ދެކުނުގެ މަސްވެރިކަން ރަނގަޅުވެ މަސްބާނާ މިންވަރު އިތުރުވުމުން މިފްކޯއިން މަސްގަތުން ކޮންޓްރޯލް ކޮށްފިއެވެ.
މިފްކޯގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އިސްމާއިލް ފައުޒީ ސޮއި ކުރައްވައި އެ ކުންފުނީގެ ސެންޓަރުތަކުގެ ވެރިންނަށް އިއްޔެ ފޮނުއްވި މެމޯއެއްގައި ބުނެފައިވަނީ މި ފިޔަވަޅު އަޅާފައިވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ދޯނިފަހަރު އެއްފަހަރާ ދެކުނުގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މަސްކިރުވުމަށް އަންނަމުންދާތީ، މިފްކޯގެ ފްރީޒިންގ ކެޕޭސިޓީއަށް ވުރެން އިތުރަށް މަސް ލިބެމުން ދިއުމާއެކު މަސްކިރުވުމަށް ދަތިތަކެއް ދިމާވުމައި ގުޅިގެންކަމަށެވެ.
އެހެންކަމުން 25 އޭޕްރިލް އިން 28 އޭޕްރިލްގެ ނިޔަލަށް ގއ ކޫއްޑޫއާއި ޅ, ފެލިވަރު އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް މަސްކިރާ ކޮންމެ ދޯންޏަކުންވެސް އެންމެ ގިނަ ވެގެން ކިރުވޭނީ 4 ޓަނު މަސްކަމަށެވެ.
ނަމަވެސް މިގޮތަށް ހަމަޖެއްސިކަމުގައިވީނަމަވެސް މަސްކިރަން ގިނަ ދޯނިފަހަރު ކިޔޫގައި ތިބުމާއިއެކު ކޫއްޑޫއާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން މަސްކިރުމަށް ކިއު ނަންބަރު ދެވިފައި ހުރި ދޯނިފަހަރު މަސްކިރައި ނިމެންދެން ކޮންޓްރޯލެއްނެތި މަސް ކިރުވުމަށް ހަމަޖެހިފައިވާކަމަށްވެސް މިފްކޯއިންވަނީ ބުނެފައެވެ.
މިދުވަސްވަރު ދެކުނުގެ މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅުވެފައި ވުމާއި، އަދި ކޯލްޑް ސްޓޯރުތައް ފުރެމުންއަންނާތީ ޖާގަހެދުމުގެ ގޮތުން މެދުކެނޑުމެއްނެތި ކެރިއަރ ބޯޓުތައްގެނެސް ލޯޑުކޮށް އެކްސްޕޯރޓް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި އެވެ. އަދި އެކުންފުނިން މަސައްކަތްކުރަނީ މަސްވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަވަސް ޚިދުމަތް ދިނުމަށް ކަމަށާއި، މަސްވެރިންގެ ކަންބޮޑުވުންތައް ބަލައިގަނެ ކުންފުނިން ދެވޭ ޚިދުމަތަކީ މަސްވެރިންނަށް ފަސޭހަ ޚިދުމަތަކަށް ހެދުމަށް ކަމަށްވެސް މިފްކޯއިން ވަނީ ބުނެފައި އެވެ.
މަސްވެރިކަން އިންތިހާޔަށް ރަގަޅުވާ ދުވަސްވަރު މަސްގަތުން ކޮންޓްރޯލްކޮށް އެތަކެއް ގަޑިއިރުވަންދެން ކިއުގައި މަސްނުކިރި ތިބެންޖެހުމަކީ މަސްވެރިންނަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އަދި މިއީ މަސްވެރިންނަށް އެންމެ ހިތްދަތިއިޙްސާސް ތަކެއް ކުރުވާ ކަމަކަށް ވިޔަސް މިކަންކަމަކީ ހައްލުކޮށްދޭނެކަމަށް ސަރުކާރުން ބުނި ނަމަވެސް އަދި މިހާތަނަށް ހައްލެއް ގެނައުމަށް އެއްވެސްކަމެއް ކޮށްފައި ނުވާކަންތަށްތަކެއް ކަމަށް މަސްވެރިންބުނެއެވެ.