English Edition
Dhivehi Edition

ގދ. ތިނަދޫގައި ކޮވިޑް-19އަށް ފައްސިވެފައިވާ އިތުރު މީހުންތަކެއް ފެނި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 44 އަށް އަރައިފިއެވެ.

މާލެ ސަރަހައްދުން ދަތުރުކޮށް ހޯމް ކަރަންޓީންގައި ތިއްބެވި ފަރާތްތަކެއްގެ ތެރެއިން 02 ފަރާތެއް ބަލީގެ އަލާމާތްތަކެއް ހުރެގެން މިމަހުގެ 06 ވަނަ ދުވަހު ނެގި ސާމްޕަލެއްގެ ނަތީއްޖާ ފައްސިވުމާއި ގުޅިގެން އެފަރާތާއެކު ކަރަންޓީންގައި ތިއްބެވި ހުރިހާ ފަރާތަކުން ނެގި ސާމްޕަލްތަކާއެކު ޖުމްލަ 05 ސާމްޕަލްގެ ފައްސި ނަތީއްޖާ މިއަދު ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ލިބިފައިވާކަން ގދ. ތިނަދޫ އީ.އޯ.ސީ އިން ވަނީ އޭ.އޯ ނިއުސް އަށް ކަށަވަރުކޮށްދީފައެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 05 ވަނަ ދުވަހުގެ 21:00 އިން 06 ވަނަ ދުވަހުގެ 21:00 އާއި ހަމައަށް ކޮވިޑް-19 އަށް ފަރުވާހޯދަމުން އައި އެކަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ތިނަދޫގައި މިހާތަނަށް ކޮވިޑް-19އަށް ޓެސްޓް ކުރުމަށްޓަކައި މުޅި ޖުމްލަ 1،442 ސާމްޕަލް ނަގާފައިވެއެވެ. ގދ. ތިނަދޫގައި ކޮވިޑް-19 އިން ދިފާޢުވުމަށް ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 1،338 އަކަށް އަރާފައެވެ.

ގދ. ތިނަދޫގައި ކޮވިޑް-19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް މިދިޔަ މަހުގެ 24 ވަނަ ދުވަހު އެރަށް ވަނީ މޮނިޓަރިންގ އަށް ލާފައެވެ.