1998 އިން ފެށިގެން ޗައިނާ ދަނީ އެޤައުމުގެ ތައުލީމަށް ބޮޑެތި އިންވެސްޓްތައް ކުރަމުންވެ. އެގޮތުން ފާއިތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ޗައިނާގައި ހުރި ކޮލެޖްތަކުގެ އަދަދު ދެގުނައަށް އިތުރުކޮށްފައި ވެއެވެ. އަދި 1997 ގައި 1 މިލިއަން ކުދިން ގްރެޖުއޭޓް ވިއިރު 2007 ގައި 5.5 ކުދިން ގްރެޖްއޭޓް ވެފައި ވެއެވެ.
ޗައިނާ އާއި ވާދަކުރާ އެހެން ޤައުމުތަކަށް ގޮންޖަހާލުމަށްފަހު އެޤައުމުގެ ކިޔަވާކުދިން އާދަޔާ ޙިލާފް ރަނގަޅު ނަތީޖާ ހޯދަމުން ދެއެވެ. އެގޮތުން ‘އޯގަނައިޒޭޝަން ފޯ އިކޮނެމިކްސް ކޯޕަރޭޝަން އެންޑް ޑެވެލޮޕްމަންޓް’ އިން 2010 ވަނަ އަހަރު ތައްޔާރު ކުރި ރިޕޯޓެއްގައިވާ ގޮތުން ދުނިޔޭގައި ތިބި އެންމެ އިލްމީ ދަރިވަރުން ތިބީ ޗައިނާގައި ކަމަށް ވެއެވެ. އަދި އެޤައުމާއި އެންމެ ކައިރިން ވާދަކުރަމުން ދަނީ ކޮރެޔާ އާއި ފިންލޭންޑް އާއި ސިންގަޕޫރ ފަދަ ޤައުމުތަކުންކަމަށެވެ. މިލިސްޓުގައި ދުނިޔޭގެ އެންމެ ބޮޑު ބާރު ކަމަށް ދަޢުވާކުރާ އެމެރިކާ އޮތީ 30 ވަނާގައެވެ.
ދުނިޔޭގެ ގިނަ ޤައުމުތައް ހިމެނޭ ގޮތަށް އޯލެވެލް އާއި އޭލެވެލް ގައި ކިޔަވާ ދަރިވަރުނަށް ބާއްވާ ޓެސްޓްތަކުގައި ފަހަކަށް އައިސް އަބަދުވެސް އެންމެ ކުރީގައި އުޅެނީ ޗައިނާގެ ދަރިވަރުންކަން ފާހަގަ ކުރެވިފައި ވެއެވެ. ޙާއްސަކޮށް ހިސާބަ އާއި ސައިންސް މާއްދާގައި އެޤައުމުގެ ދަރިވަރުން އާދަޔާ ޙިލާފަށް މޮޅުކަން ފާހަގަ ކުރެވެއެވެ. އެމެރިކާ އާއި ނިއުޒިލޭންޑް އާއި ކެނެޑާ ފަދަ ދުނިޔޭގެ މުއްސަނދި ޤައުމުތަކުގެ ބޮޑެތި ޔުނިވަރސިޓީތަކުގެ ދަސްވެނިމުން ބާއްވާ އިރު ފަހަކަށް އައިސް ކޮންމެ އަހަރަކު ހުރިހާ ގޮތަކުން އެންމެ ރަނގަޅު ވަނަތައް ހޯދަނީ ޗައިނާގެ ކުދިންނެވެ. އަދި މިކަން އެޤައުމުތަކުގެ ރަސްމީ ޓީވީ ތަކުން ވެސް މިހާރު ހާމަކޮށްފައި ވެއެވެ. 2011 ވަނަ އަހަރު ‘ދަ ނިއުޔޯކް ޓައިމް’ ގައި ޝާއިރު ކޮށްފައިވާ އާޓިކަލް އެއްކަމަށްވާ ‘ޗައިނާސް ވިނިންގ ސްކޫލްސް’ ގައި ބުނެފައިވެއެވެ. ‘ އެމެރިކާއިން މިހާރު ޗައިނާގެ ތައުލީމީ ސިސްޓަމް ދަސްކުރަން ވެއްޖެއެވެ’.
ޗައިނާގައި މިހާރު 400 މިލިއަން ދަރިވަރުން ތިބި ކަމަށް ‘އޭޝިޔާ އިން ފޯކަސް’ ގައި ޝާއިރު ކޮށްފައިވެއެވެ. އަދި އެޤައުމުގެ ދަރިވަރުން އާއްމުކޮށް އުމުރުން 02 އަހަރުގައި ދައުލީމީ ނިޒާމްގެ ތެރެއަށް ވަންނަކަމަށް ވެއެވެ. އެޤައުމުގެ ‘ލޯ އޮން ނައިން-އިޔާ ކޮންޕަލްސަރީ އެޑިއުކޭޝަން’ ގެ ސަބަބުން އެއްވެސް ފީއަކާއި ނުލައި 9 އަހަރު ދުވަސް ވަންދެން ކޮންމެ ދަރިވަރަކަށް ވެސް ކިޔެވެއެވެ.
1980 އިގެ އަހަރުތަކަކާއި ހަމައަށް ޗައިނާގައި އެއްވެސް އަމިއްލަ ސްކޫލެއް ނެތެވެ. އެހެންނަމަވެސް ތަޢުލީމީ ސިޔާސަތައް ގެނައި ބަލަދުތަކާއި ގުޅިގެން މިހާރު އެޤައުމުގައި 70،000 އަމިއްލަ ސްކޫލް ހުރެއެވެ. އަދި ހައި ސްކޫލް ނިއްމާ ދަރިވަރުންގެ ތެރެއިން ކޮންމެ އަހަރަކު %60 ކުދިން ޔުނިވަރސިޓީގައި މަތީ ތަޢުލީމް ހާސިލް ކުރަން ފަށައެވެ. މިއަދު ޗައިނާގައި 5 މިލިއަނަށްވުރެ ގިނަ ޑްގްރީ ހޯލްޑަރުން އެބަތިއްބެވެ.
އެމެރިކާގައި ޗައިނާގެ 127،000 ކުދިން ތަޢުލީމް އުގެނެމުން ދެއެވެ. އަދި މިއީ އެއް ޤައުމަކުން އެމެރިކާގައި އެންމެ ގިނަ ދަރިވަރުން ތައުލީމް އުގެނެމުންދާ ޤައުމެވެ. ޗައިނާގެ ގިނަ ދަރިވަރުން އެމެރިކާގައި ތިބި ނަމަވެސް ޗައިނާގައި ތައުލީމް އުގެނެމުންދަނީ އެމެރިކާގެ 14،000 ކުދިންނެވެ.