English Edition
Dhivehi Edition

މަސް ދޯނިފަހަރުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅެން މިނިސްޓްރީ އޮފް ފިޝަރީޒް އިން ހުއްދަ ދިނުމަކީ ޤައުމަށް ދެވޭ ބޮޑު ގެއްލުމެއް ކަމަށް ގއ ވިލިނގިލީ ދާއިރާގެ މެމްބަރު ސަޢުދު ހުސައިން ވިދާޅުވެއްޖެއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މަޖިލީހުގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ، ޒުވާނުން މަސައްކަތެއް ނެތި މަގުމަތީގައި ތިބޭ ތިބުމަކީ މިވަގުތު ޤައުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށެވެ. އަދި ޒުވާނުންގެ ބޭނުންކުރެވޭ ގޮތަށް ކަންކަން ބަދަލުކޮށްގެން ނަމަވެސް ޒުވާނުން މަސައްކަތުގެ ދާއިރާއަށް ނެރެންޖެހޭކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން، މަސްދޯނި ފަހަރުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅެން ހުއްދަ ދިނުމަކީ ޤައުމަށް ދެވޭ ބޮޑު ގެއްލުމެއްކަން ފާހަގަކޮށް ސައުދު ވިދާޅުވީ، ބިދޭސީން ކުދި ،އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ކޮންޓްރޯލްވެސް ނަގަމުން އަންނަކަމަށެވެ.

“މާރުކޭޓަށް ބެލިޔަސް، ކުދިކުދި ވިޔަފާރިތަކުގެ ކައުންޓަރަށް ބެލިޔަސް، މަސްދޯންޏަށް ބެލިޔަސް، ލޯންޗް ޑްރައިވަރެއް ފަޅުވެރިއަކަށްވިޔަސް، ކޮންތަނެއްގަ ތޯ [ބިދޭސީން] ނެތީ އިއްޒަތްތެރި ރައީސް.” ސައުދު ވިދާޅުވިއެވެ.

މަސް ދޯނިފަހަރުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅެން މިނިސްޓްރީ އޮފް ފިޝަރީޒުން ހުއްދަ ދީފައިވަނީ އިއްޔެއެވެ.

މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިކަން ކުރުމުގައި ގަވައިދާ ހިލާފަށް ބިދޭސީން ހަރަކާހަރަކާތްތެރިވާ މައްސަލާގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި އޮޑިވެރިން އަދި އެ ސިނާއަތުގައި މަސައްކަތްކުރާ މީހުންނާ މަޝްވަރާ ކުރުމަށް ފަހު، ދޯނި ފަހަރުގައި ކުރާ ބައެއް މަސައްކަތްތަކަށް ދިވެހިން ނުލިބުމުގެ ދަތިކަން އޮތްކަމަށް ފާހަގަވާ ކަމަށެވެ. އެހެންކަމުން މަސްވެރިކަމުގެ ސިނާއަތުގެ މަންފާއަށް ޓަކައި ވަކި ހަމަތަކެއްގެ މަތިން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި، ސީދާ މަސްވެރިކަން ކުރުމުގައި ބައިވެރިވުން ނުހިމެނޭ ގޮތަށް ބިދޭސިންނަށް ހަރަކާތްތެރިވުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

ގއ އަތޮޅަކީ މަސްވެރިކަމުގެ ސިނާޢަތް ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ރައްޔިތެއް ދިރިއުޅޭ އަތޮޅެކެވެ. މިގޮތުން ދޯނިތަކުގައި މަސައްކަތްކުރާނެ ދިވެހިން ނުލިބުމުގެސަބަބުން ގިނަ އަދަދެއްގެ ބިދޭސީން ދަނީ ދޯނިތަކުގައި ކައްކާއިންނަށާއި، އިންޖީނު ބެލެހެއްޓުމާއި، އަދި ފަޅުވެރިންގެ ގޮތުގައިވެސް މަސައްކަތްކުރަމުންނެވެ.