ރައްޔިތުންގެ މަޖިލީހުގެ ރައީސް ، ރައީސް ނަޝީދަށް އަމާޒު ކޮށްގެން މިރޭ ދީފައިވާ ޙަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު ގެއްލުންތަކަށް އިތުރު ސާޖަރީއެއް ހަދަން ޖެހޭކަމަށް އޭޑީކޭއިން ވިދާޅުވެއްޖެއެވެ. ދާދި ދެންމެއަކު އޭޑީކޭއިން ކުރި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ސިއްޙީ ޙާލަތު ދެނެގަތުމަށް ހަދަމުންދާ ޓެސްޓުތަކުން އިތުރު ސާޖަރީއެއް ހަދަންޖެހޭ ކަމަށާއި މަލްޓި ސްޕެޝަލިޓީ މެޑިކަލް ޓީމުން އެކަމާގުޅޭ އެންމެހާ ކަންކަން ކުރިއަށް ގެންދާކަމަށެވެ.
އޭޑީކޭއިން ކުރިން ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ އެތެރެހައްޓަށް މާބޮޑު ގެއްލުންތަކެއް ވެފައި ނެތްކަމަށާއި އެހެންނަމަވެސް ބޭރުފުށުން ލިބިވަޑައިގެންނެވި ގިނަ ޒަޚަމްތަކަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށެވެ.
During ongoing assessment of injuries , need for further surgeries identified. Specialist teams are proceeding with the required essential surgeries.
— ADK Hospital (@ADKHospital) May 6, 2021
އެއްޗެއް ގޮއްވާލައިގެން މިރޭ ދިން ހަމަލާ ކުއްވެރިކޮށް މުވައްސަސާތަކާއި ސިޔާސީ ގިނަ ފަރާތްތަކުން ދަނީ އަޑު އުފުލަމުންނެވެ. އެތައް ބަޔަކަށް ސިހުން ލިބުނު މިޙަމަލާގެ ކަވަރޭޖް ރާއްޖޭން ބޭރުގެ ގިނަ މީޑިއާ ތަކުންވެސް ދަނީ ގެނެސްދެމުންނެވެ. މިޙަމަލާ ދިވެހި ފުލުހުން ގެންދަވަނީ ތަޙުގީގު ކުރައްވަމުންނެވެ. ޙަމަލާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުން މިރޭ ވަނީ ބައްދަލު ކުރައްވާފައެވެ. އަދި މިރޭ ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއްވެސް މިހާރު ހިނގަމުން އެބަދެއެވެ.މީގެ އިތުރުން ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމެއްވެސް ވަނީ ބާއްވާފައެވެ.