English Edition
Dhivehi Edition

ހާލުބެލުން ޕޯޓަލްގައި ރެޖިސްޓްރީ ނުވާ ފަރާތްތަކާއި އެޗް ޕީ އޭގެ ހުއްދަނެތި ތިނަދޫ އަށް އަންނަ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށް ތިނަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ތިނަދޫގައި ކޮވިޑް 19 އަށް ބަޔަކު ޕޮސިޓިވް ވުމާއި ގުޅިގެން ، އެޗްޕީއޭއިން 25 އޭޕްރިލް 2021 ގައި 5 ދުވަހަށް ރަށް މޮނިޓަރިންނަށް ލުމާއެކު އެދުވަހަށް ފަހު މޮނިޓަރިން ހާލަތު އުވާލަންދެން އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓޭނެ ކަމަށް ތިނަދޫ ކައުންސިލުން ވިދާޅުވެފައި ވެއެވެ.

އެކްޓިވް ކޭސް ތަކާއި އެކު ތިނަދޫގައި ކައުންސިލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުގެ ގޮތުގައި ކަސްރަތު ކްލާސް ތަކާއި، ޖިމް ، ކުޅިވަރު ކޯޓުތަކާއި ކުޑަކުދިން ޕާކް ، މިއުޒިއަމް ޕާކް ފަދަ ތަންތަން ބަންދު ކޮށްފައެވެ. އަދި އެއަރޕޯޓްގެ ޑިއުޓީތަކަށް މީހުން ދިޔުމާއި އައުން މަޑުޖައްސާފައި ވާއިރު ރޯދަ ވީއްލުމަށް ގޭގެއަށް ދިއުމާއި ރެސްޓޯރަންޓް ތަކުގައި އާއިލީ ރޯދަވީއްލުންވެސް ވަނީ މަނާ ކޮށްފައެވެ. މޮނިޓަރިންގެ ހާލަތު ނިމެންދެން ކޮލެޖް އަދި ސްކޫލް ތައް އޮންލައިންކޮށް ކިޔަވަން އަންގާފައިވާއިރު މިސްކިތައް ވަޑައިގަންނަވާއިރު މާސްކް އެޅުމާއެކު އަމިއްލަ މުސައްލަ ހިފައިން ދިޔުންވަނީ އިލްތިމާސް ކޮށްފައެވެ. ފިހާރަތަކާއި ގާޑިޔާތަކުފެ ޚިދުމަތްތައް އެޗް ޕީ އޭގެ ގައިޑްލައިން އާއި އެއްގޮތަށް 11:00 ޖަހަންދެން ހުޅުވިފައި ބަހައްޓަން ހުއްދަ ދީފައި ވެއެވެ. އަދި ފަރު މަސްވެރިކަން ކުރާ އުނޅަދުތަކަށްވެސް ކައުންސިލްގެ ޚާއްސަ ހުއްދަ އާއި ނުލާ ނުފުރޭނެ ކަމަށް ބުނެފައިވެއެވެ. މީގެއިތުރުން އީ އޯ ސީގެ ހުއްދަ ލިބިގެން ތިނަދޫއަށް އަންނަ އުނޅަދު ފަހަރު ފެރީ ޓަރމިނަލް ނޫން ތާކަށް ބަނދަރު ނުކުރުމަށް ވެސް ވަނީ އަންގާފައެވެ.

ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ކޮވިޑް ހޮޓްލައިން 7934641 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރަން ކައުންސިލުން އިލްތިމާސް ކުރައްވައެވެެ. އަދި އެޗް ޕީ އޭ އިން އާއްމުކޮށްފައިވާ އުސޫލާއި ހިލާފަށް މާސްކް ނާޅާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރުމުގެ ކަންކަން ތިނަދޫ ޕޮލިސް ސްޓޭޝަނުން ބަލަމުން ގެންދާނެ ކަމަށް ވެސް ކައުންސިލުުން ވިދާޅުވިއެވެ.