English Edition
Dhivehi Edition
ރެއާލް މެޑްރިޑްގެ ރައީސް އަދި ސުޕަ ލީގުގެ ފުރަތަމަ ޗެއާމަން ފްލޮރެންޓީނޯ ޕެރޭޒް.

ޔޫރަޕިއަން ސުޕަ ލީގުގެ އެހީގައި ފުޓްބޯޅަ ސަލާމަތްކުރެވޭނެ ކަމަށް ރެއާލް މެޑްރިޑްގެ ރައީސް އަދި ސުޕަ ލީގުގެ ފުރަތަމަ ޗެއާމަން ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެއެވެ.

ސްޕެއިނުގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ޕެރޭޒް ވިދާޅުވީ ކްލަބުތަކަށް މިހާރު ދިމާވެފައިވާ މައްސަލަތަކުން އަރައިގަނެ ފުޓްބޯޅައިގެ މިހާރުގެ ހާލަތުން ސަލާމަތްކުރެވޭނީ ސުޕަ ލީގަށް ކަމަށެވެ. އަދި އެއީ ހަމައެކަނި މިހާރު ކުޅެމުން އަންނަ ޔުއެފާ ޗެމްޕިއަންސް ލީގުގެ ބަދަލުގައި ކުޅޭ މުބާރާތެއް ކަމަށް ވެސް ޕެރޭޒް ވިދާޅުވިއެވެ.

ޕެރޭޒް އިތުރަށް ވިދާޅުވީ މިބަދަލުތައް ގެންނަން މަޖުބޫރުވީ މިއަދުގެ ޒުވާނުންނަށް ޔޫރަޕްގެ ފުޓްބޯޅައިގައި މިހާރު ކުޅެމުން އަންނަ އާދައިގެ މެޗުތަކުގެ ސަބަބުން ފުޓްބޯޅައަށް އޮންނަ ޝައުގުވެރިކަން ކުޑަވާން ފަށާފައިވާތީވެ، ސުޕަ ލީގު ތައާރަފްކުރުމާއެކު ރަނގަޅު ފެންވަރުގެ ބަލާހިތްވާ ކަހަލަ ގިނަ މެޗުތަކެއް ފެނިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުންނެވެ.

“އެކަމަކު، ކޮންމެ ކަމަކަށް ވެސް ރަނގަޅު ބަދަލެއް ގެންނަން މަސައްކުރާ ވަގުތު އެކަމާ ދެކޮޅަށް އަޑުއުފުލާ ފަރާތްތައް ވެސް ތިބޭނެ،” ޕެރޭޒް ވިދާޅުވިއެވެ.

ރެއާލްގެ އިތުރުން ސުޕަ ލީގުގެ ފައުންޑަ މެންބަރުންގެ ތެރޭގައި ހިމެނެނީ، އިނގިރޭސި ބޮޑު ހަ ޓީމު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑް، ލިވަޕޫލް، މެންޗެސްޓާ ސިޓީ، އާސެނަލް، ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާގެ އިތުރުން ބާސެލޯނާ، އެތުލެޓިކޯ މެޑްރިޑް، އިންޓަ މިލާން، އޭސީ މިލާން އަދި ޔުވެންޓަސް އެވެ.

ސުޕަ ލީގުގެ ސަބަބުން ކްލަބުތަކަށް މާލީގޮތުން ތަނަވަސްކަން ލިބިގެންދާނެ ކަމަށް ފާހަގަކުރައްވާ ޕެރޭޒް ވިދާޅުވީ މިހާރު ބޮޑެތި ކްލަބުތަކަށް ދިމާވެފައިވާ މައްސަލަތަކުން އަރައިގަނެ ލިބިފައިވާ ގެއްލުންތައް ފޫބެއްދި ޔޫރަޕްގެ ފުޓްބޯޅައިގެ ގަދަބާރުތަކާ ދެކޮޅަށް ކުޅެވިގެންދާ މެޗުތަކާއެކު ލިބޭނެ އާމްދަނީ ބޮޑުތަނުން އިތުރުވެގެންދާނެކަމަށެވެ. މީގެ ސަބަބުން އެ ޓީމުތަކުގެ ދަރަނި ވަރަށް ބޮޑުތަނުން ސަލާމަތްކުރެވޭނެ ކަމަށް ވެސް ޕެރޭޒް ވިދާޅުވިއެވެ.

އަދި ޕެރޭޒްގެ އިންޓަވިއު ނިންމާލުމުގެ ކުރީން ވަނީ މިހާރު ކުޅެމުންދާ ގޮތަށް ޗެމްޕިއަންސް ލީގާއެކު ކުރިއަށްގޮސްފިކަމަށްވާނަމަ އޭގެ މަގްބޫލްކަން ކުޑަވެ އެއްކޮށް އޭގެ މަތިން ފޫހިވެގެން ދާނެ ކަމަށް ވެސް ފާހަގަކުރައްވާފައެވެ.

“ޔުއެފާ އިން 2024 ގައި ތައާރަފްކުރަން އުޅޭ ޗެމްޕިއަންސް ލީގުގެ އައު ފޯމެޓްގެ ސަބަބުން ލިބޭނެ އެއްވެސް ފައިދާއެއް ނެތް. ސުޕަ ލީގެއް ނެތި 2024 ގައި ފުޓްބޯޅަ މަރުވާނެ.” ޕެރޭޒް ވިދާޅުވިއެވެ.

މިހާތަނަށްއައިއިރު ސުޕަ ލީގާއެކު ކުރިއަށްދިއުމަށް ޔޫރަޕްގެ ބޮޑު 12 ކްލަބަކުން ސޮއިކޮށްފައިވާއިރު، ޖަރުމަނުގެ ގަދަ ބާރުތައް ކަމަށްވާ ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑްގެ އިތުރުން ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން ބައިވެރިވެފައެއްނުވެއެވެ.