English Edition
Dhivehi Edition
ރާއްޖޭގެ ރިސޯޓެއްގެ މަލަމަތި: ފޮޓޯ އިންޓަނެޓް

ދުނިޔޭގެ ކަންކަން ބަދަލުވަމުންދާގޮތް ނިކަން ދެކިބަލާށެވެ. މިއަދު ދުނިޔޭގެ ބޮޑެތި ވެބްސައިޓްތަކާއި ސާރޗް އިންޖީން ތަކުގައި ނަން ވިދާލި “ޓްރެންޑިން” ނަމަކަށް އެއޮތީ “ވިޒިޓް މޯލްޑިވްސް” އެވެ. ކޮންކަމަކާހެދިތޯއެވެ. ޗައިނާއިން ޖައްވަށް ފޮނުވާލި ރޮކެޓްގެ ބައެއް ރާއްޖޭގެ ސަރަޙައްދަށް ވެއްޓުމާއި ގުޅިގެންނެވެ. އެރޮކެޓްގެ ބައިތައް ވެއްޓޭނެދިމާ ބަލަން އެތައް ބަޔަކު މިއަދު ހެނދުނާ ހަމަޔަށް ތިބީ ކެތްމަދުވެފައެވެ. ޗައިނާއިން އެސަރަޙައްދަކީ ރާއްޖެކަމަށް ބުނުމުން ދުނިޔޭގެ އެތައްބައެއްގެ ލޯއަމާޒުވާ މިރާއްޖޭގެ ނަން ގުގުމަން ފެށިއެވެ.

މިކަމާ އުފާކުރި ދިވެހިންގެ ތެރޭ ރާއްޖޭގެ ފަތުރުވެރިކަމާބެހޭ ވަޒީރުވެސް ހިމެނެއެވެ. ޑޮކްޓަރ ޢަބްދުﷲ މަޢުސޫމް ވިދާޅުވީ ޗައިނާގެ ރޮކެޓަކާހެދި ދުނިޔޭގެ ޗާޓުގައި ދިވެހިރާއްޖެއެވަނީ މިހާތަނަށް ބަޔަކު ނުދެކޭހާ ބޮޑަށް ފަވާލާފައިކަމަށެވެ. މިނިސްޓަރ ގެ މިޓުވީޓާއެކު ދިވެހިން ކެކި އަރައިގަތްތަން ފެނުނެވެ. ހައްތާވެސް ތެދުވާހަކަތަކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިއަދު ކިތައްމެ ރަނގަޅަށްވެސް ރާއްޖެއަށް ނަޒަރު ހިންގާލައިފިއެވެ. މޯލްޑިވްސްގެ ހިތްގައިމު ފޮޓޯތައް ކަޅިޖަހާނުލާ އެމީހުން ބަލާނެއެވެ. ހާދަރީއްޗޭ ހާދަ ނަލައޭ ހިތާ ހިތުން ކިޔާނެއެވެ. ބޯމަތިވެފައިވާ ކޮވިޑްގެ ބިޔަ ރާޅުނެތްނަމަ މިއަދު ވެގެންދާނީ ރާއްޖޭގެ ރިސޯޓްތަކުގެ ބުކިން މެކުހަށް ޖަހާނެ ދުވަހަކަށެވެ. އެރޮކެޓް ގެ ވެރިން ކަމުގައިވާ ޗައިނާގެ ފަތުރުވެރިންވެސް މިއަދު ކަރު އެލުވާލާނެއެވެ. އެމީހުންގެ ޑްރީމް ލޭންޑަށް ދާހިތުން ކެތްމަދުވެގެންނެވެ.

ބަޔަކަށް ރާއްޖޭގެ މަލަމަތި މާދުރުން އެހާ ފުރިހަމަކަމަށް ހީވުމަކީ ވެދާނެ ކަމެކެވެ. އެހެނަސް މިޤައުމުގައި ދިރިއުޅޭ ޢާއްމު ރައްޔިތުމީހާ އަށް ވަންހަނާ އެއްކަމެއްވެސް ނެތެވެ. ދުނިޔޭގެ ޤައުމުތަކުގައި ބޮޑެތި މަހުޖަނުންނަށް ޚާއްސަ އަގުބޮޑު މަރުކާގެ މަންޒިލްތައް ފަތިފައްޗަށް އަމުނާލެވިފައި ހުއްޓަސް އެއީ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ކިރާލެވޭ ވަސީލަތެއް ނޫނެވެ. ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ގިނައި ޒަރޫރީ ބޭނުންތައް ނުފުދިތިބި މީހުންނެވެ.

