މިވަގުތު ރައީސް ނަޝީދު ގެ ޙާލުކޮޅު ރަނގަޅު ކަމަށާއި އެހެންނަމަވެސް ޢާއްމު ޙާލަތަށް ރުޖޫޢަ ވުމަށް އޮތް ރާސްތާ ވަރަށް ދިގު ކަމަށް އޭޑީކޭއިން ހާމަ ކޮށްފިއެވެ.
ބާރުގަދަ އައިއީޑީއެއް ގޮއްވާލައިގެން ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޙަމަލާގެ ޒަޚަމްތަކަށް ފަރުވާ ދެއްވި އޭޑީކޭ ގެ ޑޮކްޓަރުންގެ ޓީމުން ނޫސް ވެރިންނަށް މަޢުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލު ވުމުގައި ވިދާޅުވީ ރައީސް ނަޝީދު މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފައިކަމަށާއި އޮޕަރޭޝަންތަކަށްފަހު މިވަގުތު އެންމެ ބޮޑު ނުރައްކަލުން ސަލާމަތް ވިކަމުގައިވިޔަސް އިންފެކްޝަންތައް އައުން ގާތްވާނެތީ ސިއްޙީ ޙާލަތު އެއްކޮށް ރަނގަޅުވުމަށް އޮތް ރާސްތާ ވަރަށް ދިގުކަމަށެވެ.
މިހާރު ރައީސް ނަޝީދު އޮންނެވީ ޚާއްސަ އިންޓެންސިވް ކެއަރ އެއްގައި ކަމަށާއި ކުރެވުނު ދިގު އަދި އުނދަގޫ އޮޕަރޭޝަންތަކަށް ފަހު ހަށިގަނޑުގެ އެހެން ގުނަވަންތަކަށް އަތުވެދާނެ ބަދަލުތައް ދެނެގަތުމަށާއި އިތުރު ފަރުވާ އެމަނިކްފާނަށް ވަރަށްބޮޑަށް ދެއްވަން ޖެހޭކަމަށް ޑޮކްޓަރުންގެ ޓީމުން ވިދާޅުވިއެވެ.
ޑޮކްޓަރ ނިޔާފް ވެސް ހިމެނިވަޑައިގެން ބޭއްވި މި ޕްރެސް ކޮންފަރެންސް ގައި ޑޮކްޓަރުންވަނީ ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާ ވަރަށް ތަފްސީލުކޮށް ވިދާޅުވެ ދެއްވާފައެވެ. އެގޮތުން ރައީސް ނަޝީދު އީއާރްއަށް ގެނެވުނު ވަގުތު ހުރިހާ ސުވާލަކަށް ވެސް ޖަވާބު ދެއްވާ ވާހަކަ ދެއްކެވި ކަމަށާއި އޭރުވެސް ވަރަށް ގިނަ ތަންތަނުން ލޭ ފައިބަމުން ދިޔަކަމަށް ޑޮކްޓަރ ދުސޫމާ ވިދާޅުވިއެވެ.
ތިއޭޓަރަށް ގެންދެވުމަށް ފަހު ފުރަތަމަވެސް މަސައްކަތް ކުރެއްވީ ލޭމަނާ ކުރުމަށް ކަމަށާއި އޭގެފަހުން ސީޓީ ސްކޭނެއް ހަދައިގެން ލިބިފައިވާ ގެއްލުންތައް ބެއްލެވިކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ. ގޮއްވާލި ބޮމުގެ ތެރެއަށް އަޅާފައިހުރި ލޭޒަރ ފުށްތައް ނުރައްކާ ތެރިކަމަށާއި އެތެރެ ހައްޓަށް ލިބިފައިވާ ގެއްލުންތަކުގެ ތެރެއިން، އެންމެ ބޮޑަށް ގެއްލުން ވެފައި ވަނީ ތޮރެސިކް އޭރިއާއަށް ކަމަށް ޑޮކްޓަރުން ފާހަގަ ކުރެއްވިއެވެ.
“ރައީސް ނަޝީދުގެ ފަލަ ގޮހޮރު ފޫއަޅާފަ އިން . ގޮހޮރު ފޫގޮއްސިނަމަ އާއްމުކޮށް ބަނޑު ތެރެއަށް ލީކުވާ ނަމަވެސް، ރޯދަ މަސް ކަމުން ގޮހޮރު ވަރަށް ބޮޑަށް ހުސްކޮށް އޮތުމުން ނަޖިސް އެހާ ބޮޑަށް ބަނޑު ތެރެއަށް އެޅިފައިނުވޭ . ބަނޑުގެ މައިދާ ވެސް ފޫއަޅާފަ އިން . އަދި ލިވާގަ އިން ރޭޒާ ފުކެއް ވެސް ނެގިން. ތިން ވަނަ ރޭޒާ ފުއް އިންތަން ނޭނގިގެން އިތުރު ސްކޭންތައް ހަދަންޖެހުނު” ފުއްޕާމޭ ކައިރީގައި އިން ދަގަނޑުކޮޅު ޖެހިފައި އިނީ ހިތާވެސް ވަރަށް ކައިރީގައި.
ވަރަށް ކުޑަ ވަގުތުކޮޅެއް ލިބިގެން ކުރަންޖެހުނު މި އޮޕަރޭޝަންތައްކޮށްފައިވަނީ ގިނަ އިރުތަކަކަށް ހޭނެއްތުމުގެ ތެރޭ ބާއްވައިގެން ވަރަށް ދިގު ޕްރޮސީޖަރ ތަކެއް ކަޑައްތު ކުރުމަށް ފަހުގައި ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ. ޒަޚަމްތައް ތަފްސީލު ކޮށްދެއްވަމުން ޑޮކްޓަރުންގެ ޓީމުން ވަނީ ބޭރުފުށުން ލިބިފައިވާ ޒަޚަމްތަކާއި ހަށިގަނޑުގެ ތެރެއަށް ހެރިފައިވާ ދަގަނޑުކޮޅުތަކާއި އަދި ހަންގަނޑުގެ ތެރެއިން ކަފައިގެންގޮސް ހަށިގަނޑުގެ އެތެރެއަށް ގެއްލުންވެފައިހުރި ތަންތަން ފޮޓޯގެ ޒަރީޢާއިން ދައްކާލާފައެވެ.
ޓީމުން ފާހަގަ ކުރެއްވި ގޮތުގައި ރައީސް ނަޝީދުގެ ބޮލަށް އަމާޒުވި އެތިކޮޅުތައް ތިރިން މައްޗަށް ގޮސްފައިވާތީ ބޮލުގެ ނާށިގަނޑަށާއި ސިކުނޑިއަށް އެއްވެސް އަނިޔާއެއް ލިބިފައެއްނެތެވެ.
ރައީސް ނަޝީދުގެ ފަރުވާގެ ތެރޭ ވަރަށް ގިނަ ޢަދަދަކަށް ލޭއަޅަން ޖެހުނުކަން ޑޮކްޓަރުންވަނީ ހާމަކުރައްވާފައެވެ.