English Edition
Dhivehi Edition

މީހެއްގެ އެއްޗެއް ވިއްޔާ ވާނީ ހަމަ އެމީހަކަށެވެ. ބައެއްގެ އެއްޗެއްވިޔަސް އެ އެއްޗެއްގެ ހައްގުވެރި ފަރާތަށްވާނީ އެ ބައެކެވެ. އަހަރުމެންނާ ހަމައަށް ދިވެހިންގެ އާދަކާދައާއި ބަސްކޮށާރު އަދި ދިރިއުޅުމުގެ ވައްޓަފާޅިއަކީވެސް އަހަރުމެންގެ ތަރިކައެވެ. މި ކަންތައްތަކަކީ މިކަންތައްތައް ދިރުވަން މަސައްކަތްނުކޮށްފިނަމަ ވަޅުޖެހި ގެއްލިގެންދާނެ ކަންތައްތަކެއްކަން ޔަގީނެވެ. އަޅުގަނޑުމެންގެ މި ޖީލާ ހަމައަށް މިފަދަ ކަންކަން ގެނެސްދިން ބަޔަކީ މި ގައުމުގެ ކާބަފައިންކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. ޘަޤާފަތާއި، އާދަކާދައަކީ ޤައުމެއްގެ، މުޖުތަމައެއްގެ އަހުލުވެރިންގެ ދިރިއުޅުން ބިނާކުރުމުގައި ކޮށްއުޅޭ މަސައްކަތާއި ގެންގުޅޭ ހުނަރުވެރިކަމާ، އަދި އެބައެއްގެ މެދުގައި އޮންނަ ދީނީ، ޘަޤާފީ އަދި މަދަނީ އާދަކާދަޔާ ބެހޭ ގޮތުން ދޫދޫމަތިން ނުރަސްމީ ގޮތުގައި ވާރުތަވަމުން އަންނަ ނުރަސްމީ މަޢުލޫމާތެވެ.
މިހާތަނަށް ލިޔެފައިވާ ދިވެހީންގެ ތާރީޚުން އެނގެނީ އިހުޒަމާނުގައި ދިވެހިންނަކީ ހިންދުކަނޑުގެ ބޮޑެތި ޤައުމުތަކުގެ އަހުލުވެރިން ޤަބޫލުކޮށް އުޅުނު ދީންތަކަށް ތަބަޢަވަމުން އައި ބައެއްކަމެވެ. މިދީންތަކުގައި ކަނޑައެޅިގެން ބުޑިސްޓު ދީން ފާހަގަ ކުރެވެއެވެ. އަދި މިހާތަނަށް ކޮށްފައިވާ އާކިއޮލޮޖިކަލް މަސައްކަތުގެ ނަތީޖާއިން މިކަށް ސާބިތު ކޮށްދެއެވެ. ދިވެހީން އިސްލާމްދީން ޤަބުލުކުރުމަށްފަހު ދީނުގެ އާދަކާދައާއި ޡަޤާފަތް އިސްލާމީ ޡަޤާފަތަކަށް ބަދަލު ކުރުމަށް ވަނީ މަސައްކަތްކޮށްފައެވެ. ވީމާ މިހާރު މިއޮތްދިނީ ކަންކަމާ ގުޅިފައިވާ އާދަކާދަތަކަކީ، ކުރީޒަމާނުގެ ދިވެހިއާދަކާދަ އާއި ފަހުން ބަދަލު ގެނެވުނު އިސްލާމީ އާދަކާދައާ ގުޅިލާމެހިފައިވާ އާދަކާދަތަކެކެވެ. އިސްލާމީ ހިދާޔަތު ދިވެހިންނަށް ލިބިގެންދިޔުމަކީ ދިވެހިންގެ ފަޚްރެކެވެ.
