English Edition
Dhivehi Edition

ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްޕުޅު ކުރެއްވި އަދި ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު މިއަދު އަވަހާރަވެއްޖެއެވެ.

ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ އަލްމަރުހޫމް ދިއްދޫ އިބްރާހިމް ކަލޭފާނުގެ ދޮށީ ދަރިކަނބަލުން ނާއިލާ އަވަހާރަވީ އުމުރުން 72 އަހަރުގައެވެ. ނާއިލާ އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މިއަދު ހެނދުނު އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

އަމީނިއްޔާ ސްކޫލްގައި ވަރަށް ދިގު މުއްދަތެއްގައި ޚިދުމަތްތަކުރައްވާފައިވާ ނާއިލާ ވަނީ އެ ސްކޫލްގެ އިނގިރޭސި އަދި ހިސްޓަރީ ޓީޗަރެއްގެ ގޮތުގައި ވަރަށް ދިގު މުއްދަތަކައް ހިދުމަތްކުރައްވާފައެވެ، މީގެ އިތުރުން ނާއިލާވަނީ ޣިޔާސުއްދީން ސްކޫލްގައި ވެސް މަސައްކަތްޕުޅު ކުރައްވާފައެވެ.

“މިހާރު” ގެ އެގްޒެކެޓިވް ޑިރެކްޓަރު ވާއިލް ޒާހިރު ހުސައިނާއި މީރާ ބޯޑުގެ ޑެޕިއުޓީ ޗެއާޕާސަން ލީނާ ޒާހިރު ހުސައިނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ލުބްނާ މުހައްމަދު ޒާހިރު ހުސައިންގެ މަންމާފުޅު ނާއިލާ ވަނީ ކެއްކުމާ ގުޅޭ ބައެއް ފޮތްތައް ވެސް ލިޔުއްވާފައެވެ.

ނާއިލާގެ ޖަނާޒާ ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަދު އަސުރު ނަމާދަށްފަހުއެވެ.