English Edition
Dhivehi Edition

ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނާއި، ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި ދެ އޮޕަރޭޝަނުގައި މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ވަކި ވަކީން ހިންގި މި ދެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށާއި، އޭނާ ހައްޔަރު ކޮށްފައިވަނީ މަނަދޫ ރަށުތެރެ ޕެޓްރޯލްކޮށް ބަލަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 32 ކަރުދާސްކޮޅު އޭނާގެ އަތުން ފެނުމާ ގުޅިގެން ކަމަށެވެ.

މީގެ އިތުރުން މާލެއިން ފުރައިގެން ތިމަރަފުއްޓަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ތިމަރަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ހޯދާފައިވާ ކަމަށާއި، އެތަކެތި ހޯދާފައިވަނީ ތިމަރަފުއްޓަށް އެ ބޯޓުން ބޭލި ފޮށިގަނޑެއް ބަލައި ފާސްކުރުމަށްފަހު އޭގެ ތެރެއިން ކަމަށްވެސް ފުލުހުން ހާމަކުރެއެވެ. ނަމަވެސް ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.