ނަޑެއްލާ އައިލެންޑް ޑެވެލޮޕްމެންޓް ސޮސައިޓީ (ނިޑްސް) ޖަމިއްޔާއިން އިސްނަގައިގެން އެންވަޔަރަންމަންޓް އާއި ގދ. ނަޑެއްްލާ ކައުންސިލާއި ގުޅިގެން “ކްލީން ނަޑެއްލާ” ގެ ނަމުގައި މަޝްރޫއެއް ފަށައިފިއެވެ.
އިންސްޓިޓިއުޓް އޮފް ގްލޯބަލް އެންވަޔަރަންމެންޓަލް ސްޓްރެޓެޖީ (އައި.ޖީ.އީ.އެސް) އިން ފަންޑު ކުރާ މިމަޝްރޫޢުގެ ދަށުން ތިމާވެއްޓާއި ރައްޓެހި ފޮތި ކޮތަޅު އެ ރަށުގެ ހުރިހާ ގޭބިސީއަކަށް ވަނީ ހަދިޔާ ކޮށްފައެވެ.
މިމަޝްރޫޢު އާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ނިޑްސްގެ އެގްޒެކެޓިވް ޑިރެކްޓަރު އަޙްމަދު ފިރާޒު ވިދާޅުވީ މިހާރު ނަޑެއްލާގެ 87 ގޭބިސީ ހިމެނޭހެން ކޮންމެ ގޭބިސީއަކަށް 04 ފޮތި ކޮތަޅު ހަދިޔާކޮށްފައި ވާނެ ކަމަށާއި އެރަށުގައި ގާއިމްކޮށްފައިވާ ސަރުކާރު މުއައްސަސާތަކަށާއި ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓް ތަކަށްވެސް ފޮތި ކޮތަޅު ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެއިތުރުން ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކުނި ނައްތާލުމަށް އެކި ބާވަތުގެ ކުނި ގޭބިސީތަކުން ވަކިކޮށް ގެއިން ކުނި ސެގްރިގޭޓް ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން ރައްޔިތުން އަހުލުވެރިކުރުވުމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ދޮރުން ދޮރަށް ކުރިއަށް ގެންގޮސްފައި ވާނެ ކަމަށްވެސް ފިރާޒު ވިދާޅުވިއެވެ.
ކްލީން ނަޑެއްލާ މަޝްރޫއުގެ ދަށުން ގޭގައި ކޮމްޕޯސްޓް ހެދުމާއި ބެހޭ ޓްރެއިނިންގ ޕްރޮގްރާމަކާއި “3R” (ރެޑިއުސް، ރީޔޫސް އެންޑް ރިސައިކަލް) ޕްރޮގްރާމެއް އާއްމުންނަށް ހުޅުވާލައިގެން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ރަށު ކައުންސިލުގެ ކުނި މެނޭޖްކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށްވެސް ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. ހަމައެހެންމެ އެ ރަށުގެ ސްކޫލް ދަރިވަރުންނަށް ޙާއްސަކޮށްގެން ރީސައިކްލިންގ ޓްރެއިނިންގ ޕްރޮގްރާމެއް ބޭއްވުންވެސް ކްލީން ނަޑެއްލާ މަޝްރޫއުގެ ތެރެއިން ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމަށް ނިޑްސް އިން މަޢުލޫމާތުދެއެވެ.
ނިޑްސް އިން ކްލީން ނަޑެއްލާ މަޝްރޫއުގެ ދަށުން އިތުރަށް ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކާއި ބެހޭގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއެކު މަޝްވަރާކޮށް 07 އެޕްރީލްގައި ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.