ދިވެހި މުޖުތަމަޢުގެ އިޖްތިމާޢީ ފޭރާން ނެގެހެއްޓުމަށާއި މުޖުތަމަޢުން ނެތެމުންދާ ބަދަހި ކަމާއި ލޯބި އާލަކުރުމަށްޓަކައި ދާދި ފަހުން އުފެއްދި ޖަމްޢިއްޔާ އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީ (އީ.އެމް.ސީ) އިން އިންތިޒާމްކޮށްގެން އެޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދުކަމަށްވާ، ލޯތްބާއި އިހްތިރާމު ނެގެހެއްޓުމުގެ މަޢުޟޫއަށް ވެބިނަރއެއް އިންތިޒާމްކޮށްފިއެވެ.
މުޖުތަމަޢުގެ ކޮންމެ ފަރުދަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ މި ވެބިނަރ އޮންނާނީ، 2020 ޑިސެންބަރު 12 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 2:00 އިން 3:00އަށް ޒޫމް މެދުވެރިކޮށް ވަރޗުއަލްކޮށް ކަމަށް އީ.އެމް.ސީން މަޢުލޫމާތު ދެއްވައެވެ.
އީ.އެމް.ސީން ބަޔާންކުރާ ގޮތުގައި މިވެބިނަރގައި ބައިވެރިންނާ މުޚާތަބްކޮށް މަޢުޟޫއަށް ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވަނީ އިޖްތިމާޢީ ކަންކަމުގައި އިސްސަފުގައި ޙަރަކާތްތެރިވާ، ވިލިޖޯލީގެ ޗީފް ވޮލަންޓިއަރ އަލްފާޟިލް މުޙައްމަދު ޝިހާބެވެ. ޝިހާބުގެ ވާހަކަފުޅު އަމާޒު ކުރައްވާނީ، މުޖުތަމަޢުގައި ޢާއްމުވަމުންދާ ނުތަނަވަސްކަމާއި، އަނިޔާވެރިކަމާއި އަދި އެކަންކަމުން އަރައިގަތުމަށްޓަކައި ޒިންމާދާރު ފަރުދުން ބިނާކޮށް އޯގާތެރި ޢާއިލާއެއް ބިނާކުރާނެ ގޮތުގެ މައްޗަށް ކަމަށް އީ.އެމް.ސީ މަޢުލޫމާތު ދެއްވައެވެ.
އީ.އެމް.ސީގެ ކޯ-ފައުންޑިންގ ޕްރެޒިޑެންޓް އާމިނަތު ރީމާ ރަޝީދު ފާހަގަކުރެއްވި ގޮތުގައި މިފަދަ ސެޝަނެއްގައި ބައިވެރިވުމަކީ، އަމިއްލަ ނަފްސު ތާޒާކޮށް، ވަށައިގެންވާ މާޙައުލާއި ހިނގަމުންދާ ކަންކަމާއި އަދި ގޯސް ކަންކަން ރަނގަޅު ކުރުމަށް ފަރުދީ ގޮތުން ކުރެވިދާނެ ކަންކަމާމެދު ފިކުރު ކޮށްލުމަށް މަގު ކޮށައިދޭނެ ކަމެކެވެ. އަދި އެމަގުން ޢަމަލުތައް ބައްޓަން ކުރެވޭނެނަމަ ސެންސް އޮފް ޕާރޕަސް ނުވަތަ ބޭނުންތެރިކަމުގެ އިޙްޞާޞް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އީ.އެމް.ސީގެ އަމާޒަކީ މިފަދަ ތަފާތު ޙަރަކާތްތަކުގެ ތެރެއިން މުޖުތަމަޢު ބަދަލު ކޮށްލުންކަމަށް އެޖަމްޢިއްޔާއިން މަޢުލޫމާތު ދެއްވައެވެ. އަދި ޢާއްމު ސިއްޙާތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވި މުޖުތަމަޢު ޢާއްމު ޙާލަތަކަށް ރުޖޫޢަ ވުމުން، ޖަމްޢިއްޔާގެ ޙަރަކާތްތައް އިތުރަށް ފުޅާވެގެން ދާނެ ކަމުގެ ޔަޤީންކަން އީ.އެމް.ސީން ދެއްވައެވެ.
އީ.އެމް.ސީން މިފަހަރު ކުރިއަށް ގެންދިއުމަށް މި ހަމަޖެހިފައިވާ ވެބިނަރގެ މަޢުލޫމާތު ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖުން ލިބިވަޑައިގަންނަވާނެއެވެ. އަދި މި ވެބިނަރގައި ބައިވެރިވެލެއްވުމަށް ތިރީގައިވާ ފޯމު ފުރިހަމަކޮށްލުމުން ވެބިނަރ ލިންކް ފޯރުކޮށްދޭނެކަމަށް އީއެމްސީން މަޢުލޫމާތުދެއްވައެވެ.