English Edition
Dhivehi Edition

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން ‘ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023’އަށް އެހީތެރިވެދެއްވާނެ ކުންފުނިތަކާއެކު ސޮއިކޮށްފިއެވެ.

ސޮއިކުރި ކުންފުނިތަކަކީ ހޯސްޓް ޕްރޮޕަޓީއެއްގެ ގޮތުގައި ކްރޮސްރޯޑްސް މޯލްޑިވްސް، ސީޕްލޭން ޕާޓްނަރެއްގެ ގޮތުގައި ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ)، ޑޮމެސްޓިކް އެއަރލައިން ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވިއަން، ސީ ޓްރާންސްޕޯޓް ޓްރެވަލް ޕާޓްނަރެއްގެ ގޮތުގައި ޖަލްބޫޓް މޯލްޑިވްސް އެވެ. އަދި ޓެކްނޮލޮޖީ އެންޑް ކޮމިއުނިކޭޝަން ޕާޓްނަރެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ގުޅުން ޕަރައިވެޓް ލިމިޓެޑް (ދިރާގު) އެވެ.

މީގެ އިތުރުން ސަސްޓެއިނަބަލް ފިޝަރީޒް (ނުވަތަ ދެމެހެއްޓެނިވި މަސްވެރިކަމުގެ) ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)، އަދި ސަޕޯޓިންގ ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެކުވެސް ވަނީ ސޮއި ކޮށްފައެވެ.

30 މެއި އިން 02 ޖޫން އަށް ބާއްވާ ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރަންސް 2023 އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 60 އަށް ވުރެ ގިނަ ކޮންޓެންޓް ކްރިއޭޓަރުން، ޓްރެވަލް ލިޔުންތެރިން، ނޫސްވެރިން، ބްލޮގަރުން، އިންފްލުއެންސަރުން އަދި މީޑިއާގެ ތަޖުރިބާކާރުން ބައިވެރިވާ، ދިވެހިރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މިފަދަ ކޮންފަރަންސެވެ.

މި ކޮންފަރެންސް ނިމުމުން ސޯޝަލް މީޑިއާ މުބާރާތުގެ ވަނަތައް ހޯދި ފަރާތްތަކަށް ރާއްޖޭގެ ރީތިކަމާއި ތަޖުރިބާތަކާއި މެހެމާންދާރީ ތަޖުރިބާކޮށްލުމަށް ތަފާތު ފުރުޞަތުތައް ލިބިގެންދާނެއެވެ. މަންޓާ އާއި ވޭލް ޝާކްއާއެކު ސްނޯކްލް ކުރުމުން ފެށިގެން ވޯޓާ ސްޕޯޓްސް، ކަލިނަރީ ޓުއާސް، އައިލެންޑް ހޮޕިން އަދި ސޭންޑްބެންކް ޕިކްނިކް ފަދަ ތަޖުރިބާތައް ބައިވެރިންނަށް ލިބިގެންދާނެއެވެ.

ސައިޑްލައިން ތަޖުރިބާތައް ކުރިއަށް ގެންދާނީ ރާއްޖޭގެ ތަފާތު 8 ސަރަހައްދެއްގައެވެ. މީގެ ތެރެއިން ކޮންމެ ސަރަހައްދެއްގައި ވެސް ވަކި ސިފަތަކާއި ތަފާތު ހަރަކާތްތަކާއި ތަޖުރިބާތައް ހިމެނޭނެއެވެ. މި އިވެންޓުގެ ސޯޝަލް މީޑިއާ ރީޗް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 130 މިލިއަންއަށް އަރާނެކަމަށް ލަފާކުރެވެއެވެ. އަދި 14 މިލިއަން އެންގޭޖްމަންޓް ވެސް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

މި އަހަރުގެ އަޅުގަނޑުމެންގެ އެންމެ ބޮޑު މާކެޓިންގ އިނިޝިއޭޓިވް ކަމަށްވާ ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023 ބާއްވަން އެމްއެމްޕީއާރުސީއަށް ސަޕޯޓްކުރުމުގައި މި ކޮންފަރެންސްގައި އެހީތެރިވެދެއްވާނެ ކުންފުނިތަކުގެ ދައުރު ވަރަށް ބޮޑެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މި ފަދަ ބޮޑު އިވެންޓަކަށް، މި ކުންފުނިތަކުން ފޯރުކޮށްދިން އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި، އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ތޮއްޔިބު މުހައްމަދު އެ ފަރާތްތަަކަށް ޝުކުރު އަދާކުރެއްވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ އެކަނި މަސައްކަތްކުރާ ސިނާއަތެއް ނޫން ކަމަށް ހާމަކުރައްވަމުން ތޮއްޔިބު އިތުރަށް ވިދާޅުވީ، އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކާ ގާތުން، އެކަކު އަނެކާއަށް އެހީތެރިވަމުން މަސައްކަތް ކުރުން މިއީ އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ވަރުގަދަކަން ދައްކައިދޭ މިސާލެއްކަމަށެވެ.

މިއީ، އައު އުސްމިންތަކަކަށް ވާސިލްވުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އޮތް ވަރުގަދަ އަޒުމް ރަމްޒުކޮށްދޭކަމެއް ކަމުގައި ވެސް ތޮއްޔިބު ފާހަގަ ކުރެއްވިއެވެ.

ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023 އަކީ، ބޮޑެތި އުއްމީދުތަކެއް އެ އިވެންޓާ ގުޅިފައިވާ، މިހާތަނަށް އެއްއެމްޕީއާރުސީއިން ބާއްވާ މިފަދަ އެންމެ ބޮޑު އިވެންޓެވެ. މި ކޮންފަރެންސް އާއި ސައިޑްލައިން ތަޖުރިބާތައް ކިއުރޭޓްކޮށްފައި މިވަނީ ވަރަށް ފަރުވާތެރިކަމާއެކު، ރާއްޖެއާ ބެހޭ ފުރިހަމަ ތަސަައްވުރެއް ބައިވެރިންނަށް ލިބިގެންދާނެ ގޮތްތަކަށެވެ.

އެމްއެމްޕީއާރުސީއިން ގަބޫލުކުރާ ގޮތުގައި ރާއްޖޭއިން ލިބޭނެ ތަފާތު، ގިނަ ތަޖުރިބާތަކެއް އެބަހުއްޓެވެ. އަދި ހަމައެކަނި ‘ސަން، ސޭންޑް އެންޑް ސީ’ ގެ އިތުރުން، ދިވެހިރާއްޖޭ އެކި އަތޮޅުތަކުން ލިބެން ހުރި ތަޖުރިބާތަކުގެ ތަފާތުކަން ކުރިއެރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެމްއެމްޕީއާރުސީއިން ދެކެއެވެ.