English Edition
Dhivehi Edition

ސްކޫލް ކުދިންގެ މަންހަޖުގައި ހިމަނައިގެން ދެން ފެށޭ ދިރާސީ އަހަރު ޤައުމިއްޔަތު މާއްދާ ކިޔަވައިދޭން ރަސްމީކޮށް ފަށާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ޤައުމިއްޔަތުގެ މާއްދާ ލ. އަތޮޅު ސްކޫލްތަކުގައި ކިޔަވައިދޭން ފެށުމާމެދު މާވަށު ސްކޫލުގެ ޕްރިންސިޕަލް، ލ.މާވަށު، ދުންފިނިގޭ، ޒުލައިޚާ ރަފީޢު، ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ މިހާރު ހިނގަމުންދަނީ ޤައުމިއްޔަތު މާއްދާގެ ޕައިލެޓް ޕްރޮޖެކްޓް ކަމަށާއި، އެޑިޔުކޭޝަން މިނިސްޓްރީއިން ޚިޔާރު ކުރި 11 ސްކޫލަކާއިއެކު މިވަގުތު ކުރިއަށްދަނީ ޕައިލެޓް ކުރުމުގެ އެކިކަހަލަ މަސައްކަތްތައް ކަމަށެވެ.

މިއާއިއެކު ރައީސް ވަނީ އެހުރިހާ ކަމެއް ނިމުމުން އަންނަ ދިރާސީ އަހަރު ޤައުމިއްޔަތު މާއްދާ ކިޔަވައިދޭން ފައްޓަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

“މިހާރު ޤައުމިއްޔަތު މާއްދާގެ އެ ހިނގަނީ ހަމައެކަނި ޕައިލެޓް ޕްރޮޖެކް ފޭސް. 11 ސްކޫލެއް އެޑިޔުކޭޝަން މިނިސްޓްރީ އިން ޚިޔާރުކުރައްވައިގެން އެކިކަހަލަ ޕައިލެޓް ކުރުމުގެ މަސައްކަތްތަކެއް އެ ހިނގަނީ. މިހުރިހާ ކަމެއް ނިމުނީމަ އިރާދަކުރެއްވިއްޔާ ދެންފެށޭ ދިރާސީ އަހަރު ޤައުމިއްޔަތު މާއްދާ ރޯލްްއައުޓް ކުރެވިގެން ދާނެ,” ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ ފަރާތުން ހުށަހަޅުއްވާ ސުވާލުތަކަށް ކޮންމެ ދުވަހަކުވެސް ވަގުތު ލިބިވަޑައިގަތް ވަރަކުން އެމަނިކުފާނު ޖަވާބުދެއްވަމުން ގެންދަވާނެއެވެ. ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ކުރާ ސުވާލަށް ދެއްވާ ޖަވާބު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ މީސްމީޑިއާ މަންސަތަކުން ކޮންމެ ދުވަހަކުވެސް ޢާންމުކޮށް ހިއްސާކުރަމުން ގެންދާނެއެވެ.