ނޭޝަނަލް ޑްރެގް އެޖެންސީ(އެންޑީއޭ)ގައި މި ވަގުތު ވަޒީފާ އަދާކުރެވޭނެ ފަދަ އަމާން މާހައުލެއް ނެތްކަމަށް ވިދާޅުވެ، އެ އެޖެންސީގެ އާފްޓާރ ކެއަރ ކޯޑިނޭޓަރ މުހައްމަދު ސޮބްރީ އެމާގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ފަރުވާގެ ނިޒާމު ހަރުދަނާކޮށް އެންޑީއޭ ގެ ކަންކަން އިސްލާހުކުރުމަށް ގިނަ ބަޔަކު ގޮވާލަމުންދާ މި ދަނޑިވަޅު މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ‘އޭއޯ ނިއުސް’އަށް މައުލޫމާތު ދެމުން ސޮބްރީ ވިދާޅުވީ އެންޑީއޭގައި މި ވަގުތު ވަޒީފާ އަދާކުރެވޭނެ ފަދަ އަމާން މާހައުލެއް ނެތްކަމަށެވެ. މި ގޮތުން އޭނާ ޑިއުޓީގައި ހުއްޓާވެސް ބަޔަކު އޭނާއަށް އިންޒާރު ދީފައިވާކަމަށް ސޮބްރީ ވަނީ ވިދާޅުވެފައެވެ. “އަޅުގަނޑު ޑިއުޓީގައި ހުއްޓާ، މިހާރު ‘ހޭހަންވެހި ކޭމްޕް’ ގައި ބައިވެރިވާ ޖަމިއްޔާއެއްގެ ރައީސަކުވަނީ މާރާމާރީ ހިންގާނެކަމަށް ބުނެ އިންޒާރުދީފައި. އަދި އެހެން މީހަކުވަނީ މާރާމާރީ ހިންގާފައި” ސޮބްރީ ވިދާޅުވިއެވެ،
އެންޑީއޭއަށް ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ފޯރާފައިވާކަން ފާހަގަކޮށް ސޮބްރީ ވިދާޅުވީ އެންޑީއޭގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އިތުރު ވަރަށް ގިނަ ދަތިތައްވެސް ކުރިމަތިވެފައިވާކަމަށެވެ. މި ގޮތުން މަސައްކަތްކުރުމަށް އެކަށީގެންވާފަދަ އޮފީހެއް ނެތުމާއެކު މިހާރު ބޭނުންކުރަމުންދާ އޮފީސް އިމާރާތްވެސް ވަރަށް ބޮޑަށް ވީރާނާވެފައިވާކަމަށް ސޮބްރީ ވިދާޅުވިއެވެ.
ސޮބްރީ އަކީ މަސްތުވާތަކެތިން މުޖްތަމައު ސަލާމަތްކުރުމަށްޓަކައި ފާއިތުވި ފަނަރަ އަހަރު ދުވަހު ވަރަށް ބުރަ މަސައްކަތްތަކެއް ކުރެވި ބޭފުޅެކެވެ. މި ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ސޮބްރީ، މަސްތުވާތަކެތިން މުޖްތަމައު ސަލާމަތްކުރުމަށްޓަކައި ކޮށްފައިވާ މައިގަނޑު މަސައްކަތްކުގެ ތެރޭގައި ފަރުވާ ނިންނާ ފަރާތްތަކަށް ވަޒީފާގެ ކަންކަން ހަމަޖައްސައިދިނުމާއި ތަމްރީން ޕްރޮގްރާމްތައް ހިންމުގެ އިތުރުން ފަރުވާ ހޯދާ ފަރާތްތަކަކީ ފައިދާ ހުރި ޒުވާނުންގެ ގޮތުގައި މުޖްތަމައުއަށް ނެރެ ދިނުމުގެ މަސައްކަތް ހިމެނެއެވެ،
މީގެ ކުރިންވެސް އެންޑީއޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިންޒާރުދޭ މައްސަލަތަކެއް ފެންމަތިވެފައިވާއިރު 2020 ވަނަ އަހަރު އެންޑީއޭގެ ސީއީއޯގެ މަގާމުގައި ހުންނެވި ހަސަން ޝަހީލްވެސް ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުން މެދުވެރިކޮށް، ބަޔަކު އަޑީގައި ތިބެގެން އިންޒާރު ދެމުންދާ ކަމަށް ބުނެ މަގާމުން އިސްތިއުފާ ދެއްވާފައެވެ