ފެންނަނީ މާޔޫސްވެ ގޮތްހުސްވެފައިވާ މޫނުތަކެވެ. މަހު ބިލްތައް ނުދެއްކި ލޭންދޭން ބޮޑުވެ ދަރަނި މައްޗަށް ދަރަނި އަރަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން” އަނގަޔާ އަތާ ދިމާނުވެ” އެހެރަ ދަނީއެވެ. މިއީ ދެން ބަޔަކަށް ޙައްލު ކުރެވެން އޮތް ކަމެއްވެސް ނޫނެވެ. ފަތުރުވެރިކަން ވަޅުޖެހިއްޖެއެވެ. ދިވެހިންގެ ލޭނާރުކަމުގައިވި ދިވެހި މަސްވެރިން އެތިބީ މަސްކިރޭނެ ގޮތެއްނެތި އެކަމުގެ މާޔޫސްކަމުގެ ތެރޭގައެވެ. މިނިކަމެތި ކަމުގެތެރޭ ދިރިއުޅުމުގެ ހައިޖާން ބޮޑު ގަދަކަނޑު ހުރަސްކުރަން ފަތަފަތާތިއްބަސް ދިވެހިންނަކީ ބައެއް ކަހަލަ ކަންކަމުގައި އަދި މާ އަރާ ތިބި ބައެކެވެ. ގެވެށި އަނިޔާ އާއި މަސްތުވާ ތަކެއްޗާއި ކުޑަކުދިންނަށް ކުރާ ހާނީއްކަތަކާއި ޖިންސީ ގޯ ދުނިޔޭގެ ނިސްބަތުންވެސް ސީރިޔާގެ ދާޚިލީ ހަނގުރާމައަށް ކަމަރު ބަނދެލި ދިވެހިންގެ ޢަދަދު ގިނަކަން ހަނދާންވާނެއެވެ.

ހަރުކަށި ފިކުރާއި އަނދިރިދައުލަތެއްގެ ވާހަކައަކީ އެހާހިސާބުން ދެންތިލަވި އެންމެ ވަރުހުރި ކަންތަކެވެ. މިކަމުގެތެރޭ އަނބިދަރީންނަށް އަނިޔާ ކުރަނީއެވެ. ކުޑަކުދިންނަށް ވެކްސިން ދިނުމާއި ޅަފަތުގެ އުނގެނުމުން މަޙުރޫމު ކުރަނީއެވެ. ދިވެހީންގެ ކިބައިގައިވާ އިސްލާމީ ރިވެތި އާދަތަކަށް ހަޖޫޖަހައި އެކަމުގެ ތެރެއިން ދީނީ އިޚްތިލާފުތައް ގިނަވެގެން ދިޔައީއެވެ. ދެންއައީ ގެއްލުވާލުމާއި ގެއްލުމާއި މެރުމުގެ އިންގިލާބެކެވެ. ދިރިހުއްޓާ މަރާލުމެވެ. ޓެރަރިޒަމްގެ ޢަމަލެވެ. ބޮންގޮއްވުމާއި ހަތިޔާރު ގެންގުޅުމެވެ. 2021 މެއި 6 ވަނަ ދުވަހަކީވެސް މިފަދަ ޙާދިސާއެއްގެ އަސަރުން ދިވެހިން ރޮއްވާލި ދުވަހެކެވެ. ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދެވުނު އެހަމަލާގައި އެމަނިކުފާނުވަނީ އަދިވެސް ޒަޚަމްތަކުން ލިބުނު ވޭނާއި ކެކުޅުމުގައެވެ. ﷲ އެމަނިކުފާނަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވާށިއެވެ.

މިނޫނަސް އެތައް ހިތްދަތި ރަޙުމް ކުޑަޢަމަލުތަކެއް މިދިވެހި ފަސްގަނޑުން ދަނީ ފެންނަމުންނެވެ. މިއީ ދުނިޔެ މިދެކޭ “ޕެރެޑައިސް” ގައި ނުދައްކާ ވާހަކަތަކެވެ. އެހެންކަމަށް ވާނަމަ ދުނިޔެމަތީގެ ޙަގީގީ ސުވަރުގެ އަކީ ދިވެހީންނާއި ލާއިގު ބަހެއްނޫނެވެ. އެފަޚުރު ލިބިގަތުމަށްޓަކައި ދިވެހިންނަށް މިނޫން ދުވަހެއް ފެންނަން ޖެހެއެވެ. މިކަމަކީ ބަޔަކުއަރާ ތިބެގެން ކުރެވިދާނެ ކަމެއްނޫނެވެ. މިއަދު އެންމެން އެކިޔާ ފަރުދީ ޒިއްމާއެއް މާއަރިސް ބަހަކަށް ހަދަންވީއެވެ. މިއީ ވަކި ބަޔަކަށް ޚާއްސަ ބަހެއް ނޫނެވެ. ކޮންމެ މީހަކީވެސް ފަރުދެކެވެ. އޭނާ އަދާކުރާ ވަޒީފާގައި ކިތައްމެ ހައިބަތު ހުއްޓަސް ފަރުދީ ޒިއްމާއަކުން ރެކެވޭނެ ޖާގައެއް ނޯންނާނެއެވެ. ރާއްޖެ އަމާންވާނީ ފަރުދީ ޒިންމާ އެންމެނަށް އެނގި ކަށަވަރުވި ދުވަހަކުންނެވެ.