English Edition
Dhivehi Edition
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

މަރުކަޒީ ބޭންކު އެމްއެމްއޭއިން ދައުލަތުގެ ހަރަދުތަކަށް ފައިސާ އިތުރަށް ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް މުއްދަތު އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ފައިސާ ޗާޕް ކުރުމުގެ ހުއްދަ ދިނުމަށް ބޭއްވި ޖަލްސާގައި 53 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއިރު ފައިސާ ޗާޕް ކުރުމުގެ ހުއްދަ ދިނުމަށް ފެންނަކަމަށް ވޯޓް ދެއްވީ 47 މެންބަރުންނެވެ. ފައިސާ ޗާޕް ކުރުމުގެ ހުއްދަ ދޭން ނުފެންނަ ކަމަށް ވޯޓް ދެއްވީ 4 މެންބަރުންނެވެ.

ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ 36 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލިބޭ ބާރުގެ ދަށުން އެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އަށް އަމަލު ކުރުން މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހުން ފެށިގެން އެއް އަހަރަށް ސަސްޕެންޑްކޮށްފައިވަނީ ކޮވިޑް19 ގެ ހާލަތާއި ގުޅިގެންނެވެ.

ފިނޭންސް މިނިސްޓްރީން މި މުއްދަތު އިތުރަށް ދަންމާލުމަށް އެދުނީ ކޮވިޑް19 މުޅިން ކޮންޓްރޯލްކުރެވިފައި ނުވާތީ އާއި، އިގްތިސޯދު ރަނގަޅުވަމުން ދިޔަ ނަމަވެސް ކޮވިޑް19ގެ ކުރިން ހުރި މިންވަރަށް ވާސިލުވާން ވަގުތު ނަގާނެތީއެވެ.