English Edition
Dhivehi Edition
. ގދ. ތނަދޫގައި ވޯޓުލުން ކުރިއަށް ދަނީ: ފޮޓޯ އަރޫޝާ/ އޭއޯ ނިއުސް

ކޮވިޑް-19ގެ ސަބަބުން ލަސްކުރަން ޖެހުނު ލޯކަލް ކައުންސިލް އިންތިހާބު 2020 ގެ ވޯޓުލުން މިއަދު މުޅި ރާއްޖޭގައި ފަށާފައިވާއިރު އިންތިޚާބުގައި މިނިވަންކަމާއެކު ވޯޓުލުމުގެ ޙައްގުގެ ބޭނުން ހިފުމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ގޮވާލައްވަވައިފިއެވެ.

މިއަދު ކުރިއަށްދާ ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދަނީ އެޗްޕީއޭއިން އެކުލަވާލާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އެވެ. ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 7:00 އިން ފެށިގެން ހަވީރު 5:00 އަށެވެ.

މިފަހަރުގެ ވޯޓު އެތައް ގޮތަކުން ތަފާތުވެފައިވާއިރު ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދަނީ ޖެހެނީ ބަލިމަޑުކަމެއްގެ ތެރޭގައި ކަމަށްވުމުން ވޯޓުލާ މަރުކަޒުތަކުގައި ބަލިން ރައްކާތެރި ވުމުގެ ފިޔަވަޅުތައް ވަނީ އަޅާފައެވެ. އެގޮތުން ވޯޓުލާ މަރުކަޒުތަކަށް ވަނުމުގެ ކުރިން ހުން ބެލުމާއި އަތް ސެނިޓައިޒް ކުރުމުގެ އިތުރުން އޮފިޝަލުން ވެސް ތިބެނީ ފޭސް ޝީލްޑް އަޅައިގެންނެވެ.

ތަފާތު އެކި ސަބަބުތަކާ ހުރެ ބައެއް ސެންޓަރުތަކުގައި ވޯޓުލުން ސީދާ 7:00 އަށް ނުފެށުނު ނަމަވެސް މިހާރު ގިނަ މަރުކަޒުތަކުގައި ވަނީ ވޯޓުލުން ފަށާފައެވެ.

ކޮވިޑް 19ގެ ބަލިމަޑުކަމުގެ ތެރޭގައި ކުރިއަށް މިދާ އިންތިޚާބުގެ ވޯޓުލުމާއި ގުނުމުގެ މަރުހަލާ އެހެން އަހަރުތަކަށް ވުރެ ލަސްވާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.