ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސް ރައީސް މުޙައްމަދު ނަޝީދުގެ ސެކިއުރިޓީ ފެއިލްވުމާ ގުޅޭ ތަޙުގީގެއް ހިންގުމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.
އެ ނިންމުންތައް ހާމަކޮށް، އެ ކޮމިޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައިިވަނީ “ދައުލަތުގެ ތިން ބާރުގެ ތެރެއިން، މަޖިލިސް ރައީސް، ރައީސް ނަޝީދަށް ސަލާމަތީ ޚިދުމަތްތަކުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދެމުން ދަނިކޮށް ރައްކާތެރިކަން ބްރީޗްވި (ދޯހަޅިވީ) ގޮތުގައި އިންކުއަރީއެއް ހެދުމަށް ކޮމިޓީން” ނިންމާފައިވާ ކަމަށެވެ.
ރައީސް ނަޝީދު ފަދަ މަތީ ލެވެލްގެ މީހަކަށް އެހާ ފަސޭހައިން ހަމަލާ ދެވިފައިވާތީވެ، އެކަމުގައި ގިނަ އާންމުން ދަނީ ޝައްކުތައް ކުރިމަތި ކުރަމުންނެވެ. އެގޮތުން އެ ހަމަލާއާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފްގެ އިންޓެލިޖެންސަށް އެ މައުލޫމާތު ލިބިފައި ނެތުމަކީ އެ ދެ އިދާރާގެ ފެއިލްވުމެއް ކަމަށް ތުހުމަތު ކުރެ އެވެ. އަދި އެފަދަކަމެއް ހިނގުމަކީ، އެމަނިކުފާނުގެ ސަލާމާތީކަންކަން ރަނގަޅަށް ނުބެލެހެއްޓުން ކަަމަށް އެމްޑީޕީގެ މެމްބަރުންވެސް އަންނަނީ ބުނަމުންނެވެ.
ރައީސް ނަޝީދަށް ހަމަލާދިން ރޭ ދަންވަރުވެސް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ ބައްދަލުވުމެއް ބާއްވާ ނިންމުންތަކެއް ނިންމާފައެވެ. އެގޮތުން އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުގީގުކޮށް، ހެކި ނައްތާލުމުގެ ކުރިން ހެކި ހޯދުމަށް ފުލުހުންނަށް ދެންނެވުމަށް ކޮމިޓީން އޮތީ ފާސްކޮށްފައެވެ.
ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމަނިކުފާނަށް ލިބުނު އަނިޔާތަކަށް އަދިވެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު، އެ މައްސަލައާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.