަމަށެވެ. އެކަމަކު ފުލުހުން ހުށަހެޅި ލިޔުންތަކަށް ބަލާއިރު، އެ ސައިކަލު ރަޖިިސްޓްރީ ކޮށްފައިވަނީ އޭނާގެ ނަމުގައި ކަން އެނގޭ ކަމަށް އެ އަމުރުގައިވެ އެވެ.

ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި ތިން މީހުންގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ ތުހުމަތެވެ. ގާޒީ އާދަމް މުހައްމަދު ނެރުއްވި އެ އަމުރުގައިވާ ގޮތުން ފުލުހުން ހުށަހެޅި ހެކިތަކަށް ބަލާއިރު އެ ތިން މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެކި އެބަހުއްޓެވެ.