English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް "ތާރީޚް ދީބާ މަހަލް"، ފޮތް ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފްޢަލީ، އަރުވަނީ/ ފޮޓޯ ރައީސްއޮފީސް

ތާރީޚު އެންމެ ފުރިހަމައަށް ދިރާސާކޮށް ތާރީޚީ ލިއުން ރައްކާ ކުރެވޭނީ އެޒަމާނެއްގައި އެކަމެއް ލޮލުންދެކެ އަތުން ހިފި ބަޔަކަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައި މި ވަނީ، އަލްޤާޞީ ޙަސަން ތާޖުއްދީން ލިޔުއްވާފައިވާ “ތާރީޚް އިސްލާމި ދީބާ މަޙަލް” ގެ ދިވެހި ތަރުޖަމާ ރަސްމީކޮށް ނެރެދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ތާރީޚު ދިރާސާކޮށް، ތާރީޚީ ލިޔުންތައް ރައްކައުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ކަމުގައި އިސްކަންދޭންވީ ހަމައެކަނި އިހުގެ ތާރީޚަށް ނޫން ކަމުގައެވެ. އަދި، އެއިރެއްގައި ކަން ހިނގަމުންދާ ގޮތް، އެއްވެސް ތަޢައްޞުބެއް ނެތި، ތެދު ބަހުން ހާމަކުރުމަށް އިސްކަންދިނުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ދިގު އަދި މުއްސަނދި ތާރީޚު ދިރާސާކޮށް، ލިޔެ، ރައްކައުކުރުމަކީ، ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ކޮނޑުގައި އެޅިފައިވާ ޤައުމީ މަސައްކަތެއް ކަމަށާއި ރާއްޖޭގެ ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގެ ކަމާގުޅޭ ފެކަލްޓީތަކުން، ރާއްޖޭގެ ތާރީޚާ މެދު މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ދިރާސާކުރަން ޖެހިފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި، ދަރިވަރުންނަށް އެ ކަމަށް ހިތްވަރުދެއްވައި، ދިވެހި ބަހުގެ އެކެޑަމީގެ އެހީތެރިކަމާއެކު، އެ މަސައްކަތް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ފެއްޓެވުމަށް އެ މަނިކުފާނު ގޮވައިލެއްވިއެވެ.

“މިފޮތުގައި ހުރި ވާހަކަތަކަށް ބަލާއިރު، މިއީ ހަމައެކަނި ތާރީޚު ފޮތެއް ވެސް ނޫން. މިއީ ދުނިޔަވީ ކަންކަމުގައި ހެޔޮ އިރުޝާދު ބޭނުންވާ މީހަކަށް ވަރަށް ބޭނުންތެރި އަގުހުރި ނަޞޭޙަތްތަކެއް. އިންސާނީ ތާރީޚުގެ ފަތްފުށްތަކުން ޢިބްރަތް ޙާޞިލްކުރަން އެދޭ މީހަކަށް ވެސް، އެތައް ދަރުސްތަކެއް ލިއްބައިދޭނެ ފޮތެއް،” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

“ތާރީޚް އިސްލާމި ދީބާ މަޙަލް” އަކީ، ރާއްޖޭގެ ދިގު ތާރީޚާ ގުޅޭގޮތުން ދިވެއްސަކު ލިޔުއްވާފައިވާ އެންމެ ފުރަތަމަ ފޮތެވެ. އަލްޤާޞީ ޙަސަން ތާޖުއްދީން މި ފޮތުގެ އަސްލު ލިޔުއްވާފައި ވަނީ ޢަރަބި ބަހުންނެވެ. ރައީސުލްޖުމްހޫރިއްޔާ މި ފޮތް ސިފަކުރައްވަނީ ރާއްޖޭގެ ތާރީޚުގެ ވަރަށް އަގުހުރި ރަން މުތެއްގެ ގޮތުގައެވެ. އަދި، ޤައުމީ ތަރިކައެއްގެ ގޮތުގައެވެ. އެ މަނިކުފާނު ވިދާޅުވީ، މި ފޮތަކީ ކިޔަވާ ކުދިންނަށް ލިބުނު ވަރަށް އަގުހުރި ޢިލްމީ ހަދިޔާއެއް ކަމުގައެވެ. އަދި، ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ވަރަށް އިތުބާރު ހުރި މަޞްދަރެއް ކަމުގައެވެ.