English Edition
Dhivehi Edition

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު ދައުވާ ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ހައިކޯޓުން މި ދައުވާ ބާތިލުކޮށްފައިވަނީ އަލީ ވަހީދު ދިރިއުޅުއްވާ ތަނެއް ހޯދުމަށް ދައުލަތަށް ދިން މުއްދަތުގައި އެކަން އެނގިފައިނުވާ ކަމަށް، ކޯޓަށް އަންގާފައި ވާތީއެވެ.

އިއްޔެ 14:00ގެ ކުރިން އަލީ ވަހީދު މިހާރު ދިރިއުޅުއްވާ އެޑްރެސް ހޯދުމަށްފަހު ކޯޓަށް ހުށަހެޅުމަށް ހައިކޯޓުން، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އަންގާފައިވާއިރު، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ދިން މުއްދަތުގައި އެ އެޑްރެސް ހޯދިފައިނުވާ ކަމަށް ޕީޖީއިން ހައިކޯޓަށް އެންގީ އިއްޔެގެ ވަގުތެއްގައެވެ.

ޖިންސީ ގޯނާ އާއި ރޭޕްކުރަން އުޅުމުގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް މިދިޔަ ފެބުރުއަރީ މަހުގެ 09 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އަލީގެ ޕާސްޕޯޓު ދޫކޮށް ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދީފަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމާއެކު އޭނާ ރާއްޖެއިން ބޭރަށް ފުރިއިރު ބަދަލުގައި ޖާމިނުވެފައިވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) އެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޖިންސީ ކުށުގެ ހަތް ދައުވާއެކެވެ. އެ ދައުވާތަކަކީ ޖިންސީ ކުށުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާއެވެ. އަދިގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އެވެ. މީގެ އިތުރުން ޤާނޫނުލްޢުޤޫބާތުގެ 412 ވަނަ މާއްދާ އާއި އެ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދަޢުވާ އާއި 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާއެވެ.