English Edition
Dhivehi Edition

ރަޝިޔާ އިން މިހާތަނަށް ބާއްވާ އެންމެ ބޮޑު އަސްކަރީ ފަރިތަކުންތައް މިދިޔަ ބުރާސްފަތި ދުވަހު ފަށައިފިއެވެ. މިއީ ފިނި ހަނގުރާމައަށް ފަހު އެޤައުމުގެ އަސްކަރީޔާގެ އެންމެ ބޮޑު ފަރިތަކުރުންކަމަށް އެޤައުމުން ބުނެފައިވެއެވެ.

އެޤައުމުގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފައި ވަނީ މިއީ އެމެރިކާއާއި ޔޫރަޕަށް ދައްކާލި ދައްކާލުމެއްކަމަށެވެ. މިފަރިތަކުންތަކުގައި އެއްގަމާއި، ކަނޑާއި ވައިގެ މަގުން ގިނަ ހަރަކާތްތަކެއް ހިންގާނެއެވެ. އެއްވެސް އިންޓަނޭޝަނަލް އޮބްޒަރވަރަކު ބައިވެރި ނުކޮށް ކުރިއަށް ގެންދާ މިހަރަކާތުގައި 13،000 ސިފައިން ބައިވެރިކޮށްފައިވާކަމަށް ރަޝިޔާއިން ބުނެފައިވެއެވެ. އެހެންނަމަވެސް ނޭޓޯ އާއި ޔޫރަޕްގެ އަސްކަރީ އެކްޕާރޓުން ބުނާގޮތުގައި 100،000 އަށްވުރެ ގިނަ ސިފައިން ބައިވެރި ވަމުން ދާކަމަށެވެ. އަދި މިހަރަކާތްތައް އެއް މަސްދުވަހަށް ކުރިއަށް ދާނެއެވެ.

ރަޝިޔާއިން މިފަދަ ހަރަކާތެއް ބޭއްވިކަމުގައި ވިޔަސް އެޤައުމުން ހަނގުރާމައަކަށް އަދި ދާން ބޭނުން ނުވާކަމަށް ގިނަފަރާތްތަކުން ބުނަމުން ދެއެވެ. ނޭޓޯގެ ސެކްރަޓަރީ ޖެނަރަލް ޖެންސް ސްޓޮލްޓެންބާރގް ބުނެފައިވަނީ މިފަދަ ހަރަކާތެއް ރަޝިޔާއިން ބޭއްވިކަމުގައި ވިޔަސް ނޭޓޯއިން ޖެހިލުން ނުވާކަމަށެވެ.

ދުނިޔޭގެ ގިނަ މީޑިޔާތަކާއި މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ބުނަމުން ދަނީ ރަޝިޔާއިން މިހާ ދިގު މުއްދަތަކަށް ފަރިތަކުރުންތަކެއް ކުރިއަށް ގެންދަނީ އެމެރިކާ ނުވަތަ ނޭޓޯއިން ދީފާނެ ހަމަލާއަކަށް ރައްދު ދިނުމުގެ ގޮތުންކަމަށް ބެލެވޭ ކަމަށެވެ. އަދި ފަހަކަށް އައިސް ރަޝިޔާއާއި އެޤައުމުތަކާއި ދެމެދު އޮންނަ ގުޅުން އެހާ ރަނގަޅު ނޫންކަން ވެސް ފާހަގަ ކުރެވިފައި ވެއެވެ.