English Edition
Dhivehi Edition

މި އަހަރު ރޯދަ މަހުގެ އިނާޔަތް ނުލިބިގެން 43 މައްސަލަ ހުށަހަޅާފައިވާ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ބުނެފި އެވެ. މި މައްސަލައާއި ގުޅިގެން މިހާތަނަށް މާލެއާއި ރަށްރަށުން އަދި ރިސޯޓުތަކުން 97 މީހުންނާއި ސުވާލުކޮށް މައުލޫމާތު ސާފުކޮށްފައިވާކަމަށް ލޭބާ އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވަނީ ވިދާޅުވެފައެވެ. ވަޒީފާގެ ގާނޫނުގައި ބުނާގޮތުން ރޯދަ މަސް ފެށުމުގެ ކުރިން ކޮންމެ މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭންޖެހޭ އިރު މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދިން ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި އެކަމަކު އޭގެ ކުރިން އިނާޔަތް ދިނުމަށް އިތުރު ފުރުސަތެއް ދޭނެ ކަމަށް ނާފިޒުވަނީ ވިދާޅުވި އެވެ. “އިނާޔަތް ނުލިބިގެން މައްސަލަ ޖެއްސި ފަރާތްތަކުގެ މުސާރަ ޝީޓުތައް ބަލައި، ނުދީ ހުރި ސަބަބު އަޅުގަނޑުމެން ބަލާނަން. އެއަށް ފަހު އިތުރު ފިޔަވަޅު އަޅާނަން.އަދި މުއައްޒަފުންނަށް އިނާޔަތް ދިނުމަށްޓަކައި މި ދިން ފުރުސަތުގައި ވެސް އިނާޔަތް ނުދޭ ނަމަ 5000-50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ފަރާތްތަށް ޖޫރިމަނާ ކުރެވޭނެ” ނާފިޒު ވިދާޅުވިއެވެ ވަޒީފާއާ ބެހޭ ގާނޫނުގައި ވާ ގޮތުން ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި ދިވެހި ކޮންމެ މުވައްޒަފަކަށް 3،000 ރުފިޔާ ދިނުމާއި އަދި ބިދޭސީ މުވައްޒަފުންގެ ތެރެއިން މުސްލިމް މުވައްޒަފުންނަށް އެ އިނާޔަތް ދިނުމަކީ ވަޒީފާ ދޭ ފަރާތުގެ އިހްތިޔާރުގައި އޮންނަ ކަމެއް ކަމަށް ގާނޫނުގައިވަނީ ބަޔާންކޮށްފައެވެ.މީގެ އިތުރުން ކޮންމެ އަހަރެއްގެ ވެސް ރޯދަމަސް ފެށުމުގެ ކުރިން އެ އިނާޔަތް މުވައްޒަފުންނަށް ދޭންޖެހޭނެކަމަށް ޤާނޫންގައިވަނީ ބަޔާންކޮށްފައެވެ.