English Edition
Dhivehi Edition
ފޮޓޯ: ރައްޔިތުންގެ މަޖްލިސް

ރޭ އިރާކޮޅު އެއްޗެއް ގޮއްވާލައިގެން ބަޔަކު ދިން ހަމަލާގައި ރައީސް މުހައްމަދު ނަޝީދަށް ލިބުނު އަނިޔާތަކަށް ފަރުވާދިނުމުގައި އެންމެ ފަހު އޮޕަރޭޝަން ނިންމާލާފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

އޭޑީކޭ ހޮސްޕިޓަލުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ފާއިތުވި 16 ގަޑިއިރުގެ ތެރޭގައި ރައީސް ނަޝީދުގެ އިސްތަށިފުޅުގެ އޮޕަރޭޝަނަކާއި، މޭމަތީގެ އޮޕަރޭޝަނެއްގެ އިތުރުން ގޮހޮރުގެ އޮޕަރޭޝަނެއް އަދި އަތާފައިގެ އޮޕަރޭޝަނަކާއެކު ޖުމްލަ ހަތަރު އޮޕަރޭޝަނެއް ކުރެވިފައިވާކަމަށެވެ. އެމަނިކުފާނުގެ ހާލުކޮޅު އަދިވެސް ސީރިއަސް ކަމަށާއި މިވަގުތު އޮންނެވީ އައިސީޔޫގައި ކަމަށް އޭޑީކޭއިން ބުނެއެވެ.

ރައީސް ނަޝީދަށްް ލިބިވަޑައިގެންނެވި ޒަޚަމްތަކާ ގުޅިގެން މިހާތަނަށް ކުރި އޮޕަރޭޝަންތަކުގެ އިތުރު ތަފްސީލެއް އޭޑީކޭއިން ހާމަ ކޮށްފައި ނުވާއިރު، އޭޑީކޭއިން ބުނީ އާއިލާގެ އިޒުނައާ އެކު އެމަނިކުފާނުގެ ސިއްހީ ހާލުކޮޅުގެ މައުލޫމާތާއި ފަރުވާގެ މައުލޫމާތު އާންމު ކުރަމުން ގެންދާނެ ކަމަށެވެ.

ރައީސް ނަޝީދަށް އިތުރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވާކަމުގެ ވާހަކަވެސް އެކި ޚަބަރުފަތުރާ ވަސީލަތްތަކުގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.