އިންޑިއާގެ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލުގައި, ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދިޔަ ނުހައިކް ބިން މުހައްމަދު ރިޔާޒް ނިޔާވެއްޖެއެވެ.
ނުހައިކް ނިޔާވީ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާ ދެނިކޮށް، ރާއްޖޭގެ ގަޑިން މިއަދު ހެނދުނު 11 ޖަހާކަންހާއިރު އެވެ.
މީގެ ހައެއްކަ މަސް ދުވަސް ކުރިން އާދައިގެ އަރިދަފުސް ރޯގާއެއްގެ އަލާމާތް ފެނި ނުހައިކް ޑޮކްޓަރަށް ދެއްކުމުން އެއީ އާދައިގެ ރޯގާއެއް ކަމަށް ހީކުރެވުނެވެ. އެހެންނަމަވެސް ގިނަ ދުވަސްތަކެއްވަންދެން ރޯގާ ރަގަޅުނުވެ ޑޮކްޓަރަށް ދައްކަމުން ގޮސް ކަރުންމަތީގެ ޑޮކްޓަރަށް ދެއްކި ހިސާބުން ކުއްޖާގެ އެހެން މައްސަލައެއް އުޅޭކަން އާއިލާއަށް އެގިގެންދިޔައެވެ.
އުފެދުމުގައި ވެސް ވާހަކަ ނުދެއްކޭ އަދި އަޑު ނީވޭ ނުހައިކް އަނގައިގެ ތަލިމަތީގައި ދުޅަވެފައި އިންތަން ކަރުންމަތީގެ ޑޮކްޓަރަށް ފާހަގަ ކުރެވުނީ، މީގެ ތިން މަސް ކުރިންނެވެ. ނުހައިކްގެ އާއިލާއިން ވަގުތުން ވަގުތަށް އެ ކުއްޖާ އަށް ފަރުވާ ދިނުމަށްޓަކައި އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދެއްކުމުން އެނގިގެން ދިޔައީ ނުހައިކްގެ ކަރުތެރެ އާއި އަނގައިގެ ތެރޭގައި އަށަގަންނަމުން ދިޔައީ، ކެންސަރުގެ ނުރައްކާތެރި ވައްތަރެއް ކަމުގައިވާ ބާކިޓް ލިމްފޯމާ އެވެ.
އިންޑިއާގެ ކިމްސް ހޮސްޕިޓަލުގައި ނުހައިކުގެ ފަރުވާ ފެށިގެން ދިޔައިރު އެ ކުއްޖާއަށްވަނީ ކީމޯގެ ފުރަތަމަ ޑޯޒްވެސް ދީފައެވެ. އެއިން، ކެންސަރުގެ 50 ޕަސެންޓް ނައްތާލެވުނު ކަމަށް ޑޮކްޓަރުން ބުނެފައިވާއިރު، ކީމޯގެ ފުރަތަމަ ޑޯޒާއެކު ކަރުތެރެ ފާރުވެ، ހުން އައިސް، ހަށިގަނޑުގައި ލޭ ނުހިފެހެއްޓުމުގެ ސަބަބުން އެތައްފަހަރަކު ލޭވެސް އަޅަންޖެހުނެވެ.
ނުހައިކްގެ ހާލު ރަނގަޅު ނަމަ، ކީމޯގެ ދެވަނަ ޑޯޒް ދިނުމަށް ޑޮކްޓަރުންނާއި އާއިލާ ތައްޔާރުވެފައިވާއިރު މިއަދު ހެނދުނު ނުހައިކް ނިޔާވީ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ.
މި ހިތާމަވެރި ދަނޑިވަޅު އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާ ނުހައިކްއަށް ސުވަރުގޭގެ ދައިމީ ނިއުމަތް މިންވަރު ކުރައްވާށި. އާމީން