ދިވެހިންގެ މަސައްކަތްތެރިކަމަށް ބަދަލު އައިސްފައިވަނީ 19 ވަނަ ޤަރުނުގެ ފަހުގައިކަން ( ޔޫރަޕަށް ސިނާޢީ އިންޤިލާބު އައުމުގެ ފަހުން) ފާހަގަ ކުރެވެއެވެ. ނަމަވެސް އެޒަމާނުގެ ކުރިންވެސް ދިވެހިންނަކީ ފުދުންތެރި ބައެއްކަން ސާބިތު ކޮށްދީފައިވެއެވެ. އަދި އެޒަމާނަކު ދިރިއުޅުމަށް ބޭނުންވާ ކަންތައް އެޒަމާނެއްގެ ފާޑަށް ކުރަމުން ގެންދިޔައެވެ. ދިވެހިންނަކީ ކުރީޒަމާނުގައި ދުނިޔޭގެ އެހެނިހެން ތަންތަނާ އިޤްތިޞާދީ ރޮނގުން ވަރަށް ކުޑަކޮށް ގުޅުންހުރި ބަޔަކަށްވިޔަސް ދިވެހިންގެ މިޒާޖުގައި އަމިއްލަ ވަންތަކަށް އެއިރުވެސް ހުންނާތީ، އެބައިމީހުންގެ ފުއްދުންތެރިކަމާއެކު ދިރިއުޅުން ކުރިއަށް ގެންގޮސްފައިވެއެވެ. މި ދެންނެވި ގޮތަށް ދިވެހިންގެ މައިގަނޑު މަސައްކަތަކަށްވެފައި އޮންނަނީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ. ދިވެހިންގެ މަސައްކަތުގައި ދެންހިމެނިފައި އޮތް ވަޑާމުގެމަސައްކަތުގެ އިތުރުން ރާވެރިކަމާއި ކަނބުރުވެރިކަމާއި ފޭރާންވިޔުމާއި، ކިނާރީވިޔުން، ކުނާވިޔުމާއި ސާންތިވިޔުން، ދިވެހިލިބާސް ފެހުން އަދި ބޯވަޅު ގެތުމާއި ބޯވަޅުއެޅުން މިހުންނަނީ ދިވެހިންގެ ފަންނުވެރިކަން ދައްކައިދޭ މަސައްކަތެވެ. އިސްވެ ލިޔެވުނު ބައެއްކަހަލަ މަސައްކަތްތަކަކީ މިހާރު ހަމައެކަނި ލިޔުމަކުން ނޫނީ ނުފެންނަ މަސައްކަތްތަކެކެވެ.
ދިވެހިން އެވޭލާ ޒަމާނުންސުރެ ދަމަހައްޓަމުން އައި އާދަކާދައާއި ޘަޤާފަތްތައް ރައްކާތެރިކޮށް ދަމަހައްޓައި ކުރިއެރުވުމަށް ހުރިހާ އުމުރެއްގެ ހުރިހާ ފެންވަރެއްގެ މީހުން މަސްކަތްކުރަން މިވަނީ ޖެހިފައެވެ. ކުރީ ޒަމާނުގައި ކުޅެމުން އައި ކުޅިވަރުތަކުގެ ބަދަލުގައި މިހާރު މިވަނީ ޒަމާނީ ކުޅިވަރުތަކާއި މޯބައިލް ގޭމްތަކަވެ. އަޅުގަނޑުމެންނީ އަމިއްލަވަންތަ އަމިއްލަ ބަހެއް ލިބިފައިވާ ބަޔަކަށް ވީ ހިނދު މި ދެންނެވި ބަހުރުވައަށް ލޯބިކުރާ މަދު މީހަކު ހުރިކަމީ ދެރަވެ ހިތާމަކުރާކަމެކެވެ. އަޅުގަނޑުމެންގެ ތުއްތު ދަރިންނަށް ދަސްކޮށްދެނީ ކޮންމެވެސް ފަރަންޖީ ބަހަކުން ވާހަކަދައްކާށެވެ. މިގޮތަށް މިކަން ނުކުރެވޭ ކަމަށްވަނީނަމަ މިހާރު ފެންނަން ހުރި ކަންތައްތައްވެސް އުވިގޮސް ދިވެހި ރީތި އާދަތަކާއި ޘަޤާފަތްތައް ފުހެވި، ނެތިދިޔުމަކީ ވަރަށް އެކަށިގެންވާ ކަމެކެވެ. މިކަންތައް ތައް ކުރި އަރުވާ އާލާ ކުރުމަކީ ވަކި މީހެއް ވަކި ބައެއްގެ ކަމެއްކަމުގައި އަޅުގަނޑު ނުދެކެމެވެ. މިކަން ކުރި އެރުވުމަށްޓަކައި އަމިއްލަ ފަރުދުން، ޖަމްއިއްޔާ ޖަމާއަތްތައް، ރަށުފެންވަރުގައި، އަތޮޅުފެންވަރުގައި ވެސް މަސައްކަތް ކުރެވިދާނެ ކަންތައްތަކެކެވެ. ޒަމާނީ އާދަކާދަ ތަކާއި އެކު އިހުގެ އާދަކާތައްވެސް ދިރުވާ އާލާ ކުރުމަކީ އަހަރެމެން ކުރަންޖެހިފައިވާ ކަމެކެވެ. އެހެނީ ދިވެހި އާދަކާދަ އާއި ސަގާފަތަކީ ދިވެހިންގެ ތަރިކަމުދަލެވެ.