English Edition
Dhivehi Edition
މަޖްލިސް ނައިބް ރައީސް އީވާ ޢަބްދުﷲ/ ފޮޓޯ މިހާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކޮށް ބަޔަކު ދީފައިވާ ޙަމަލާ ގައި އެމަނިކުފާނުގެ ޙާލުކޮޅު އެނގެންދެން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން ނިންމަވައިފިއެވެ. މިރޭ ގެ ޙަމަލާއަކީ ގަސްތުގައި ބަޔަކު ދިން ނުރައްކާތެރި ޓެރަރިސްޓް ޙަމަލާއެއް ކަމަށް ޤަބޫލު ކުރައްވާ މަޖްލީހުގެ ރިޔާސަތުގައި އިންނަވައިގެން އީވާ ޢަބްދުﷲ ވަނީ ރައްޔިތުންގެ މަޖިލީހުން މިޙަމަލާ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާފައެވެ. މިރޭގެ ޖަލްސާ ފެށުނުއިރު ތިއްބެވި މެންބަރުންގެ ޢަދަދަކީ 67 އެވެ.

ރައީސް ނަޝީދުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި އަނިޔާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެއްވަމުން ގެންދަވާ ޚާއްސަ ޑޮކްޓަރުންގެ ޓީމުން އެމަނިކްފާނުގެ ޙާލުކޮޅާއި ގުޅޭ ފުރިހަމަ މަޢުލޫމާތު ޙިއްސާ ކުރަމުންދާވަރަކަށް ޖަލްސާގެ އަޑުއެހުންވެސް ކުރިއަށް ގެންދަވާނެ ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.

ގ. ކެނެރީގެއިން މަޖީދީ މަގާއި ވީ ދިމާއިން މިރޭ 8.30 އެހަކަށްހާއިރު ރައީސް ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެން ދިން ޙަމަލާގައި އެމަނިކްފާނުގެ ހަށިކޮޅަށް އަނިޔާވެގެން މިހާރު ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މިޙަމަލާގައި އެމަނިކުފާނުގެ އިތުރުން ރައީސްނަޝީދުގެ ބޮޑީގާޑުންގެ ގޮތުގައި ތިއްބެވި ސިފައިންގެ 3 މީހަކަށް އަނިޔާ ވެ ފަރުވާއަށް ފަހު އޭގެ ތެރެއިން 2 މީހަކު ވަނީ ދޫކޮށްލާފައެވެ. ގިނަ ބަޔަކު ޙަރަކާތްތެރިވަމުންދިޔަ އެސަރަޙަދުގައި ދިން ޙަމަލާއާއި ގުޅިގެން ހދ. ވައިކަރަދޫ މީހެއްގެ ފަޔަށް އަނިޔާވެ އޭނާއަށް ވެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ހަމާލާ ރާއްޖެއާއި ރާއްޖޭން ބޭރުގެ ގިނަ ބަޔަކު އަންނަނީ ކުށްވެރިކުރަމުންނެވެ. މޯލްޑިވްސް ޕޮލިސް ސާވިސްއިން ޙަމަލާގެ ތަޙުގީގު ފަށާފައިވާއިރު މި ނުރައްކާތެރި ހަމަލާއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުން މިރޭ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.