English Edition
Dhivehi Edition
އައްޑޫސިޓީގެ ނޫރާނީ ސްކޫލުގައި ވޯޓުލުން ކުރިއަށް ދަނީ: ފޮޓޯ އަލީނާސިރު/ އޭއޯ ނިއުސް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާުބުގެ ވޯޓުލުން މިއަދު 7:00 އިން ފެށިގެން ކުރިއަށް ދާއިރު މާލެފިޔަވައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު އައްޑޫސިޓީގައި ވެސް ވޯޓުލުމުގެ ފޯރި ކުޑަކަމަށް އިންތިޚާބާއި ގުޅޭ ކަންކަމުގައި ހަރަކާތްތެރިވާ އޮފިޝަލުން ބުނެފިއެވެ.

މި އިންތިޚާބުގައި އައްޑޫގެ އެކި އެކި ސްކޫލްތަކުގައި މުޅި އެކު 27 ވޯޓްފޮށި ބަހައްޓާފައިވެ އެވެ.

ކަނޑައެޅިފައިވާ ގަޑިއަށް ވޯޓުލުން ކުރިއަށް ގެންދަމުން ދިޔަ ނަމަވެސް އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު ވޯޓުލާން ދިގު ކިޔޫއެއްވެސް ނެތެވެ.

ބައެއް އޮފިޝަލުން ބުނީ ވޯޓުލުމަށް މީހުން ނެރުމުގައި ދަތިތައް ހުރި ކަމަށާއި ރަމަޟާން މަހަށް ތައްޔާރުވުމުގައި ބިޒީ ވުމާއި މިވަގުތުގެ ސިއްހީ ޙާލަތު އެކަމަށް ހުރަސް އަޅާ ކަމަށެވެ. އެހެންނަމަވެސް ބެލެވެނީ ހަވީރު ވުމުން ގިނަ މީހުން ވޯޓުލާން އަންނާނެކަމަށެވެ.

މި އިންތިހާބުގައި އައްޑޫ ކައުންސިލަށް 13 މެމްބަރަކު އިންތިހާބު ކުރާނެ އެވެ. އެކަމަކު އިންތިހާބާ ނުލައި ތިން ކެންޑިޑޭޓަކަށް ކުރިން ވަނީ ގޮނޑި ކަށަވަރުވެފައެވެ.

މި ފަހަރު އިންތިހާބު މި ބާއްވަނީ ކައުންސިލަށް ހޮވާ މެމްބަރުންނާ އެކު، މޭޔަރުގެ މަގާމަށް ވެސް ރައްޔިތުންނަށް ވޯޓްލެވޭ ގޮތަށެވެ. މޭޔަރު ކަމަށް އެމްޑީޕީގެ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރެވެ. އިދިކޮޅު ޕީޕީއެމުން އެ މަގާމަށް ވާދަކުރައްވަނީ މުހައްމަދު ލަތީފު (ވޮލީ ލަތީފު) އެވެ. ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރޭގައި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ވެސް ހިމެނެ އެވެ.

މި އިންތިހާބުގައި މުޅި ރާއްޖެއިން ވޯޓުލުމުގެ ހައްގު 273،182 މީހުންނަށް ލިބިފައިވެ އެވެ. ކައުންސިލްތަކަށް 2،234 ކެންޑިޑޭޓުން ކުރިމަތިލާފައިވާ އިރު، އަންހެނުންގެ ކޮމިޓީތަކަށް 1،580 ކެންޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.