ފުރަތަމަ ފަހަރަށް އެމްޑީޕީއަށް އައްޑޫ ސިޓީ ކައުންސިލްގެ ސުޕަ މެޖޯރިޓީ ގެއްލިއްޖެ އެވެ.
އިއްޔެ ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން ، މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް ނެގުނީ ހަތް ގޮނޑި އެވެ. ދެން ކާމިޔާބު ހޯދީ އިދިކޮޅު ޕީޕީއެމުން ތިން ގޮނޑި އަދި އަމިއްލަ ތިން ކެންޑިޑޭޓެކެވެ.
މިއީ ލޯކަލް ކައުންސިލް އިންތިޚާބުގެ ތާރީޚުގައި އެމްޑީޕީއަށް އައްޑޫސިޓީގެ ގޮނޑިއެއް ގެއްލުނު ފުރަތަމަ ފަހަރެވެ. ފާއިތުވެދިޔަ ތިން އިންތިޚާބު ވެސް އެމްޑީޕީން ކާމިޔާބުކޮށްފައިވަނީ %100 އާ އެކުގައެވެ.
އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވެސް ވަނީ މިހާރު ތިއްބެވި ގިނަ ކައުންސިލަރުން ބަލިކުރައްވައި އެމަގާމަށް ކުރިމަތިލެއްވެވި އެހެން ކެންޑިޑޭޓުން ނަށް ފުރުސަތު ލިބިލައްވަވާފައެވެ. ޕްރައިމަރީގައި ޓިކެޓް ލިބިގެން ދިޔައީ މިހާރުވެސް ކައުންސިލަރެއްގެ މަގާމުގައި ހުންނެވި ޖަމްޝީދާ މުޙައްމަދަށް އެކަންޏެވެ. ނަމަވެސް ވާދަވެރި ކެމްޕެއިނަކަށް ފަހު އެ ގޮނޑިވެސް ކާމިޔާބު ކުރެއްވެވީ އަމިއްލަ ޓިކެޓްގައި އެމަގާމަށް ވާދަކުރެއްވެވި އަދާލާ ރަޝީދެވެ.
ވަގުތީ ނަތީޖާތައް ދައްކާ ގޮތުން އައްޑޫސިޓީން އެމްޑީޕީއަށް ލިބިފައިވަނީ %53 އެވެ.