English Edition
Dhivehi Edition
10 މާރިޗު 2020 ވަނަ ދުވަހު 19 ވަނަ މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާގައި ރައީސް ނަޝީދު ރިޔާސަތު ބަލަހައްޓަވަނީ - ފޮޓޯ: މަޖިލިސް

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީ އާއި ގުޅިގެން އެ ޕާޓީގެ ލީޑަރޝިޕް އިސްތިއުފާ ދޭންޖެހޭ ސަބަބެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ނޫސްވެރިއަކު ވަނީ މި ނާކާމިޔާބީ އަކީ ޕާޓީގެ ލީޑަރޝިޕް ފެއިލްވުންކަމުގައި ގަބޫލުކުރައްވާތޯ ސުވާލުކޮށްފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދުވަނީ އެއީ ލީޑަރޝިޕް ފެއިލްވުން ކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ. މި އިންތިހާބުގެ ނާކާމިޔާބީ އާއި ގުޅިގެން ޕާޓީ އާއި ދުރަށް ވަޑައިގަންނަވަން ގަސްތުކުރައްވާތޯ ވިދާޅުވެ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ޕާޓީން ދުރަށް ޖެހިވަޑައިގަތުމަށް ގަސްތުނުކުރައްވާކަމަށެވެ.

އިތުރަށް ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބެއްގައި ބައްޔެއް ވުމަކީ އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ނޫން ކަމަށާއި އަދި އެއީ ދުނިޔޭގެ އެއްވެސް ގައުމެއްގެ ޕާޓީ ލީޑަރަކު ކުރެއްވި ކަމެއް ނޫން ކަމަށެވެ. އިއްޔެ ބޭއްވި އިންތިހާބުގައި އެ ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީ އަކީ ރަނގަޅު ކެންޑިޑޭޓުން އިހްތިޔާރު ނުކުރެވުމުން ލިބުނު ނާކާމިޔާބީއެއް ނޫންކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އިތުރަށް ރައީސް ނަޝީދު ވަނީ ކާމިޔާބު ނުލިބުނު ސަބަބާއި ގުޅޭ ގޮތުން މަޑުމަޑުން ވިސްނަންޖެހޭނެކަމަށެވެ.