English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް އަމާޒުކޮށް ރޭ ދިން ހަމަލާގައި އެމްއެންޑީއެފްގެ އެއްވެސް އަތެއް ވާނެކަމަށް ގަބޫލެއް ނުކުރައްވާކަމަށް ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލު ވިދާޅުވެއްޖެއެވެ

މި ހަމަލާ އާއި ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝަމާލު ވިދާޅުވީ މި ހަމަލާގައި އެމްއެންޑީއެފްގެ އެއްވެސް އަތެއް ވާނެކަމަށް ގަބޫލެއް ނުކުރައްވާކަމަށެވެ. އަދި މި ހަމަލާގެ އިންވެސްޓިގޭޝަން ކުރިއަށް ދަނީ އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ކަމަށާއި ދިފާއީ ބާރުގެ ތެރެއިން އެ ކަހަލަ ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދޭކަމަށް ޝަމާލު ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވި ގެ ގ. ކެނެރީގެ ކައިރީގައި ރައީސް ނަޝީދަށް އަމާޒުކޮށްގެން ގޮއްވާލި އައިއީޑީ އަކީ ސަލްޓަން ޕާކްގައި ގޮއްވާލި އައިއީޑީ އަށް ވުރެ ބާރުގަދަ އައިއީޑީ އެއް ކަމަށް ޗީފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލު ވިދާޅުވެއްޖެއެވެ. ޝަމާލު ވިދާޅުވީ އެ އައިއީޑީ އަކީ ފޯނެއް ނުވަތަ ރިމޯޓެއް ބޭނުންކޮށްގެން ކޮންޓްރޯލް ކޮށްފައި އޮތް އައިއީޑީ އެއްކަމަށެވެ.

މި ހަމަލާ އާއި ގުޅޭ އިތުރު ތަފްސީލު ދެއްވަމުން ޝަމާލް ވިދާޅުވީ ރައީސް ނަޝީދަށް ދެއްވާފައިވަނީ ޓެރަރިޒަމްގެ ހަމަލާއެއް ކަމަށެވެ. ރައީސް ނަޝީދު ރޭ ގެއިން ނުކުމެވަޑައިގެންނެވީ އެހެން ރަށެއްގައި އޮތް ހަފްލާއަކަށް ވަޑައިގަތުމަށް ކަމަށް ޝަމާލު ވިދާޅުވިއެވެ. ގޮއްވާލާފައިވަނީ ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ކަމަށް ވެއެވެ. އައިޑީ ގޮވުމާއެކު ރައީސް ނަޝީދު ބިންމައްޗަށް ވެއްޓިވަޑައިގެން ކަމަށާއި ރައީސް ނަޝީދު ވެއްޓިވަޑައިގަތުމާ އެކު ޕީއެސްއޯ ނަގައިގަނެ، ރައީސް ނަޝީދު ކާރުކޮޅަށް ލައިގެން އެންމެ އަވަހަށް ދެވުނު ހޮސްޕިޓަލް އޭޑީކޭ އަށް ގެންދެވުން ކަމަށް ޝަމާލު ވިދާޅުވިއެވެ. ހޮސްޕިޓަލަށް ގެންދެވުނު ވަގުތުގައިވެސް ސެކިއުރިޓީންގެ އަމިއްލަ ފުރާނައަށް ނުބަލާ ރައީސް ނަޝީދާއި ވާހަކަ ދައްކަވާ ހާލުފުޅު ބަލަމުން ގެންދިޔަ ކަމަށާއި އަދި އެވަގުތު ރައީސް މެޔަށް ތަދުވާ ކަމަށް ދެންނެވި ކަމަށް ވެއެވެ.

އިތުރަށް ޝަމާލް ވިދާޅުވީ ރައީސް ނަޝީދަށް ފޯރުކޮށްދެނީ ވަރުގަދަ ސެކިއުރިޓީއެއް ކަމަށާއި ނީލޯފަރު ހިނގުމުގައި ސައިކަލުތައް ބަހައްޓާފައި ހުންނާތީ އެތަކެތި ނެގުމަށްވެސް އަންގާފައި ވާނެ ކަމަށެވެ.އެސްޕީޖީ ޓީމުން އެވަގުތު މަސައްކަތް ކުރި ގޮތާމެދު ހިތްހަމަ ޖެހޭ ކަމަށާއި އެއީ ވަރަށް ގިނަ ތަޖުރިބާ ކަމުގައިވެސް ޝަމާލު ވިދާޅުވިއެވެ. ޝަމާލު ވިދާޅުވީ ގައުމީ ދިފާއީ ބާރުގެ ސްޓޭޓަސް މިހާރު އޮތީ ޓެރަރިޒަމްގެ ހަމަލާތައް އައިސްގެން އުޅޭ ސްޓޭޓަސްގައި ކަމަށެވެ.އަދި މިހާރު އޮތް ބިރުވެރިކަމުން އަރައިގަތުމަށްޓަކައި ގައުމީ ދިފާއީ ބާރު އޮތީ ތައްޔާރަށްކަމަށެވެ.

މަޖީދީމަގާއި ނީލޯފަރު މަގު ގުޅޭ ސަރަހައްދުގައި ދިން ހަމަލާގައި ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ 3 ބޮޑީގާޑަކަށާއި އެ ސަރަހައްދުގައި އެވަގުތު ހުރި އާންމު މީހެއްގެ އިތުރުން ފަތުުރުވެރިއަކަށް ވެސް ވަނީ އަނިޔާވެފަ އެވެ.