English Edition
Dhivehi Edition
ރައީސް ނަޝީދުގެ ޢާއިލާ އޭޑީކޭގައި/ފޮޓޯ ސޯޝަލް މީޑިއާ

ރައީސް ނަޝީދުގެ ޙާލުކޮޅު ރަނގަޅު ވަމުން އަންނަ ކަމަށާއި މަންމައާއި ބައްޕައާއި ވާހަކަފުޅު ދެއްކެވި ކަމަށް ޢާއިލާއިން ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޝިދާ ޢަބްދުއްސައްތާރު ޓުވީޓު ކުރައްވާ ވިދާޅުވީ މަންމައާއި ބައްޕައާއި ވާހަކަ ދައްކަވާ ” މަރަނގަޅޭ” ވިދާޅުވިކަމަށެވެ.

އިއިއީޑީއެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ޙަމަލާއަށްފަހު އޮޕަރޭޝަންތައް ކުރުމަށް ހޭނައްތާލިފަހުން މިއީ އެމަނިކުފާނު ޢާއިލާއާއި ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

ރައީސް ނަޝީދު ވަނީ ފާއިތުވެ ދިޔަ 40 ހަކަށް ގަޑިއިރުގެ ތެރޭ އިސްތަށިފުޅުގެ އޮޕަރޭޝަނަކާއި، މޭމަތީގެ އޮޕަރޭޝަނެއްގެ އިތުރުން ގޮހޮރުގެ އޮޕަރޭޝަނެއް އަދި އަތާފައިގެ އޮޕަރޭޝަނަކާއެކު ޖުމްލަ ހަތަރު އޮޕަރޭޝަނެއް ކޮށްފައެވެ. އެމަނިކުފާނުގެ ހާލުކޮޅު އަދިވެސް ސީރިއަސް ކަމަށާއި މިވަގުތު އޮންނެވީ އައިސީޔޫގައި ކަމަށް އޭޑީކޭއިން ކުރިން ހާމަ ކުރި ނަމަވެސް ޢާއިލާއިން މިހާރު ބުނެފައިވަނީ ވެންޓިލޭޓަރުގެ އެހީއާ ނުލައި، އަމިއްލަފުޅަށް ނޭވާލައްވާކަމަށާއި އެމަނިކުފާނުގެ ޙާލުކޮޅު ރަނގަޅު ވަމުން އަންނަ ކަމަށެވެ.

ބްރާސްފަތި ދުވަހުގެ ރޭ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ބޮމުގެ ހަމަލާއާއި ގުޅިގެން ދެ މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާއިރު މިކަމުގެ ތަފްސީލު މިއަދު ހަވީރު 4 ޖަހާއިރު އޮންނަ ނޫސް ވެރިންގެ ބައްދަލުވުމުގައި ހާމަކުރައްވާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.