އައްޑޫ ވުމެންސް ޑިވެލޮޕްމެންޓް ކޮމިޓީ (ޑަބްލިއުޑީސީ) އާއި ވިލާ ކޮލެޖް ގުޅިގެން ހޮސްޕިޓަލިޓީ ޓްރެއިނިންގް ސްކިލްސް ޕްރޮގްރާމެއް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި ޓްރެއިނިންގް ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް އެއްބަސްވުމުގައި ‘ޑަބްލިއުޑީސީ’ގެ ފަރާތުން ސޮއިކުރެއްވީ، އައްޑޫގެ އަންހެންނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކެމެޓީގެ ރައީސާ ޝެހެނާޒް ރަޝީދުއެވެ. ވިލާ ކޮލެޖުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓާރ އަބްދުﷲ ސާދިގްއެވެ.
ތިން ހަފްތާގެ މުއްދަތަށް ދެމިގެންދާ މި ޓްރެއިނިންގް ޕްރޮގްރާމުގައި ޖުމްލަ 21 ބައިވެރިން ބައިވެރިވާނެއެވެ. މި ޕްރޮގްރާމުގެ މަގްސަދާ ބެހޭ ގޮތުން ޑަބްލިއުޑީސީގެ ރައިސާ ޝެހެނާޒް ވިދާޅުވެފައިވަނީ، ގޭގައި އެއްވެސް ކަމެއް ނެތި އަންހެން ކުދިން ތިބުން މަދު ކުރުމަށާއި، ގެސްޓް ހައުސް ވިޔަފާރި އައްޑޫގައި އިތުރުވަމުން ދިއުމާއެކު އެފަދަ ކުދިންނަށް ހޮސްޕިޓަލިޓީ ދައީރާއިން ފުރުސަތު ހޯދައި ދިނުމަށް އަންހެނުންގެ ކޮމެޓީއިން މިފަދަ ކަމަކަށް އިސް ނެގީކަމަށެވެ.
ޝެހެނާޒު ވިދާޅުވި ގޮތުގައި މި ކޯހުގެ ސަބަބުން ސާވިސް ދާއިރާގެ ކޮންމެ ތަނެެއްގައި ނަމަވެސް، ކޯސް ނިންމާ ކޮންމެ ބައިވެރިއަކަށްވެސް ސާވިސް ދާއިރާގެ މުއާމަލާތް ކުރެވޭނެ ކަމުގެ ޔަގީންކަން އޮންނާނެ ކަމަށެވެ. އަދި ކޯހުގައި ކިޔަވައި ދިނުމުގެ އިތުރުން މަސައްކަތުގެ މާހައުލުގައިވެސް ތަމްރީން ލިބުމުގެ ފުރުސަތު ލިބޭނެ ކަމަށް ޝެހެނާޒް ފާހަގަ ކުރެއްވިއެވެ.
ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓާރގެ ވާހަކަ ފުޅުގައި ވިދާޅުވިގޮތުގައި މިފަދަ ޕްރޮގްރާމްތަށް ނިންމާ ކުދިންނަށް ވަރަށް ގިނަ ފުރުސަތުތަށް އެބައޮތް ކަމަށެވެ. އެގޮތުން ވިލާ ކޮލެޖުން ހިންގާ ސްޕޮންސާޑް ޕްރޮގްރާމް ތަކުގައި މި ކުދިންނަށް އިސްކަން ދެވޭނެ ކަންވެސް ފާހަގަ ކުރެއްވިއެވެ.
މި ޕްރޮގްރާމް އަކީ ޑަބްލިއުޑީސީ، އައްޑޫ ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު ވިލާ ކޮލެޖުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ރަސްމީއްޔާތުގައި އައްޑޫ ސީޓީ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް އަދި އަންހެނުންގެ ކޮމެޓީގެ މެންބަރުން ވަނީ ބައިވެރި ވެވަޑައިގެންފައެވެ.