English Edition
Dhivehi Edition

އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ސިއްހަތަށް ފައިދާހުރި މީރު ފޮނިއެއްޗެއް ތައްޔާރު ކުރާނެގޮތުގެ ރެސިޕީއެކެވެ. އޯޓްސް ދޮންކެޔޮ ޕޭންކޭކް އަކީ ގިނަގޮތަކުން ފައިދާ ތަކެއް ކުރާނެ ޕޭން ކޭކް އެކެވެ. ގޮވާމުގެ ބާވަތްތަކުގެ ތެރެއިން އެންމެ ފައިދާ ބޮޑު ގޮވާމެއް ކަމުގައިވާ އޯޓްސް އަކީ ވިޓަމިންސް އާއި މިނެރަލްސް ގިނަ ފައިބަރ ގިނަ ގޮވާމެކެވެ. ހަކުރު މައްޗަށް ދާ ބެފުޅުންނާއި ކޮލެސްޓްރޯލް މައްޗަށް ދާ ބޭފުޅުންގެ އެމައްސަލަތައް ހައްލު ކޮށްދޭ އޯޓްސް އަކީ ކުޑަ އެތިކޮޅެއް ކާލުމުންވެސް ބަނޑު ފުރި ހަށިގަނޑު ލޮނޑު ކޮއްލުމުން ދުރުކޮށްލާނެ އެއްޗެކެވެ.

 

ބޭނުންވާ ތަކެތި:

ދޮންވެފައިވާ 2 ދޮންކެޔޮ

2 ކުކުޅު ބިސް

1 ތަށި އޯޓްސް

އިތުރަށް މީރުކޮށްލަން ބޭނުން ނަމަ ( ކެޝޫނަޓްސް، ހިކިމޭބިސްކަނދުރު، ސިނަމަން ބެރީސް) ބޭނުން ކުރެވިދާނެއެވެ.

 

ތައްޔާރުކުރާނެގޮތް:

ފުރަތަމަ ދޮންވެފައިވާ ދޮންކެޔޮތައް ތޮށި ނެއްޓުމަށްފަހު ބްލެންޑިންގް މިކްސްޗަރަށް އަޅުއްވާށެވެ. އެއަށްފަހު ކުކުޅު ބިސް އަދި އޯޓްސް ތަށި ވެސް މިކްސްޗަރަށް އަޅުއްވާށެވެ. ރަނގަޅަށް ހުރިހާ އެއްޗެއް ބްލެންޑް ވަންދެން މިކްސަރުން ބްލެންޑް ކޮށްލާށެވެ. އެއަށްފަހު ޕޭންކޭކް ފިހާ ތަތްނުލަވާ ތަވާ އުނދުންމައްޗަށް އުދާލައި ޕޭންކޭކް ފިހާ އުސޫލުން ފިހަމުން ގެންދާށެވެ. އާދައިގެ ޕޭން ކޭކްއާއި ތަފާތުކޮށް އޯޓްސް ދޮންކެޔޮ ޕޭންކޭކް ފިހަން ކުޑަކޮށް ދަތި ކަމެއް ހުރެދާނެއެވެ. އެހެން ކަމުން ޕޭން ކޭކް ފުށުން ޖަހާނީ ރަނގަޅަށް ފިހެވުމުންނެވެ.

ޕޭންކޭކް ރަނގަޅަށް ފިހެވުމުން ޕޭންކޭކް މައްޗަށް ގާނިޝް ކޮއްލަން ކެޝޫނަޓްސް، ހިކިމޭބިސްކަދުރު، ސިނަމަން ބެރީސް އަޅާލެވިދާނެއެވެ. ސިއްހަތަށް ފައިދާ ހުރި މި ޕޭންކޭކް އަކީ ކުޑަކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށްވެސް ފައިދާ ހުރި މީރު ޕޭންކޭކް އެކެވެ.