ގދ. ގައްދޫ ރައްޔިތުންނަށް ދެއްވަން ރައީސް ވަޢުދު ވެވަޑައިގަތް ގދ. ގަން، އެގްރޯ ކުންފުންޏަށް ދިނުމާއި ގުޅިގެން ގދ. ގައްދޫ ކައުންސިލްގެ ރައީސް ރައްޔާން ޖަމާލް ނުރުހުން ފާޅުކޮށް އެއީ މާފު ކުރާ ވަރުގެ ކަމެއް ނޫން ކަމަށް ވިދާޅުވެއްޖެއެވެ.
ސަރުކާރުން ވެފައިވާ ވައުދުތަކާއި ހިލާފަށް ގދ. ގަން ގައްދޫ ރައްޔިތުންނަށް ދިނުމުގެ ބަދަލުގައި ސަރުކާރުން ދަނޑުވެރިކަމުގެ މަސައްކަތަށް ޚާއްޞަކޮށް އުފައްދާފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަނަށް ސަރުކާރުން ދީފައިވާކަމަށް ދިޔަރެސް ނޫހުން ލިޔެފައިވާ ހަބަރެއް މީސްމީޑިއާގައި ޝެއަރ ކުރައްވަމުން ރައްޔާން މިހެން ވިދާޅުވެފައި ވަނީ ދިވެހި ލަވައެއްގެ ތަންކޮޅަކާ އެކުގައެވެ. “ވައުދާ ހުވާ ކުރާނެއޭ އެހަނދާން ނެތޭނެޔޭ” ލިޔުއްވާ ރައްޔާން ވިދާޅުވެފައި ވަނީ “މާފް ކުރާ ވަރެއް ނޫން” މިފަދައިންނެވެ.
ގދ. ގަމުގެ އިތުރަށް ދެ ރަށެއް އެ ކުންފުންޏަށް ލިބިފައިވާއިރު އެގްރޯ ކުންފުނިން ވިސްނާފައިވަނީ އެ ރަށްރަށުގައި ދަނޑުވެރިކަންކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައި ދިގު މުއްދަތަށް އެ ރަށްތަކުން ބިން ދޫކުރުމަށެވެ. އެ ރަށްރަށާ އެންމެ ކައިރީގައި ހުރި ރަށްރަށުގެ މީހުންނަށް އިސްކަންދިނުމަށް އެ ކުންފުނިން ވިސްނާ ކަމަށާއި، ޒަމާނީ ވަސީލަތްތަކާއި ފަހުގެ ޓެކްނޮލޮޖީ ދަނޑުވެރިކަމުގައި ބޭނުންކުރަން ހުށަހަޅާ ފަރާތްތަކަށްވެސް އިސްކަންދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެހެންނަމަވެސް ގައްދޫ ރައްޔިތުން ބޭނުންވާ ޓޫރިޒަމްގެ މަސައްކަތްތަކާއި ދަނޑުވެރިކަމުގެ މަސައްކަތް ކުރަން ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ގައްދޫ ކައުންސިލާއި ގަން ހަވާލުކުރުމަށް ވައުދުވެ ވަޑައިގެންފައި ވުމާއެކު އެގްރޯ ކުންފުންޏަށް ގަން ދިނުމާއި ގުޅިގެން ގައްދޫ ރައްޔިތުންގެ ފާޑުކިޔުންތައް މިވަނީ ސަރުކާރަށް އަމާޒު ވެފައެވެ.