ޕާޓީގެ ދާއިރާގެ ރައީސަކަށް ހުންނަ ފަރާތަކީ ހަމައެކަނި ގައުމީ މަޖިލިހުގައި ވޯޓުދޭން ހުންނަ ފަރާތެއް ނޫން ކަމަށާއި ދާއިރާގެ ރައީސްގެ މަސްއޫލިއްޔަތު އެއަށްވުރެ ބޮޑު ކަމަށް ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ ރައީސްގެ މަގާމު މިހާރުވެސް ފުރުއްވަވަމުން ގެންދަވާ އެދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މި ފަހަރުވެސް ދާއިރާގެ ރައީސްގެ މަގާމަށް ކުރިމަތިލައްވަވާ ނާޒިލް ވިދާޅުވީ އެމްޑީޕީގެ މެމްބަރުން އެންމެ ގިނަ ދާއިރާއަކަށް މިހާރުވެސް އޮންނާނީ ހިތަދޫ ދެކުނު ދާއިރާ ކަމަށާއި އެއީ ވޭތުވެދިޔަ ދައުރުގައި ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
“ޕާޓީގެ ރައުސުލްމާލަކީ ޕާޓީގެ މެމްބަރުން. ޕާޓީއަށް ދައުލަތުން ލިބޭއެއްޗެއްވިޔަސް ނުވަތަ އެހެން ފަރާތަކުން ލިބޭ އާމްދަނީ އެއްވިޔަސް ލިބެނީ ޕާޓީގައި ތިބޭ މެމްބަރުންގެ އަދަދުގެ މައްޗަށް ބަލާފައި. ވީއިރު ޕާޓީއަށް ކޮށްދެވޭނެ އެންމެ ފައިދާ ހުރި މަސައްކަތަކީ ޕާޓީއަށް މެމްބަރުން އިތުރުކުރުން. ނިމިގެން މިދިޔަ ދައުރުގައި އެންމެ ފުރިހަމައަށް އެކަން ކުރެވުނު ކަމަށް ގަބޫލު ކުރެވޭ. ” ނާޒިލް ވިދާޅުވިއެވެ.
މީގެ އިތުރަށް ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ ޕާޓީގެ މަގާމުތަކަށް ކުރިމަތިލައްވަވާ ހޮވޭ ފަރާތްތައް ވާން ޖެހޭނީ ޕާޓީ ކުރިއެރުވުމުގެ މަސައްކަތް މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރެވޭ ފެންވަރުގެ ފަރާތްތައް ކަމަށާއި ޕާޓީގެ އަސާސީ ގަވާއިދުތައް ތަންފީޒު ކުރުމަށް މަސައްކަތް ކޮށްދެވޭނެ ގާބިލް ފަރާތްތައް ކަމަށެވެ.
“މަޖިލިސް މެމްބަރަށް ވެސް ޕާޓީގެ ގައުމީ މަޖްލިހުގައި ވޯޓު ދެވޭނެ. ދާއިރާގެ ރައީސަށް ވެސް ވޯޓު ދެވޭނެ. ބައެއް މީހުންގެ ސުވާލަކީ 2 ވޯޓު ހޯލްޑް ކުރުމަށް މަގާމަށް ކުރިމަތިލުމުގެ ބޭނުމަކީ ކޮބައިތޯ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދާއިރާގެ ރައީސްގެ ޒިންމާއަކީ ވޯޓު ދިނުން އެކަންޏެއް ނޫން. ހަމައެކަނި ވޯޓު ދިނުމަށް މަގާމަށް އަންނަ ކަމަށްވާނަމަ އެއީ ވަރަށް ބޮޑު ގޯހެއް. ދާއިރާގެ ރައީސްގެ ޒިންމާއަކީ އެ ދާއިރާއެއްގައި ޕާޓީ ޕްރޮމޯޓު ކުރުން. ޕާޓީގެ މެމްބަރޝިޕް އިތުރުކުރުން. ދާއިރާގައި ޕާޓީގެ ހަރަކާތްތައް ރާވައި ކުރިއަށް ގެންދިއުން. މީގެ އިތުރުން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ވެސް އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވުން . އަޅުގަނޑު ގަބޫލު ކުރަން އަޅުގަނޑަށް މިކަން އެންމެ ފުރިހަމައަށް ކުރެވުނު ކަމަށް. ” ނާޒިލް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ އެމްޑީޕީގެ ހިތަދޫ ދެކުނު ދާއިރާގެ ރައީސްކަމުގެ މަގާމާ ހަވާލުވީ އިރު އެދާއިރާގެ އެމްޑީޕީ މެމްބަރުންގެ އަދަދަކީ 866 ކަމަށާއި މިހާރު 2250 މެމްބަރުން ދާއިރާގައި އެބަތިބި ކަމަށެވެ.
ނާޒިލް ފާހަގަ ކޮށްލެވެނީ ތަމްސީލު ކުރައްވަވާ ދާއިރާގެ އިތުރުން އެމްޑީޕީގެ ތަފާތު ހަރަކާތްތަކުގައި ޕާޓީ ޕްރޮމޯޓު ކުރުމަށް އަމިއްލަ ޖީބުން ހޭދަކުރައްވަވާ ޕާޓީއަށް ޓަކައި ގިނަ މަސައްކަތް ކުރައްވަވާ ފަރާތެއްގެ ގޮތުގައެވެ.