ދިވެހި ގައުމު މިނިވަންކަމާއެކު މިއަދާހަމައަށް ގެނެސްދީފައި ވަނީ ދިވެހި ސިފައިންގެ ހިތްވަރާއި ޖިހާދުން ކަމަށާއި، ދިވެހި ގައުމު ދެކެ ލޯބިވާ ކޮންމެ މީހެއްގެ ހިތުގައި އެންމެ ފަހްރުވެރި މަގާމު އޮންނަން ވާނީ ދިވެހި ސިފައިންނަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު، ސަލާމަތްތެރިކަމާއެކީގައި ހިމާޔަތްކޮށްދީ، ދަމަހައްޓައިދެނީ އަމިއްލަ ނަފުސަށްވުރެ ގައުމު އިސްކުރައްވައިގެން ސިފައިން ކުރައްވާ ބުރަ މަސައްކަތުންކަމުގައި ސިފަކުރައްވާ، ސިފައިންގެ ކޮންމެ މީހެއްގެ ކުރިއެރުންވެސް މުހިންމުކަމުގައި ވިދާޅުވިއެވެ. މި މޭރުމުން ދިވެހި ސިފައިންގެ ކުރިއެރުމާއި ލާބައަށްޓަކައި ކުރައްވަން ނިންމަވާފައިވާ ބައެއް ކަންކަން އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.
އެގޮތުން، ބޯހިޔާވަހިކަމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް އަސާސީ އެއް ހައްގަކަށް ވާހިނދު، ދިވެހި ސިފައިންނަށްވެސް މި ހައްގު ފުރިހަމަވާންޖެހޭ ކަމަށާއި، ސަރުކާރުގެ ހައުސިންގް ސްކީމްތަކުގެ ތެރެއިން، އަސާސީ ބޯހިޔާވަހިކަން ލިބޭ ސިފައިންގެ އަދަދު އިތުރުކޮށްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ހަމަމިއާއެކު، ސިފައިންގެ ހިދުމަތުގައި ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ހިދުމަތް ކުރަމުންދާ ސިފައިންނަށް، އެއް ރޭންކުގައި ވަކި މުއްދަތެއް ވިއަސް، މިހާރު އޮތް ގަވާއިދުގެ ތެރެއިން ލިމިޓޭޝަން ހަމަވާ ގޮތަށް އޮތް އޮތުން ބަދަލުކުރައްވައި، ސިފައިންގެ ހިދުމަތުގައި ދެމި ހުރެވޭނެ ގޮތަށް ބަދަލުކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސިފައިންގެ ކޮންމެ މީހެއްގެ އާއިލާ ދިރިއުޅޭ ސަރަހައްދު ހިމެނޭ އޭރިއާ ކޮމާންޑެއްގައި ޑިއުޓީ އަދާކުރެވޭނެ ފުރުސަތު ގާއިމުކޮށްދެއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވަނީ މެޑެއްޔާއި ފިލާ ހަވާލުކޮށްދެއްވާފައެވެ. އެގޮތުން މަތިވެރި ހިދުމަތުގެ މެޑަލް، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް، ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވުމުގެ މެޑަލް، ހަށިހެޔޮކަމުގެ ކުލަ ހާސިލުކުރެއްވި ސިފައިންނާއި، 2025 ފިޓަސްޓް ސޯލްޖަރ އަންހެން، އަދި ފިރިހެންގެ އިތުރުން، ފިޓަސްޓް ޔުނިޓަށް މެޑައްޔާއި ފިލާ ހަވާލުކޮށްދެއްވިއެވެ.
މީގެ އިތުރުން ރައީސް ވަނީ، ސިފައިންގެ ހިދުމަތުގެ ސަރވިސް ކޯގެ ދަށުން ހިންގާ ސްކޫލް އޮފް އިންޖިނޭރިންގް އެންޑް ލޮޖިސްޓިކްސް ރަސްމީކޮށް ހުޅުއްވައިދެއްވައި، އިފްތިތާހުކޮށްދެއްވާފައެވެ. ބ. ކިހާދޫގައި ހިންގާ މި ސްކޫލަކީ ދިވެހި ސިފައިންގެ ފަންނީ ހުނަރާއި، އިލްމީ ގާބިލުކަން އިތުރުކުރުމަށްޓަކައި ހިންގޭ މަރުކަޒެކެވެ.
ދިވެހި ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޭޕްރިލް މަހުގެ 21 ވަނަ ދުވަހެވެ.