English Edition
Dhivehi Edition
އޭއޯ 4 ވަނަ މަދަޙަ މުބާރާތުގައި ބައިވެރިއަކު މަދަޙަ ހުށަހަޅަނީ

އޭއޯ ނިއުސް އިން ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ މަދަޙަ މުބާރާތުގެ މިއަހަރުގެ މުބާރާތް ރަމަޟާން މަހުގެ 15 ވަނަ ދުވަހު ފަށާގޮތަށް ނިންމައިފިއެވެ.

މިއީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ލޯބި ޖެއްސުމާއި ދީނީ ޝިއާރު ފާޅުކުރުމުގެ އިތުރުން މަދަޙަ ކިޔުމުގެ ހުނަރު ހުރި ކުދިންނަށް އެކުދިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުޞަދުގައި 2015 ވަނަ އަހަރުން ފެށިގެން އޭއޯ އިން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތް މީގެ ކުރިން ބާއްވަމުން އައިސްފައިވަނީ ހަމައެކަނި އައްޑޫސިޓީއަށް ހުޅުވާލައިގެން ނެވެ. ނަމަވެސް މިއަހަރުގެ މުބާރާތް މި ބާއްވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އޮންލައިން ކޮށެވެ. ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ތަނަކުން ވެސް އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ކޮންމެ ކުއްޖަކަށްވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިދެވޭ ގޮތަށެވެ.

7 ޢުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިން އޮންލައިންކޮށް ފޮނުވާ ވީޑިއޯތައް މުބާރާތުގައި ބައިވެރިކޮށްގެން ނެވެ.

މުބާރާތުގެ ޢުމުރުފުރާ ތަކަކީ 6 އަހަރުން ދަށް، 8 އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް ، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށެވެ.

މީގެ ކުރިންވެސް އޭއޯ އިން ކާމިޔާބު މަދަޙަ މުބާރާތްތަކެއް ބާއްވާފައިވާއިރު މި މުބާރާތްތަކުން ވަނަ ތަކަށް އައި ފަރާތްތަކަށް އޮސްޓްރޭލިއާ، ދުބާއީ، ޗައިނާ ސްޓަޑީ ޓުއާރ ފަދަ ތަޖުރިބާ ދަތުރު ތައް ވަނީ ހޯދާދީފައެވެ. މީގެ އިތުރުން މުޅި މުބާރާތުގެ އެއްވަނަ ދަރިވަރުންނަށް 3 ފަހަރެއްގެ މަތިން ވާނީ އުމްރާ ދަތުރުގެ އިނާމުވެސް ހޯދާދީފައެވެ.

މިއަހަރުގެ މުބާރާތަށް ވެސް ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަނުން ވަނީ ޗައިނާ ވިންޓަރ ކޭމްޕް ޓުއަރ އެއްގެ އިނާމު ހުށަހަޅުއްވާފައެވެ.

މުބާރާތުގައި ހޮވާނެ ވަނަތައް:

މުބާރާތުގެ ކޮންމެ އުމުރުފުރައަކުން ގަދަ 5

ކޮންމެ އުމުރުފުރައަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ

މުޅި މުބާރާތުން އެންމެ މޮޅު 5 ވަނަ

މުޅި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ އެވެ.

މީގެ އިތުރުން ޔޫޓިއުބް ޗެނަލަށް އަޕްލޯޑް ކުރާ ބައިވެރިންގެ ވީޑިއޯ ތަކުގެ ތެރެއިން 200 އަށް ވުރެ މަތިން ލައިކްސް ލިބޭ ވީޑިއޯ ހުށަހަޅާ ކޮންމެ ކުއްޖަކަށް އޭއޯ އިން ގިފްޓް ވައުޗަރ އެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހަމަވާނީ ރަމަޟާން މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 2:00 އާއި ހަމައަށެވެ. ބައިވެރިވުމަށް އެދޭ ފޯރމު ތިރީގައިވާ ލިންކުން ހޯއްދަވާށެވެ.

https://form.jotform.com/aonews09/madhaha05