އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ފަހަތުން އަރައި އެސްޓަން ވިލާ އަތުން 2-1 އިން ހޯދީ މޮޅާއެކު ތާވަލްގެ އެއްވަނައިގައި އުޅޭ މެންޗެސްޓާ ސިޓީން ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފިއެވެ.
ރޭގެ ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި އުޅޭ ސިޓީ އަށް 33 މެޗުން 77 ޕޮއިންޓް ލިބިފައިވާއިރު އެއް މެޗު މަދުން ކުޅެގެން އޭގެ 11 ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑެވެ. ތިންވަނައިގައި އޮތް ލެސްޓާ ސިޓީ އަށް 31 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު ޗެލްސީ އޮތީ 55 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
ވިލާ ޕާކްގައި ރޭ ކުޅުނު މި މެޗުގައި ހީކުރި ގޮތާއި ހިލާފަށް ކުރީން ލީޑްނެގީ ވެސް ވިލާ އިންނެވެ. އެ ޓީމުން ލީޑްނެގީ ކުޅުން ފެށިތާ 20 ވަރަކަށް ސިކުންތުގެ ތެރޭގައި ސްކޮޓްލެންޑްގެ ޖޯން މެކްގިން ތަނަވަސްކުރި ފުރުޞަތަކުން އިނގިރޭސި ފޯވާޑް އޮލީ ވަޓްކިންސް އެވެ.
އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރީން ސިޓީން ވަނީ ލީޑްނަގާފައެވެ. އެ ޓީމުގެ މި ދެލަނޑުޖެހުމަށް މަގުފަހިކޮށްދިނީ ވެސް ޕޯޗުގަލްގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ އެވެ. ސިޓީން އެއްވަރުކުރި ލަނޑު، މެޗުގެ 22 ވަނަ މިނެޓުގައި އަރަމުން އަންނަ އިނގިރޭސި މިޑްފީލްޑަރު ފިލް ފޯޑެން ކާމިޔާބުކުރިއިރު މި ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް އެ ޓީމަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދިނީ ރޮޑްރީގޯ އެވެ. އޭގެ ހަތަރު މިނެޓުފަހުން، ވިލާގެ ޖޭކަބް ރަމްސީ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ވަނީ ސިޓީގެ ޑިފެންޑަރު ޖޯން ސްޓޯންސް އަށް ސީދާ ރަތެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.
ވިލާ އިން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތްތަކަށް ހުރަސްއެޅުނީ ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމުގެ ޑިފެންޑަރު މެޓީ ކޭޝް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ ފަހު 30 މިނެޓު ދެ ޓީމުން ވެސް 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔައިރު ސިޓީން ވަނީ ވިލާގެ ޑިފެންސަށް ބާރުބޮޑުކޮށް މެޗުގެ ކޮންޓްރޯލް އަތުލާފައެވެ.
ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާ ވަނީ އެ ޓީމުގެ ޒުވާން ކޯޗު ރަޔާން މޭސަންގެ އިރުޝާދުގެ ދަަށުން ނިކުތް ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ސައުތެމްޓަން ބަލިކޮށްފައެވެ. މިއީ ޕޯޗުގަލްގެ ކޯޗު ހޯސޭ މޮރީނިއޯ މަގާމުން ދުރުކުރިފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. ރޭގެ މެޗަށް އެ ޓީމުން ނިކުތީ އަނިޔާގެ ސަބަބުން އިތުބާރު ފޯވާޑް ހެރީ ކޭން ނުލައެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި އިނގިރޭސި މިޑްފީލްޑަރު ޖޭމްސް ވޯޑް-ޕްރައުސް ނަގައިިދިން ކޯނަރަކުން ސައުތެމްޓަނަށް ލީޑްނަގައިދިނީ ޑެނީ އިންގްސް އެވެ. ޓޮޓެންހަމުން އެއްވަރުކުރީ ދެވަނަ ހާފުގެ ކުޅުން ފެށިގެން 15 ވަނަ މިނެޓުގައި ގަރެތު ބޭލް ކާމިޔާބުކުރި ގޯލުންނެވެ. އަދި އޭގެ ފަހުން މެޗުގެ 90 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޓޮޓެންހަމަަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން-މިން އެވެ. މިއީ އެ ޓީމުގެ ސްޕެއިން ފުލްބެކް ސާޖިއޯ ރެގީލޯން އަށް ސައުތެމްޓަންގެ މޫސާ ޖެނެޕޯ ޕެނަލްޓީއޭރިޔާތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ރޭގެ މޮޅާއެކު ޓޮޓެންހަމްގެ އައު ކޯޗު މޭސަން ވަނީ ޕްރިމިއާ ލީގުގައި މިހާތަނަށް މެޗަކުން މޮޅެއް ހޯދި އެންމެ ޒުވާން ކޯޗުގެ ޝަރަފު ހޯދާފައެވެ. މީގެކުރީން ހަލް ސިޓީ އާއި ޓޮޓެންހަމަށް ކުޅެފައިވާ މޭސަން އާއެކު އެ ޓީމު ރޭގެ މެޗަށް ނިކުތްއިރު އޭނާގެ އުމުރަކީ 29 އަހަރެވެ. މި ސީޒަނުގެ ނިޔަލަށް ޓޮޓެންހަމްގެ ކޯޗަކަށް މޭސަން ހަމަޖައްސާފައިވާއިރު އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމު ދެން ކުޅޭ މެޗުގައި އަންނަ އާދީއްތަ ދުވަހުގެ ރޭ ލީގު ކަޕްގެ ފައިނަލްގައި ނިކުންނާނީ ޕެޕް ގާޑިއޯލާގެ ސިޓީއާ ދެކޮޅަށެވެ.
ޕްރިމިއާ ލީގުގައި މިރޭ ކުޅޭ މެޗުގައި ރެލިގޭޝަން ޒޯނުގައި އޮތް ވެސްޓް ބްރޮމް ނިކުންނާނީ ގަދަ ހަތަރެއްގެ ރޭހުގައި އުޅޭ ލެސްޓާއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ ދަންވަރު 12 ޖަހާއިރު އެވެ.