English Edition
Dhivehi Edition

އިންޑިއާގެ ރާޖަސްތާނަށް އުފަން ކުޑަކުއްޖަކު ފުންވަޅުގަނޑަކަށް ވެއްޓުމާއި ގުޅިގެން ފުލުހުންގެ ޓީމަކުން ގޮސް އެކުއްޖާ ސަލާމަތް ކޮށްފިއެވެ.

އުމުރުން 4 އަހަރުގެ އަނިލް ނަމަކަށް ކިޔާ މިތުއްތު ކުއްޖާ ވެއްޓިފައިވަނީ 90 ފޫޓް ފުން ވަޅުގަނޑަކަށެވެ.

ކުއްޖާ ސަލާމަތް ކުރުމުގައި ހަރަކާތްތެރިވެ އުޅުނު ފުލުހުން މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެކުއްޖާ ވަޅުގަނޑަށް ވެއްޓިފައިވަނީ ކުޅެން ބޭރަށް ނިކުމެ އުޅުމުގެތެރޭގައި ކަމަށެވެ. ކުއްޖާ ސަލާމަތް ކުރުމުގެ މަސައްކަތުގެ ތެރޭގައި ހަނި ފުން އެވަޅުގަނޑުގައި އޮތް ކުއްޖާ އަށް ބޭނުންވާ އޮކްސިޖަން އާއި ކާނާ ފުލުހުންވަނީ ފޯރުކޮށްދީފައެވެ.

މިދިޔަ ބުރާސްފަތިދުވަހު ހެނދުނު 10 ޖަހާކަން ހާއިރު ވަޅުގަނޑަށް ވެއްޓުނު މިތުއްތު ކުއްޖާ ފުލުހުންނަށް ސަލާމަތް ކުރެވުނީ 16 ގަޑިއިރުގެ މަސައްކަތުންނެވެ. ހަނި އެވަޅުގަނޑު ފުންވެފައި އަނދިރިވީމަ ކެމެރާ އަދި އަލި ފޮނުވައިގެން ކުއްޖާ ނިދިޔަ ނުދީ ބަރާބަރަށް ވާހަކަދައްކަމުން ދިޔަކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މިކުއްޖާ ވަޅުގަނޑުން ސަލާމަތްކޮށްގެން ދޭންޖެހޭ އިތުރު ފަރުވާދީގެން މިހާރު ކުއްޖާގެ ހާލު ރަނގަޅުކަމަށެވެ.

90 ފޫޓުގެ އެވަޅު ކޮނުނީ އެކުއްޖާގެ ބައްޕަގެ ދަނޑަށް ބޭނުންވާ މަސައްކަތެއް ކުރުމަށް މީގެ ދެދުވަސް ކުރިން ކަމަށް ކުއްޖާގެ ބައްޕަ އާއި ހަވާލަދީ ފުލުހުން ބުނެފައިވެއެވެ.